ENGLISH

02 ފެބްރުއަރީ 2026

Advertisement

ބޮޑުފޮޅުދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

02 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

އއ. ބޮޑުފޮޅުދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ކުރިއަށްދަނީ ކޮލަމް އާއި ފުޓިންގސް އަށް ބޭނުންވާ ރިއިންފޯސްމަންޓް އަދި ފޯމްވޯކް އެޅުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ބޮޑުފޮޅުދޫގެ ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ބޮޑުފޮޅުދޫ ފުޓްބޯޅަ ދަނޑަކީ ކުރީ ސަރުކާރުން ތަރައްޤީކޮށްފައިވާ ދަނޑެކެވެ. ދަނޑުގެ ސަބްބޭސްގެ މަސައްކަތްކޮށްފައި ވަނީ އެލިއޮތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. އަދި ޓާފް އެޅުމުގެ މަސައްކަތްކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އެހެންނަމަވެސް، މިދިޔަ ސަރުކާރު ނިމުނުއިރު ބޮޑުފޮޅުދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތްކުރެވިފައިނުވުމާއެކު، ރޭގަނޑުގެ ވަގުތުތަކުގައި އެ ރަށުގެ ރައްޔިތުންނަށް ފުޓްބޯޅަ ދަނޑު ބޭނުންނުކުރެވެއެވެ.

އެގޮތުން، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ބޮޑުފޮޅުދޫ އަށް ކުރި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެ ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ބޮޑުފޮޅުދޫގެ ފުޓްބޯޅަ ދަނޑުގައި ލައިޓް ހަރުކޮށް ރޭގަނޑު ކުޅެވޭނެ ގޮތް ހެދުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށާއި ކުރަން ނިންމާފަ އޮތްކަމެއް ކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުންވެސް ބޮޑުފޮޅުދޫގައި ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 




ކިޔުންތެރިންގެ ހިޔާލު