ENGLISH
02 ފެބްރުއަރީ 2026
ދެކުނުގެ ވައިގެ ގުޅުން؛ އިޖުތިމާއީ އިގުތިސާދީ ބޮޑު އިންގިލާބެއްގެ ބިންގާ
02 ފެބްރުއަރީ 2026
|
ދެކުނުގެ ވައިގެ ގުޅުން އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: މޯލްޑިވިއަން
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ތަރައްގީއާމެދު ގެންގުޅުއްވާ ވަށާޖެހޭ ތަސައްވުރުގެ އެންމެ މުހިއްމު އެއް އުންސުރަކީ ސަރަހައްދީ ތަރައްގީއެވެ. ރާއްޖެ ސަރަހައްދުތަކަށް ބައްސަވައިލައްވައި، އާބަން ސެންޓަރުތައް ކަނޑައަޅުއްވައި، ކޮންމެ ސަރަހައްދެއްގެ ތަބީއަތާއި އެތަންތަނުގައި ހިނގަމުންދާ އިގުތިސާދީ ހަރަކާތްތަކާ ގުޅޭނެހެން ސިޔާސަތުތައް އަތުރާލައްވައި، އިގުތިސާދީ ފުރުސަތުތައް އުފައްދަވައި ތަރައްގީއާއި އާބާދީވެސް އެއްފަސްކުރެވޭނެހެން ވަށާޖެހޭ ގޮތެއްގައި ތަރައްގީގެ މަސައްކަތްތައް އެމަނިކުފާނުވަނީ އަތުރާލައްވާފައެވެ.
މިދެންނެވުނު ސިޔާސަތުގެ ތެރެއިން މިފަހުން ފެށުނު އެންމެ ބޮޑު އެއް މަސައްކަތަކަށްވާނީ ރާއްޖޭގެ އެންމެ ދެކުނުގެ ހަަތަރު އަތޮޅު ކަމުގައިވާ އައްޑޫއާއި ފުވައްމުލަކާއި ހުވަދޫ އަތޮޅުގެ ދެ ބުރި ވައިގެ ދަތުރުފަތުރުން ގުޅައިލުމުގެ މަޝްރޫއެވެ. މި މަޝްރޫއަކީ ހަމައެކަނި ދަތުރުފަތުރުކުރުމަށް ލިބޭ ލުއެއް ނޫނެވެ. މިއީ އެ ސަރަަހައްދުގައި އިގުތިސާދީ ހަރަކާތްތަައް އިތުރުކޮށް، އާއްމު ހިދުމަތްތައް ހޯދުމުގައި މާލެއަށް ބަރޯސާވުން ކުޑަކޮށް، ޖުމްލަކޮށް ސަރަހަައްދަށް ލިބޭ ކުރިއެރުމާއި ތަރައްގީއަށް ސަރަހައްދުގެ މުޅި އާބާދީއަށް ވާސިލުވެވޭނެ މަގުފަހިކޮށްދޭނެ މަޝްރޫއެކެވެ.
ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު ނިމުނު އަހަރު ދެކުނުގެ ހަތަރު އަތޮޅަށް ޖުމްލަ 64،322 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އެއީ ގއއަށް ޒިޔާރަތްކުރި 35،154 ފަތުރުވެރިންނާއި، ގދ.އަށް ޒިޔާރަތްކުރި 19،114 ފަތުރުވެރިންނާއި ފުވައްމުލަކަށް ޒިޔާރަތްކުރި 8،023 ފަތުރުވެރިންގެ އިތުރަށް އައްޑޫއަށް ޒިޔާރަތްކުރި 20،031 ފަތުރުވެރިންނެވެ.
ދެކުނުގެ އަތޮޅުތަކަށް އަންނަ ފަތުރުވެރިންގެ ތެރެއިން ގިނަ މީހުން އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއަށްފަހު އެ އެއާޕޯޓުން ދެކުނުގައި އެބަޔަކު ޗުއްޓީ ހޭދަކުރާ އަތޮޅަކަށް ދަތުރުކުރަނީއެވެ. އެއީ ދަތުރަށް އިތުރުވާ ވަރަަށް ބޮޑު ހޭދައެކެވެ. މިހާތަނަށް ދެކުނުގެ ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީވެސް މާލެއިން ދެކުނުގެ އަތޮޅުތަކަށް ފަތުރުވެރިން ދަތުކުރުމަށް ކުރަންޖެހޭ ހޭދައެވެ.
ދެކުނުގައި އޮންނަ ބައިނަލްއަގުވާމީ ހަމައެކަނި އެއާޕޯޓަކީ އައްޑޫ ގަން އެއާޕޯޓެވެ. ނަމަވެސް އެ އެއާޕޯޓަށް ފަތުރުވެރިން އަންނަނީ ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތަށް ބަލާނަމަ ވަރަށް މަދުންނެވެ. މި އަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް 224،788 ފަތުރުވެރިން އައިސްފައިވާއިރު ގަން އެއާޕޯޓަށް ޒިޔާރަތްކުރީ އެންމެ 709 ފަތުރުވެރިންނެވެ.
ދެކުނުގެ ވައިގެ ގުޅުމާއެކު ހަތަރު އަތޮޅުގައި 2025 ވަނަ އަހަރުގެ ނިޔަލަށް އޮޕަރޭޓުކުރަމުންދާ ދިހަ ރިސޯޓުގެ 2،546 އެނދާއި، 73 ގެސްޓުހައުސްގެ 982 އެނދާއި ދެ ހޮޓަަލުގެ 300 އެނދު ލާމެހިގެން ފަތުރުވެރިކަމުގެ އެއް ބާޒާރުގެ ގޮތުގައި ވިއްކަން ފަސޭހަވާނެއެވެ.
މާލެއަށް އައުމަށްފަހު ގއ. ނުވަތަ ގދ.ގައި އޮޕަރޭޓުކުރާ ރިސޯޓަކަށް ދިއުމަށް ކުރަންޖެހޭ ހޭދައަށްވުރެ، އައްޑޫ ގަމުން އެއިން ރިސޯޓަކަށް ދާން ކުރަންޖެހޭ ހޭދަ ކުޑަވާނެއެވެ. އަދި މާލެއިން ފުވައްމުލަކަށް ޑައިވިންއަށް ދިއުމަށް ކުރަންޖެހޭ ހޭދައަށްވުރެ އައްޑޫން ފުވައްމުުލަކަށް ދިއުމަށް ކުރަންޖެހޭ ހޭދަ ކުޑަވާނެއެވެ.
އެހެންކަމުން އައްޑޫ ގަން އެއާޕޯޓަކީ މުޅި ދެކުނުގެ ދޮރާއްޓަށް ބަދަލުވެ، ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅުން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް އެއްކޮށްލައިގެން ފަތުރުވެރިކަމުގެ ވިޔަފާރީގެ އައު މޮޑެލްތައް ބިނާކުރުމަށް ދެކުނުގެ ވައިގެ ގުޅުން މަގުފަހިކޮށްދެއެވެ.
ދެކުނުގެ ހަތަރު އަތޮޅުގައި މިހާރު އޮޕަރޭޓުކުރަމުންދަނީ ޖުމްލަ 3،825 އެނދެވެ. މިދެންނެވުނު މޮޑެލްއަށް ދެކުނުގެ ފަތުރުވެރިކަން އަނބުރައިލެވި، މި ސަރަހައްދުގެ ތަބީއީ ތަފާތުތަކުން މުއްސަނދިކުރެވިފައިވާ ތަޖުރިބާތަކެއް ވިއްކަން ފެށިއްޖެނަމަ އެނދުގެ އަދަދުވެސް އިތުރުކުރެވި ފަތުރުވެރިކަމުގެ މަންފާ އިތުރު މީހުންނަށް ލިބުމުގެ ފުރުސަތު ބޮޑެވެ.
ރޭވުންތެރިކަމާއެކު ސިއްހީ އަދި ތައުލީމީ ހިދުމަތްތަައް ހޯދުމުގައި މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ. އެ ސިޔާސަތުގެ ދަށުން ކުރެވެމުންދާ އެންމެ މުހިއްމު އެއް މަސައްކަތަަކީ ސަރަހައްދީ ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅުކުރުމެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ނިޒާމު ފަށަލަތަކަކަަށް ބަހާލައި، މިނިޒާމުގެ ކޮންމެ ފަށަލައަކުން ލިބޭނެ ހިދުމަތްތައް ދަނީ ކަނޑައަޅަމުންނެވެ.
އެގޮތުން ސަރަހައްދީ ހޮސްޕިޓާތަކުން ލިބެންޖެހޭ ހިދުމަތްތަކާއި އޭގެ ދަށުގެ ފަށަލަ ކަމުގައިވާ އަތޮޅު ހޮސްޕިޓާތަކުން ލިބެންޖެހޭ ހިދުމަތްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ލިބެންޖެހޭ ހިދުމަތްަތައް ކަނޑައަޅައި އެ ހިދުމަތްތައް އެތަންތަނުގައި ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
މި މަސައްކަތުގެ ތެރެއިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި މިހާރު އެވަނީ ކެތު ލެބު ގާއިމުކުރެވިފައެވެ. ހިތުގެ ބަލީގެ ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް ވަކި ތާވަލެއްގެ ތެރެއިން އެ ހޮސްޕިޓަލުން އެ ހިދުމަތް ލިބެމުންދާނެއެވެ. ތިނަދޫގައި ހުންނަ ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައިވެސް އައު ގިނަ ހިދުމަތްތަކެއް މިވީ ދެ އަހަރު ތެރޭ ތައާރަފުކޮށްފިއެވެ.
ހަމައެހެންމެ މަތީ ތައުލީމު އަތޮޅު ތެރެެއަށް ފުޅާކުރެއްވުމަކީވެސް ރައީސްގެ ސިޔާސަތެކެވެ. އެގޮތުން ގައުމީ ޔުނިވަސިޓީއާއި އިސްލާމީ ޔުނިވަސިޓީގެ ކެމްޕަސްތައް އާބާދީ ބޮޑެތި ރަށްރަށުގައި ގާއިމުކޮށް ރަނގަޅު ފެންވަރުގައި ހިންގުމާއި އެތަންތަނާ ގުޅިގެން ދަރިވަރުން ތިބޭނެ ދަނާލުތައް ގާއިމުކުރެއްވުމަކީ މިހާރު ފެށިފައި ހުރި މަސައްކަތްތަކެވެ.
މި ހިދުމަތްތައް ގާއިމުކުރެވިގެންދާާއިރު ދެކުނުގެ ވައިގެ ގުޅުމުން އަތޮޅުތައް ލާމެހިފައި އޮތުމުން އެ ހިދުމަތްތައް ހޯދުމަށް ދަތުރުކުރަން ފަސޭހަވާނެއެވެ. ހުވަދޫއާއި ފުވައްމުލަކުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި އެ ސިޓީގައި ގާއިމުކުރެވޭ ޒަމާނީ ފެންވަރުގެ މަތީ ތައުލީމުގެ ވަސީލަތްތައް ބޭނުންކުރުމަށް ދަތުރުކުރަން ފަސޭހަވާނެއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރަނގަޅު ފެންވަރުގެ އެއާޕޯޓެކެވެ. އެއާޕޯޓުގެ ތަރައްގީއަށްް އެތައް މިލިއަން ޑޮލަރެއް ހަރަދުކުރެވުނު ނަމަވެސް އެއާޕޯޓަށް ބައިނަލްއަގުވާމީ އެއާލައިންތަކުން ކުރާ ދަތުރުތައް އިތުރުނުކުރެވެއެވެ. ދަތުރުތައް އިތުރުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ދަތުރުތަކުގެ މަންޒިލެއްގެ ގޮތުގައި އައްޑޫ އެކަނި އޮތުމެވެ. އައްޑޫގައި ފަތުރުވެރިކަން ފުޅާކުރެވެންދެން އަދި އައްޑޫގައި ގާއިމުކުރެވިފައިވާ އެނދުތައް އިތުރުކުރެވެންދެން މި ހާލަތު ބަދަލުކުރެވެން ނެތްކަމަށް ދެކި، އެ ހަނި ވިސްނުމުގައި އައްޑޫގެ ތަރައްގީ ތާށިވެފައި އޮންނަތާ ވަރަށް ދުވަސްވީއެވެ.
ނަމަވެސް ދެކުނުގެ ވައިގެ ގުޅުމުގެ މައި މަރުކަޒަކަށް އައްޑޫ ގަން އެއާޕޯޓު ބަދަލުވެ، އެ އެއާޕޯޓަކީ ދެކުނުގެ ހަތަރު އަތޮޅަށް ވަންނަ ދޮރާއްޓަށް ވުމުން، އައްޑޫއަށް އިތުރު އެއާލައިންތައް ގެނައުމަށް މަގުފަހިވާނެއެވެ. އޭވިއޭޝަން ދާއިރާގެ ގިނަ ތަޖުރިބާކާރުން މިކަމަށް އެއްބަސްވެވަޑައިގަންނަވައެވެ.
ސަރުކާރުން އަންނަނީ މެދުއިރުމަތީގެ އެއާލައިނަކާއި ޗައިނާގެ އެއާލައިނެއް އައްޑޫ އިންޓަނޭޝަަނަލް އެއާޕޯޓަށް ގެނައުމަށް މަސައްކަތްކުރަމުންނެވެ. ދެކުނުގެ ރިސޯޓުތަކަށާއި ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ދެކުނުގެ ވައިގެ ގުޅުމުން ލިބޭ ލުއިތަކާއެކު އައްޑޫ އެއާޕޯޓަށް މި އެއާލައިންތަކުގެ ދަތުރުތައް ފެށުމަކީ ފީޒަބަލް ދުރު ރާސްތާގައި ފައިދާވާނެ ކަމަކަށް ބަދަލުވާނެއެވެ.
އެހެންކަމުން ދެން އޮތް މަރުހަލާއަކީ ރައީސްގެ ސަރަހައްދީ ތަރައްގީގެ ވިސްނުންފުޅާ އެއްގޮތަށް އައްޑޫ، ފުވައްމުލައް އަދި ހުވަދޫގެ ދެ ބިތުގެ ރިސޯޓުތަކާއި ގެސްޓުހައުސްތަކާ ގުޅިގެން މި ސަރަަހައްދު ޕްރޮމޯޓުކުރުމެވެ. އެގޮތުން މުޅި ސަރަހައްދު އެކީ އެ ސަރަހައްދުގައި އެކުލެވޭ ތަފާތު ތަޖުރިބާތަކާއެކު ފަތުރުވެރިންނަށް ވިއްކިއްޖެނަމަ ބައިނަލްއަގުވާމީ އެއާލައިންތަކުން މި ސަރަހައްދަށް ކުރާ ދަތުރުތައް އިތުރުވާނެއެވެ.
ދެކުނުގެ ވައިގެ ގުޅުމުން މި ހަތަރު އަތޮޅުގެ އިގުތިސާދުތައް ފުޅާކުރުމުގެ ގިނަ ފުރުސަތުތަކެއް ފަހިކޮށްދޭނެއެވެ. މާލެއަށް ބަރޯސާވުން ކުޑަކޮށް ރަށާ ކައިރިން ސިއްހީ އަދި ތައުލީމީ ހިދުމަތްތަކަށް ވާސިލުވުމަށް މަގުކޮށައިދޭނެއެވެ. ދެކުނުގެ ހަތަރު އަތޮޅުގެ ފަތުރުވެރިކަން ލާމެހިގެންދާ ގޮތަށް އެ ސަރަހައްދުގެ ހާއްސަ ސިފަތަކާއެކު ޕްރޮމޯޓުކޮށް، އިންވެސްޓަރުންގެ ޝައުގުވެރިކަން ލިބޭ ސަރަހައްދަކަށް ބަދަލުކުރެވޭނެއެވެ. މިއީ ދެކުނަށް އަންނާންޖެހި ކުރީގެ ވެރިންނަށް ނުގެންނެވުނު ބޮޑު ބަދަލެއްގެ ބިންގަލެވެ.