ENGLISH
02 ފެބްރުއަރީ 2026
ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނަގަން އިތުރު 20 މިލިއަން ރުފިޔާ ބޭނުންވާނެ: އީސީ
02 ފެބްރުއަރީ 2026
|
އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބާއެކު ގާނޫނުއަސާަސީއަށް ގެންނަން މިހާރު ހުށަހަޅާފައިވާ އިސްލާހާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާނަމަ އިތުރު 20 މިލިއަން ރުފިޔާ ބޭނުންވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދަނީ ގާނޫނުއަސާސީ އިސްލާހުކޮށް ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމަށް ނަގާ ވޯޓާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމަށް ނަގާ ވޯޓު އެއްކޮށް ބާއްވާ ގޮތަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތެވެ. އެ މަސައްކަތުގެ ތެރެއިން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އިލެކްޝަންސް ކޮމިޝަން ހާޒިރުކޮށް އެ ކޮމިޝަނުގެ ހިޔާލު ހޯދާފައިވެއެވެ.
މިއަދު ކޮމިޓީގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ގާނޫނަށްް މަޖިލީހުން ގެންނަ ބަދަލަކާ ގުޅިގެން ކަމެއް ކުރަންޖެހޭނަމަ އެކަމެއް ކުރުމަށް އެ ކޮމިޝަން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
އެހެންނަމަވެސް ގާނޫނުއަސާސީއަށް ގެންނަ އިސްލާހާ ގުޅިގެން ފެންނަ ނުފެންނަ ވޯޓެއް ނަގާނަމަ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން މަދުވެގެން 45 ދުވަހުގެ މުއްދަތެއް ލިބެންވާނެ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ. އެހެންކަމުން ކުރިއަށް އޮތް ކައުންސިލު އިންތިހާބާ އެކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގޭނީ ލަސްވެގެން ހިނގާ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ގާނޫނީ ހުރިހާ މަރުހަލާއެއް ނިމި ވޯޓަކަށް އެހުމަށް ތައްޔާރުވެވިގެން ކަމަށް ޒާހިދު ވިދާޅުވިއެވެ.
ޒާހިދު އިތުރަށް ވިދާޅުވީ ކައުންސިލު އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނަގާނަމަަ އިތުރަށް ކަރުދާސް ޗާޕުކުރަންޖެހޭނެ ކަމަށާއި، އިތުރަށް އޮފިޝަލުންވެސް ނަގަންޖެހޭނެކަމަށާއި، އަދި އެ އޮފިޝަލުންނަށް ދޭ އެލަވެންސްގެ ހަރަދުތައްވެސް ހަމަޖައްސަންޖެހޭނެ ކަމަށެވެ. އަދި ކުރީގެ ތަޖުރިބާތަކަށް ބަލާއިރު ވޯޓު ފޮއްޓާއި ކަރުދާސް ފޮނުވުމަށް އެއާލައިންތަކުން ފުލައިޓު ޗާޓަރުކުރަންވެސް ޖެހިދާނެ ކަމުގައި ޒާހިދު ވިދާޅުވިއެވެ.
މިހުރިހާ ކަމަކަށް ބަލާއިރު ކައުންސިލު އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނެގުމަށް މަދުވެގެން އިތުރު 20 މިލިއަން ރުފިޔާ ބޭނުންވާނެ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ކައުންސިލު އިންތިހާބާ ވަކިން ފެންނަ ނުފެންނަ ވޯޓު ނަގާނަމަ 60 މިލިއަނާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ ހަރަދެއް ހިނގާނެ ކަމުގައިވެސް ޒާހިދު ވިދާޅުވިއެވެ.
"އަދި އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ހަމަ. ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ރިފަރަންޑަމް އެއް ދުވަހަކު ބާއްވާ ގޮތަށް ފާސްވެއްޖެ ނަމަ [އެ އިންތިހާބުތައް ބޭއްވުމަށް] އޭގެ މާނައަކީ އަޅުގަނޑުމެން [އީސީ]އަށް އިތުރަށް 20 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާނެ،" ޒހިދު ވިދާޅުވިއެވެ.
ޒާހިދު އިތުރަށް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ވެއްޓަށް ބޮޑު ބަދަލެއް އަންނާނެ ކަމެއްގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނަމަ އެކަށީގެންވާ މިންވަރަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަންޖެހޭނެ ކަަމަށެވެ. އެހެންކަމުން އެކަމަށް އެކަށީގެންވާ މިންވަރުގެ ވަގުތެއް ލިބެންޖެހޭނެ ކަމުގައި ޒާހިދު ވިދާޅުވިއެވެ.
މަޖިލީހަށް މިހާރު ހުށަހަަޅާފައިވާ އިސްލާހު ފާސްވެ، ރައީސް އެ އިސްލާހު ތަސްދީގުކުރައްވައިފިނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއެކު މަޖިލީހުގެ އިންތިހާބު ބާއްވަންޖެހޭނެއެވެ. އަދި އެއާއެކު މިހާރު މިއޮތް މަޖިލީހުގެ އުމުރު ކުރުވެގެންދާނެއެވެ.