ENGLISH

02 ފެބްރުއަރީ 2026

Advertisement

ދެ އިންތިހާބު އެއްކޮށްލުމުން ރައީސާއި މަޖިލީހަށްވެސް ހިދުމަތަށް ހުސްވެވޭނެ: ޕީއެންސީ

02 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމަށް ނަގާ ވޯޓާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމަށް ނަގާ ވޯޓު އެއްކޮށްލުމުން، ރައްޔިތުންނަށް ހިދުމަތްކުރުމަށް ސަރުކާރަށް ހުސްވެވޭނެ ކަމުގައި ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީން ބުނެފިއެވެ. 

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުގެ ހިޔާލު ހޯދުމަށް މިއަދު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ވެރިކަންކުރާ ކޮންގުރެސް ޕާޓީގެ ނައިބުރައީސް އަދި ސިޓީސް މިނިސްޓަރ އާދަމް ޝަރީފު އުމަރު ވިދާޅުވީ މިހާރު އިންތިހާބުތައް މިބާއްވާ ގޮތުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅަކު މަޖިލިސް އިންތިހާބާ ޖެހެންދެން އުޅުއްވަންޖެހެނީ، ވަރަށް ދަތީގައި ކަމަށެވެ. އެގޮތުން ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅާއާ ދެކޮޅު ޕާޓީގެ އަޣުލަބިއްޔަތު މަޖިލީހުގައި އޮންނަނަމަ، މަޖިލީހުގެ ތެރެއިން ސަރުކާރު ބަދަލުކުރުމަށް މަސައްކަތްކުރެވޭކަން ދިވެހިން ތަޖުރިބާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

"ރައީސުލްޖުމްހޫރިއްޔާގެ ދައުރުގެ ފުރަތަމަ ހައެއްކަ މަސް މަސައްކަތް ކުރައްވަންޖެހެނީ ވެރިކަމުގައި އިތުބާރާއެކު ހުންނެވޭކަން ކަށަވަރުކުރައްވަން. ރައްޔިތުންގެ މަޖިލީހުގެ އޮއިވަރު އޮންނަ ގޮތުން އިދިކޮޅު މެންބަރުން ގިނަ ކަމުގަވަންޏާ ވެރިއަކަށް ހުންނަވާ ބޭފުޅަކު އަޒުލުކުރުމުގެ މަސައްކަތް (ކުރޭ) ރާއްޖޭގައި އެކަން އޮތީ ތަޖުރިބާކުރެވިފައި،" އާދަމް ޝަރީފު ވިދާޅުވިއެވެ. 

އަދި މަޖިިލިސް އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު، ވެރިކަން ކުރެއްވުމާއި ގައުމު ހިންގެވުމުގެ މަސައްކަތް ރަނގަޅަށް ފައްޓަވައިގަތުމާއެކު ދެން ކުރިމަތިވަނީ ލޯކަލް ކައުންސިލު އިންތިހާބުކަން ފާހަގަކުރްވައި އާދަމް ޝަރީފު ވިދާޅުވީ ދައުރެއްގެ ތެރޭގައި ތިން އިންތިހާބު ތަޖުރިބާކުރަންޖެހުމުގެ ސަބަބުން މުޅި ދައުލަތް އޮންނަނީ އިންތިހާބުތަކުން ތަޅުއެޅުވިފައި ކަމަށެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި ގައުމަކަށް ތަރައްގީ ގެނައުމާއި އިސްލާހީ ހެޔޮ ބަދަލުތައް ގެނައުމަށް ވެރިކަންކުރާ ފަރާތަށް އޮންނަ ފުރުސަތުތައް އިންތިހާބުތަކުގެ ތެރޭގައި ތަޅުއެޅުވި ބަންދުވެއެވެ. 

އާދަމް ޝަރީފު ވިދާޅުވީ މިހާރު ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް އަމަލުކުރަން ފެށުމުން، ރައީސްކަމަށް ވާދަކުރައްވާ ބޭފުޅުންނާއި އެބޭފުޅުންގެ ޓީމަކީ ކޮބައިކަން ސާފުކޮށް ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އެއިރުން ރައީސްކަން ކާމިޔާބުކުރައްވާ ބޭފުޅާއާއި މަޖިލީހަށް ހޮވިވަޑައިގަންނަވާ އެ ބޭފުޅާގެ ޓީމާއެކު މަސައްކަަތްކުރައްވަން ފެއްޓެވުމުން ތަަރައްގީގެ މަސައްކަތް ކުރެއްވުމަށް ފުރިހަމަ ތަނަވަސް ޖާގަ ލިބޭނެ ކަމަށެވެ. 

އިތުރަށް ވަޒީރު ވިދާޅުވީ ބަޖެޓަށް ލުއިވުމުގެ އިތުރަށް ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ތެރޭގައި ޓީމެއްގެ ގޮތުގައި ޕާޓީތައް ހަރަކާތްތެރިވާ މަންޒަރު ބޮޑަށް ފެނި، ވަކި އުސޫލުތަކާއި ފަލްސަފާތައް ގަބޫލުކޮށްގެން އެ އުސޫލުތަކުގެ މަތީގައި ޕާޓީތައް ހަރަކާތްތެރިވާ މަންޒަރު ފެންނާނެ ކަމަށެވެ. 

އިންތިހާބުތައް އެއްކޮށްލުމަކީ ކުރަންޖެހޭ ކަމެއްކަން އެންމެނަށްވެސް އެނގޭކަމަށާއި، އިންތިހާބުތައް އެއްކޮށްލުމުން ކެމްޕެއިންކުރުމަށް ހޭދަކުރަންޖެހޭ ވަސީލަތްތާއި ވަގުތުވެސް ވަރަށް ބޮޑަށް ސަލާމަތްކުރެވި އުފެއްދުންތެރި ކަންކަމަށް ގައުމުގެ ވަގުތު ހުސްކުރެވިގެންދާނެ ކަމުގައިވެސް އާދަމް ޝަރީފު ވިދާޅުވިއެވެ. 

އަދި މިއީ ކުއްލި ގޮތަކަށް ސަރުކާރުން ހުށަހެޅި ކަމެއް ނޫންކަން ފާހަގަކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ މިއީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައިވެސް ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. އަދި މިއީ މަޖިލިސް އިންތިހާބުގައި ކޮންގުރެސް ޕާޓީން ކުރި ކެމްޕެއިނުގައިވެސް ރައްޔިތުންނަށް ހުށަހެޅި ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ރައްޔިތުން ހޭލުންތެރިކުރުމާއި، މިކަމުގެ ހިޔާލު ރައްޔިތުންގެ މެދުގައި ފެތުރުން ކަމުގައިވީ ނަމަވެސް އެކަމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކޮންގްރެސް ޕާޓީން ކުރަމުންދާނެ ކަމުގެ ޔަގީންކަން ވަޒީރުވަނީ މަޖިލީހަށް ދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު