ENGLISH
02 ފެބްރުއަރީ 2026
މާލޭ ރައްޔިތުންނަށް ތަަސައްލީ ލިބޭނީ ރައީސްގެ މޭޔަރުކަމުގައި އެކުލަވައިލެއްވި ޕްލޭނުން: ޝިޔާމު
02 ފެބްރުއަރީ 2026
|
ކޮންގްރެސް ޕާޓީގެ ނައިބުރައީސް އަހްމަދު ޝިޔާމު، ފޮޓޯ: ޕީއެންސީ
މާލޭ ރައްޔިތުން އެދޭ ތަސައްލީ ލިބޭނީ މާލެ ސިޓީގެ މޭޔަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުންނަވައިގެން އެކުލަަވައިލެއްވި މާލެ ސިޓީގެ ސްްޓްރެޓެޖިކް އެކްޝަން ޕްލޭނުން ކަމަަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް ޕާޓީގެ ނައިބުރައީސް އަދި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ ކައުންސިލަރުކަމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ޝިޔާމު ވިދާޅުވީ ހުރިހާ ރަށެއްގައި އަދި ސިޓީއެއްގައި ކޮންގުރެސް ޕާޓީ ކެންޑިޑޭޓުން އިންތިހާބުކުރުމަށް ރައްޔިތުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާ މަންޒަރު ފެންނަ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ޝިޔާމު ފާހަގަކުރެއްވީ ހުރިހާ ރަށަކަށް ކޮށްދެއްވާނެ ކަންކަން ރައީސް ރައްޔިތުންނާ ހިއްސާކުރައްވަައި، އެ މަސައްކަތްތައް ހަލުއި ދުވެލީގައި ކުރިއަށް ގެންދަވަމުންދާތީ ކަމަށެވެ.
"މިއަދު ދިވެހި ރައްޔިތުން އެކި ކަންކޮޅުތަކުގައި ބިޒީ މިވަނީ، ވަރަށް ހަރަކާތްތެރިކަމާއެކު މަސައްކަަތް މިކުރައްވަަނީ މި އިންތިހާބު ކާމިޔާބުކުރަން، މި ލިސްޓުގައި މިހުރި ކަންކަން ހާސިލުކުރެވޭނެ ކަމުގެ ޔަގީންކަން އެ އުންމީދު އޮތީތީވެ އެމަނިކުފާނަަށް އެއްބާރުލުން ދިނުމަށްޓަކައި،" ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު އިތުރަށް ވިދާޅުވީ މާލެ ސިޓީ މޭޔަރެއްގެ ގޮތުގައި މުޅި ރާއްޖެއަށް ނަމޫނާ ދެއްކެވި ބޭފުޅެއް ކަމަށާއި، އެގޮތުން ރައްޔިތުން ބޭނުންވާ ކަންކަން ވަކި ތަރުތީބެއްގެ ތެރެއިން، ރައްޔިތުންނަށް ކުރައްވާ ކަންކަން އެނގޭނެހެން، އިންތިޒާމީ ގޮތެއްގަައި މަސައްކަތްތައް އަތުރާލައްވައިގެން ކުރިއަަށްގެންދެވި ކަމަށެވެ. މާލެ ސިޓީގެ މޭޔަރުކަމަށް ވަޑައިގެން ރައީސް އެންމެ ފުރަތަމަ ކުރެއްވި އެއް މަސައްކަތްޕުޅަކީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް)އެއް އެކުލަވައިލެއްވުން ކަމަށް ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވީ ރައީސްގެ މޭޔަރުކަމުގައި އެމަނިކުފާނު އެކުލަވައިލެއްވި ސްޓްރެޓެޖިކް އެކްޝަން ޕްލޭނަކީ މާލޭ ރައްޔިތުންގެ ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ހައްލުތަކެއް ހޯދައިދެއްވުމުގެ މަތިވެރި މަގުސަދުގައި އެކުލަވައިލެއްވި ޕްލޭނެއް ކަމަށެވެ. އަދި އެ ޕްލޭނަކީ މާލޭ ރައްޔިތުންނާ އަދި މާލޭ ސިޓީގެ މުނިސިޕަލް ހިދުމަތްތަކާ ގުޅުންހުރި ވުޒާރާތައް ހިންގެވުމުގައި ހާސިލުކުރެއްވި ތަޖުރިބާތަކުގެ އަލީގައި އެކުލަވައިލެއްވި ޕްލޭނެއް ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.
މާލޭގައި ނޭވާލާނެ ޖާގަ މަދުކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ ރައީސް މޭޔަރުކަމުގައި އެކުލަވައިލެއްވި އެކްޝަން ޕްލޭނުގައި އެފަދަ މައްސަލަތަކާއި ބޯހިޔާވަހިކަމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތޮއްޖެހުން ކުޑަކުރުން ފަދަ އެތައް ކަމެއް ހިމެނޭކަން ޝިޔާމު ފާހަގަކުރެއްވިއެވެ. އަދި ވާރޭ ވެހުމުން މާލޭގައި ފެންބޮޑުވާތީ އެ މައްސަލަ ހައްލުކުރެއްވުމަށްވެސް އެ މަސައްކަތް ރައީސް މޭޔަރުކަމުގައި ކުރެއްވި ކަމަށެވެ.
"އަޅުގަނޑު މޭޔަރ ކެންޑިޑޭޓަށް ދަންނަވަން އޮތީ މި ސެޕް ނަންގަވާށޭ އޮފީހަށް ވަންނަވާފައި އެންމެ ފުރަތަމަ ދުވަހުވެސް. މި ސެޕްގައި އޮތީ މާލޭ ސިޓީއަށް ހައްލު. މާލޭ ސިޓީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ތަސައްލީ،" ޝިޔާމު ވިދާޅުވިއެވެ.
ރައީސް ޑރ.މުޢިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ، ކުރައްވާ މަސައްކަތްޕުޅުގެ ރިޕޯޓު ރައްޔިތުންނާ ހިއްސާކުރައްވާ ލީޑަރެއްކަން ފާހަގަކުރައްވަމުން ޝިޔާމު ވިދާޅުވީ މި މަހުގެ ފަސްވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އެމަނިކުފާނު އިއްވަވާ ރިޔާސީ ބަޔާންވާނީ މިހާތަނަށް އެމަނިކުފާނު ކުރެއްވި މަސައްކަތްޕުޅާއި ދެން ކުރައްވަން ހުރި މަސައްކަތްޕުޅުގެ ފުރިހަމަ ރިޕޯޓެއް އިއްވަވާ ބަޔާނަކަށް ކަމަށެވެ. އަދި އެ ބަޔާން އަޑުއެއްސެވުމަށް ހުރިހާ ރައްޔިތުންނަށް ޝިޔާމު ދައުވަތު ދެއްވިއެވެ.
އިތުރަށް ޝިޔާމު ފާހަގަކުރެއްވީ މާލޭ ސިޓީއަށް ކުރިމަތިވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް މާލޭ ސަރަހައްދުން ރައީސް ހިއްކަވަމުންދާ ބިންތައް ހިއްކައި ނިމުމުން 1،900 ހެކްޓަރަށްވުރެ ބޮޑު ބިން މި ސަރަހައްދަށް އިތުރުވެގެންދާނެ ކަމެވެ. އެއީ މިހާރު މާލޭ ސަރަހައްދުގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ ބިމުގެ ބޮޑުމިނަށްވުރެ ދެގުނަ ބޮޑު ބިމެއް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވީ މި ސަރަހައްދުގައި ހިންގަމުންދާ ބިން ހިއްކުމުގެ މަޝްރޫއުތަކުން އެކަނިވެސް ރައީސް ޑރ.މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވާނެކަން ޔަގީންވެގެންދާނެކަމަށެވެ.