ENGLISH
02 ފެބްރުއަރީ 2026
ޒަކާތުގެ ޤާނޫނުގެ ދަށުން ކޮމިޓީ އުފައްދަވައި މެންބަރުން އައްޔަނުކުރައްވައިފި
02 ފެބްރުއަރީ 2026
|
'ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށް އައްޔަނުކުރެއްވި ބޭފުޅުން. ފޮޓޯ: ޒަކާތު ހައުސް
ޒަކާތު ޤާނޫނުގެ ދަށުން، 'ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ' އުފައްދަވައި އެ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭފުޅުން ޢައްޔަނުކުރައްވައިފިއެވެ.
ޒަކާތުގެ ޤާނޫނުގައި ބުނެފައިވަނީ، ރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާ ގުޅޭ ކަންކަމުގައި ޒަކާތުގެ ޤާނޫނު ތަންފީޛުކުރާ ފަރާތްތަކަށް ޝަރުޢީ ލަފާއާއި އިރުޝާދު ދިނުމަށް ޓަކައި، 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވަންވާނޭ ކަމަށެވެ.
ޝަރީޢާ އެޑްވައިޒަރީ ކޮމިޓީ އެކުލަވައިލާންވާނީ ސަރުކާރާއި ސަރުކާރުން ބޭރުގެ ފަރާތްތައް ހިމެނޭ ގޮތުގެ މަތީން ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. އަދި ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަށް ޢައްޔަނުކުރާ މެންބަރުންނަކީ، އިސްލާމީ ޝަރީޢާގެ ކަމާގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމުގެ އިތުރުން، މިނިސްޓްރީން ދޫކޮށްފައިވާ ދީނީ ތަޤްރީރުކުރުމާއި ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައި ވާންވާނޭކަމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
"ޝަރީއާ އެޑްވައިޒަރީ ކޮމިޓީ" އުފެއްދުމަކީ ޒަކާތާ ބެހޭ ގާނޫނުގެ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޒަކާތުގެ ކަންކަން ބެލެހެއްޓުމުގައި ޝަރުއީ ހިންގުންތެރިކަމާއި، ދެފުށް ފެންނަ މިންވަރާއި، އަދި ޝަރުއީ ހަމަތަކަށް ތަބާވުން ހަރުދަނާކުރުމަށްޓަކައި، އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސްއިން ބުނެފައިވެއެވެ.