ENGLISH

03 ފެބްރުއަރީ 2026

Advertisement

ވީއެމްސީއިން 2026 ވަނަ އަހަރުގެ ކުއާޓާލީ އިންސައިޓްސް ބްރީފިން ބާއްވައިފި

02 ފެބްރުއަރީ 2026

|

އައިޝަތު ޝާލީން

ވީއެމްސީގެ 2026 ވަނަ އަހަރުގެ ކުއާޓާލީ އިންސައިޓްސް: މޯލްޑިވްސް ޓޫރިޒަމް އިންޓެލިޖެންސް ބްރީފިންގެ ތެރެއިން -- ފޮޓޯ: ވީއެމްސީ

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާއި، ކަމާބެހޭ ފަރާތްތައް އެއްތަންވެ، ސިނާއަތުގެ މަޢުލޫމާތު ހިއްސާކޮށް، އަހަރުގެ ލަނޑުދަނޑިތަކާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް 2026 ވަނަ އަހަރުގެ ފުރަތަމަ "ކުއާޓާލީ އިންސައިޓްސް: މޯލްޑިވްސް ޓޫރިޒަމް އިންޓެލިޖެންސް ބްރީފިން" ބާއްވައިފިއެވެ. 

މި ބައްދަލުވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ސަބީހާ އަހުމަދު ވަނީ ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާއި، މާކެޓްތައް ބެހިފައިވާ ގޮތުގެ އިތުރުން ކުރިއަށް އޮތްތަނުގައި ޑިމާންޑް ހުންނާނެ ގޮތް ހުށަހަޅުއްވައިދެއްވާފައެވެ. އަދި ޗީފް ކޮމާޝަލް އޮފިސަރ ނަޞްރުﷲ އާދަމް ވަނީ މި އަހަރަށް ކަނޑައަޅާފައިވާ މުހިންމު ޕްރޮމޯޝަނަލް ހަރަކާތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، ކްރިއޭޓިވް ޑިރެކްޓަރ އަހުމަދު އަފްރު ރަޝީދު ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ކަނޑައަޅާފައިވާ ޑިޖިޓަލް މާކެޓިންގ ސްޓެރެޖީއާ ބެހޭ މައުލޫމާތު ދެއްވައި، ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ކުރިއަށް ގެންދާ "ސީ-ސޭޝަނަލް ސަމަރ" ކެމްޕޭން ތައާރަފުކޮށްދެއްވާފައެވެ. 

މި ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވަނީ، ފާއިތުވި އަހަރު ފަތުރުވެރިކަމަށް ލިބުނު ކާމިޔާބީއަށް އަލިއަޅުވާލައްވައި، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މާކެޓުގައި ރާއްޖެ ކުރިއަރަމުން އަންނަ މިންވަރު ފާހަގަކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް އަހަރު ފަތުރުވެރިކަން ކުރިއެރުވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަށް އަލިއަޅުވާލެއްވި އެވެ. 

މި ބައްދަލުވުން ނިންމަވާލައްވަމުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ޢަބްދުﷲ ގިޔާސް ވަނީ ކުއާޓާލީ އިންސައިޓް މި ވބައްދަލުވުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ ތަފާސްހިސާބުތަކާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ސިނާއަތުގެ ފަރާތްތަކާއެކު މެދުކެނޑުމެއް ނެތި މަޝްވަރާކުރުމަށް ލިބޭ މުހިންމު މަންސައެއްކަމުގައި ފާހަގަކުރައްވާފަ އެވެ. ރާއްޖޭގެ ފަތުރުވެރިކަން ފަހަކަށް އައިސް ހޯދަމުންދާ ކާމިޔާބީތަކާއި، ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށް އާމްދަނީ އިތުރުވެފައިވާކަން ޗެއާޕާސަން ޢަބްދުﷲ ގިޔާސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ފަތުރުވެރިންގެ ހަމައެކަނި އަދަދަށް އިސްކަންދިނުމުގެ ބަދަލުގައި، އެމީހުންގެ ފަރާތުން ލިބޭ ނަފާއާއި، ކުރާ ހޭދައާއި، އަދި ސީޒަނަލިޓީއަށް ބަލައިގެން ސްޓްރެޓީޖިކް ބަދަލުތަކެއް ގެނައުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. 

ސިލްސިލާކޮށް ބާއްވާ ކުއާޓާލީ އިންސައިޓްސް ބައްދަލުވުމަކީ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ޚިޔާލު ބަދަލުކުރުމަށް މަގުފަހިކޮށްދީ،  ފަތުރުވެރިކަމުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކާއި، ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކާއި، ބާޒާރުގެ ކުރިމަގާ ގުޅޭ ދިރާސީ މަޢުލޫމާތުތައް ފޯރުކޮށްދޭ ބައްދަލުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު