ENGLISH

03 ފެބްރުއަރީ 2026

Advertisement

ގދ. ފިޔޯރީގައި ޤާއިމުކުރާ މަސް ފެކްޓްރީއާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުން

03 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ގދ. ފިޔޯރީގައި ޤާއިމުކުރާ މަސް ފެކްޓްރީއާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނައިބު ރައީސް ފައްޓަވައިދެއްވުން. ފޮޓޯ: ރައީސް އޮފީސް

ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފްތިތާހުކޮށް ދެއްވައިފި. 

މި ރަސްމިއްޔާތު އޮތީ 2026 ފެބްރުވަރީ 2 ވަނަ ދުވަހު ގދ. ފިޔޯރީގައި. މި މަޝްރޫޢު ފެށުމުގެ ގޮތުން ފިޔޯރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަޝްރަފް ރަޝީދު ބައިވެރިވެވަޑައިގެންނެވި

މި މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢަކީ ގދ. ފިޔޯރީގެ އިތުރުން މުޅި ހުވަދުއަތޮޅުގެ މަސްވެރި އާއިލާތަކަށް އުޖާލާ މުސްތަޤުބަލަކަށް މަގުފަހިކޮށްދޭނެ އަދި އިޤްތިޞާދީ ފުދުންތެރިކަމާއި ސަރަހައްދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއްކަމުގައި ވިދާޅުވި.

ހަމަ އެއާއެކު މި މަޝްރޫޢު ފިޔޯރީގައި ކުރިއަށް ގެންދިޔުމަށްޓަކައި، ހުށަހެޅި ހުށަހެޅުމަށް ރައީސުލްޖުމުހޫރިއްޔާ، އިސްކަން ދެއްވައި ބެހެއްޓެވި ޚާއްޞަ ކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާ ކުރެއްވި. އަދި މިސަރަހައްދުގައި ދޮށީގެ މަސްވެރިކަން ނުހަނު ބޮޑަށް ފުޅާވެފައި އޮތުމާއެކު، ބާނާމަސް ކޫއްޑޫގައި އެކަނި ބަންދު ކުރެވެން ނެތުމުން، އެފަދަ މަޝްރޫޢެއް ހިންގަން އެންމެ ރަނގަޅު ސަރަހައްދަކީ މިސަރަހައްދު ކަމުގައި ވާތީ، ފިޔޯރީގައި މަސްބަންދުކުރާ ކާރުޚާނާއެއް އަޅުއްވަން ސަރުކާރުން ނިންމެވީކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވި.

ކިޔުންތެރިންގެ ހިޔާލު