ENGLISH

03 ފެބްރުއަރީ 2026

Advertisement

އިންޑިޔާއާއެކު ވިޔަފާރި އެއްބަސްވުމެއް ގާއިމުކުރެވިއްޖެކަން ޓުރަމްޕު އިއުލާނުކުރައްވައިފި

03 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ފޮޓޯ: ނިއުޔޯކް ޓައިމްސް

އިންޑިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ޓެރިފު ފިޔަވަޅުތަކަށް ލުއިތަކެއް ހަމަޖައްސައިދިނުމުގެ ބަދަލެއްގެ ގޮތުން ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލައި، އެމެރިކާގެ ބައެއް މުދަލުން ނަގަމުން އައި ޓެރިފުތައް ކުޑަކުރުމަށް އިންޑިޔާއާއި އެމެރިކާގެ މެދުގައި އެއްބަސްވުމަކަށް ވާސިލުވެވިއްޖެކަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު އިއުލާނުކުރައްވަައިފިއެވެ. 

މި އެއްބަސްވުމާ ގުޅޭ މާގިނަ ތަފުސީލުތަކެއް ހިއްސާކުރެއްވުމެއް ނެތި މީސްމީޑިޔާގައި ރައީސް ޓުރަމްޕު ޝާއިއުކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ އެމެރިކާއިން އިންޑިޔާގެ ބައެއް އުފެއްދުންތަކުން ނަގަންް ނިންމާފައިވާ ޓެރިފު މިހާރު 18 އިންސައްތައަށް ދަށްކުރައްވާފައިވާ ކަމަށެވެ. 

ފާއިތުވި އަހަރު އެމެރިކާއިން އިންޑިޔާގެ ބައެއް އުފެއްދުންތަކުން ބޮޑު ޓެރިފެއް ނެގުމަށް ނިންމުމާ ގުޅިގެން ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވުމަށްފަހު މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ރަނގަޅުވެ، ޓުރަމްޕާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މެދުގައި އިހުއްސުރެ އޮތް ގާތްކަން އެގޮތުގައި ދެމިގެންދާނެ ކަމުގައި މުހައްލިލުން ދެކެވަޑައިގަންނަވައެވެ. 

މީސްމީޑިޔާގައި ޝާއިއުކުރެއްވި ޕޯސްޓެއްގަައި މޯދީ ވިދާޅުވެފައިވަނީ ޓެރިފުތައް ކުޑަކުރުމަށް އެމެރިކާއިން ނިންމުމުން އުފާކުރައްވާ ކަމަށެވެ. ނަމަވެސް އޭނާގެ ޕޯސްޓުގައިވެސް ދެ ގައުމުގެ މެދުގައި ގާއިމުކުރެވުނު އެއްބަސްވުމުގެ އިތުރު ތަފުސީލެއް ހާމަަނުކުރައްވައެވެ. 

މޯދީ ވިދާޅުވި ގޮތުގައި ބޮޑު ދެ އިގުތިސާދު އަދި ދުނިޔޭގެ އެންމެ ބޮޑު ދެ ޑިމޮކްރަސީ އެކުއެކީ މަސައްކަތްކުރުމުން ދެ ގައުމުގެ ރައްޔިތުންނަށް އެކަމުން މަންފާވެ، ދެ ފަރާތަށް ފައިދާވާނެ ގޮތުގައި އެއްބާރުލައިގެން މަސައްކަަތްކުރުމަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. 

އެމެރިކާއާއެކު ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ އެހެން ގައުމުތަކެކޭ އެއްގޮތަށް އިންޑިޔާއާ ދެކޮޅަށްވެސް ޓުރަމްޕުވަނީ ވަރުގަދަ ޓެރިފުތަކެއް ތައާރަފުކުރައްވާފައެވެ. އޭނާ ގެންދަވަނީ އެ ޓެރިފުތަކަށް ވަގުތާ ގުޅޭ ގޮތުން ބަދަލުތައް ގެންނަވަމުންނެވެ. އެއީ އެ ގައުމުތަކާއެކު ވިޔަފާރީގެ އެއްބަސްވުންތައް ގާއިމުކުރެއްވުމަށް މަޝްވަރާކުރެއްވުމުގެ މަގުސަދުގައެވެ. 

އިންޑިޔާއާއެކު އެމެރިކާއިން ފެށި ވިޔަފާރީގެ މަޝްވަރާތަކުގައި އެއްބަސްވުމަކަށް ނާދެވި އިންޑިޔާއާ ދެކޮޅަށް 25 އިންސައްތައިގެ ޓެރިފެއް ތައާރަފުކުރައްވަން ޓުރަމްޕު ނިންމެވިއެވެ. އަދި ފަހުން އެ ޓެރިފު ދެގުނަ ބޮޑުކުރެއްވުމަށް އޯގަސްޓު މަހުގައި ނިންމެވިއެވެ. 

ޓުރަމްޕު ވިދާޅުވި ގޮތުގައި ޓެރިފުތައް ކުޑަކުރެއްވުމަށް އެއްބަސްވެވަޑައިގަތީ މޯދީއާ މަޝްވަރާކުރެއްވުމަށްފަހުއެވެ. އެ މަޝްވަރާތަކުގެ ދެ ބޭފުޅުންވަނީ ތެޔޮ ގަތުމާމެދުވެސް މަޝްވަރާކުރައްވާފައެވެ. އަދި އެމެރިކާއިން ތެލާއި ޓެކްނޮލޮޖީއާއި ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ބޯޓުދެލި ފަދަ އެކި ވަސީލަތްތައް ބައްލަވައިގަތުމަށް މޯދީ އެއްބަސްވެވަޑައިގެންފައިވާ ކަމަށް ޓުރަމްޕު ވދިާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު