ENGLISH
02 ފެބްރުއަރީ 2026
ލޯކަލް ކައުންސިލް އިންތިހާބާއެކު ފެންނަ ނުފެންނަ ވޯޓު ނުނެގިއްޖެނަމަ 80 މިލިއަނުގެ ގެއްލުމެއް ވާނެ: ފަލާހް
01 ފެބްރުއަރީ 2026
|
ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު. ފޮޓޯ؛ޕީއެންސީ
މައި ދެ އިންތިހާބު އެއްކޮލުމާއި މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ނުނެގިއްޖެނަމަ ދައުލަތުގެ ބަޖެޓަށް 80 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިގެންދާނެކަމަށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ މެދުހެންވޭރު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމަށް ނަގާ ވޯޓާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމަށް ނަގާ ވޯޓު އެކުއެކީ ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ. އިސްލާހާ މެދު ސިޔަސީ ޕާޓީތަކާއި، ބަންޑާރަނައިބުގެ އިތުރުން އިލެކްޝަން ކޮމިޝަނުގެ ހިޔާލު ހޯދުމަށް ވަކިވަކީން ބައްދަލުވުންތައް ބޭއްވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ ބުރާސްފަތި ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައެވެ.
ފަލާހު ވިދާޅުވީ މަޖިލީހުގެ އުމުރުގެ ހަ މަސްދުވަސް ދޫކޮށްލަނީ ގައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ގެންނަވާ އިސްލާހީ ބަދަލުތަކަށް ތާއީދުކުރުމުގެ ގޮތުންކަމަށެވެ.
"އޭޕްރީލް ހަތަރުވަނަ ދުވަހު ބޭއްވޭ ލޯކަލް ކައުންސިލް އިންތިހާބާއެކު މި ފެންނަ ނުފެންނަ ވޯޓު ނެގިއްޖެނަމަ ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ އެބަ ސަލާމަތް ކުރެވޭ. އެދުވަހު އެ ވޯޓު ނުނަގައި އިލެކްޝަން ކޮމިޝަނުން އިތުރު ތައްޔާރީތަކެއް ވާން ޖެހިއްޖެނަމަ އަދި އެހެންދުވަހަކު އެ ވޯޓު ނަގަން ނިންމައިފިނަމަ ދައުލަތުގެ ބަޖެޓުން 80 މިލިއަން ހަރަދުކުރަންޖެހޭނެ. އަޅުގަނޑަށް ގަބޫލުކުރެވެނީ ގެންނަން މިއުޅޭ އިސްލާހާމެދު ނަގާ ވޯޓު އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު އޮންނާނެކަމަށް. އެ އިސްލާހަކީ ރައްޔިތުން ވަރަށް ބޮޑަށް ތާއީދުކުރާ އިސްލާހެއް." - ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު
ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކަށް ގެންނަ އިސްލާހުތަކަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހަދަނީ ސަރުކާރަށް ދެވަނަ ދައުރެއް ލިބިދާނެތީކަމަށް ފަލާހު ވިދާޅުވިއެވެ.
މިހާތަނަށް ސަރުކާރުން ގާނޫނަށް ގެންނަމުންދާ ބަދަލުތަކަކީ ގައުމަށް ފައިދާ ހުރި ރައްޔިތުން ބޭނުންވާފަދަ ބަދަލުތަކެއްކަން ފާހަގަކުރައްވައި، ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެމްބަރުންގެ އެއްބާރުލުން ނުލިބޭކަމަށް ފަލާހު ވިދާޅުވިއެވެ.
ގައުމަށް ހިދުމަތް ދިނުމުގައި ރައްޔިތުންގެ މަޖިލީހުން ނަގާ އެންމެ މުހިންމު ވޯޓަކީ ބަޖެޓު ފާސްކުރުމަށް ނަގާ ވޯޓުކަން ފާހަގަކުރައްވައި މިހާތަނަށް މަޖިލީހަށް ހުށަހެޅުނު ދެ ބަޖެޓު ވެސް ފާސްވެގެންދިޔައީ އިދިކޮޅު މެމްބަރުންގެ އެއްބާރުލުމާ ނުލާކަން ފަލާހު ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ މަސައްކަތްތަކަށް އެއްބާރުލުން ނުދޭއިރު ކައުންސިލްތައް އެމްޑީޕީއަށް ދީފިނަމަ ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީއަށް ހުރަސްއަޅާނެކަމާއި މެދަކު ޝައްކު ނުކުރައްވާކަމަށް ފަލާހު ވިދާޅުވިއެވެ.