ENGLISH

02 ފެބްރުއަރީ 2026

Advertisement

ވަޒީރު މުއްތަލިބު ސިފަކޮށްްދެއްވީ މަސް ފެކްޓަރީއާއެކު ފިޔޯރީއަށް އަންނާނެ ތިޔާގިކަން

02 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު، ފޮޓޯ: ރައީސް އޮފީސް

މަސް ފެކްޓަރީއާއެކު ފިޔޯރީގައި ވަޒީފާތައް އިތުރުވެ އެ ރަށަކީ ކައިރި ރަށްރަށުގެ މީހުން ހިޖުރަކުރަން ބޭނުންވާ ރަށަކަށް ވާނެ ކަމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. 

ގދ.ފިޔޯރީގައި ގާއިމުކުރާ މަސް ފެކްޓަރީ އެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް، މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފެވެ. އެމަނިކުފާނުގެ އިތުރަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބާއި، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ބައިވެރިވެވަޑައިގަތެވެ. 

ފިޔޯރީއަކީ 2009 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމުމާ ހަމައަށް ރައްޔިތުންގެ މަޖިލީހުގައި ނައިބުރައީސް ތަމްސީލުކުރެއްވި ފަރެސްމާތޮޑާ ދާއިރާގައި ހިމެނޭ ރަށެކެވެެ.

އެ ފެކްޓަރީ އެޅުމަށް ބޭނުންވާ 6.5 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރީ ނޮވެންބަރު 8، 2025 ވަނަަ ދުވަހުއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަަނީ ސެން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާއެވެ. 

ފިޔޯރީގައި އަޅަން ނިންމާފައިވަނީ 3،000 މެޓްރިކްޓަނުގެ ކޯލްޑް ސްޓޯރޭޖާ އެކު ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ގާބިލުކަން ހުރި މަސް ކާރުހާނާއެކެވެ. މިއީ ދެކުނުގެ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރެއްވި ސިޔާސަތުގެ ތެރެއިން ކުރިއަށްގެންދާ މުހިއްމު މަޝްރޫއެކެވެ. 

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފިޔޯރީއަށް ނިސްބަތްވެވަޑައިގަންނަވާ އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވީ ފިޔޯރީއަކީ ކުރިން ފުޅާ ދާއިރާއެއްގަައި މަސްވެރިކަން ކުރަމުން އައި ރަށެއް ނަމަވެސް މިހާރު އެ ރަށުގެ މަސްވެރިކަން ނެތިވެ، އެ ރަށުގެ އިގުތިސާދު އެއްކޮށް ނެތިގެންދިއުމުގެ ބިރު ބޮޑުވެފައިވާ ކަމަށެވެ. މިހާރު އެ ރަށުގައި ސަރުކާރުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ކުންފުންޏަކުން ނޫނީ ވަޒީފާއެއް ލިބެން ނެތްކަމަަށާއި، ފަތުރުވެރިކަން ގެނައުމަށް ކުރެވުނު މަސައްކަތްވެސް ކާމިޔާބުވެފައި ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ. 

"މިއަދު މިފެށިގެންދަނީ މިދެންނެވި ކަންތައް ބަދަލުކުރުމުގެ މިސްރާބު. މިއަދު ފެށިގެންދާ މަސައްކަތާއެކު ފިޔޯރީ ބަދަލުވެގެންދާނީ މި ސަރަހައްދުގައި އެންމެ ގިނަ ވަޒީފާ އުފެދޭ އެއް ރަށަށް. ފިޔޯރީ ވެގެންދާނީ މި ސަރަހައްދުގެ އެހެން ރަށްރަށުގެ ރައްޔިތުން ހިޖުރަކޮށް ދިރިއުޅޭ ރަށަކަށް. ފިޔޯރީ ވެގެންދާނީ މި ރަށުން މާލެއަށް ހިޖުރަކުރި އާއިލާތައް އަނބުރާ އައިސް ދިރިއުޅުން ބިނާކުރާ ރަށަކަށް،" މުއްތަލިބު ވިިދާޅުވިއެވެ. 

އިތުރަށް އޭނާ ވިދާޅުވީ އެ ރަށުގައި ބަންދުކޮށް އަގު އިތުރުކުރާ މަސްވެރިކަމުގެ އުފެއްދުންތަކުން އިގުތިސާދަށް ހިއްސާކުރާނެ ކަމަށާއި، އަދި ފަރެބިތުގައި އިގުތިސާދީ ތަރައްގީއަށް އެންމެ ބޮޑަށް ހިއްސާވާ ރަށަށް ފިޔޯރިވާނެ ކަމަށެވެ. 

އަދި މިނިސްޓަރުވަނީ ބިން ހިއްކައި ނިންމައި، ބަނދަރުގެ މަސައްކަތް ނިމުމާއެކު މަސް ކާރުހާނާގެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އެ މަސައްކަތް ނިމުމުން އޭނާ ސިފަކުރެއްވި ތަރައްގީ ހަލުއިކަމާއެކު އެ ރަށަށް އަންނާނެކަމަށް ވިދާޅުވެ، ފިޔޯރީއަށް ނިސްބަތްވެވަޑައިގަންނަވާ އެ ރަށުގެ ރައްޔިތެއްގެ ހައިސިއްޔަތުން މި މަސައްކަތް ފެށިގެންދާތީ އުފާކުރައްވައި ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އިތުރަށް ވަޒީރު ވިދާޅުވީ އެ ރަށުގައި މަސް ކާރުހާނާއެއް އެޅިގެންދަނީ އެ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރުގެ ނައިބުރައީސް ކުރެއްވި ބުރަ މަސައްކަަތްޕުޅުކަމަށާއި، އެ މަޝްރޫއުން ދައްކުވައިދެނީ ރައީސް ޑރ.މުޢިއްޒު އެ ރަށަށް ދެއްވާ އަހަންމިއްޔަތުކަން ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު