ENGLISH
02 ފެބްރުއަރީ 2026
ތަރައްގީ ހުއްޓުވަން އިދިކޮޅުން ފުލުފުލުގައި އޭސީސީއަށް!
01 ފެބްރުއަރީ 2026
|
ވިހަފަރު އެއާޕޯޓުގެ ބިން ހިއްކަން ފެށުން، ފޮޓޯ: ޕީއެސްއެމް
އަދުގެ ސަރުކާރުން ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫތައް ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ފުލުފުލުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މައްސަލަތައް ހުށަހަޅަން ފަށައިފިއެވެ.
އެގޮތުން އިދިކޮޅު އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ގައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވަނީ ނ. ވިހަފަރުގައި އެއާޕޯޓު ތަރައްޤީ ކުރުމަށް މި ސަރުކާރުން ބިން ހިއްކަން ފަށާފައިވަނީ ގަވާއިދާ ޚިލާފަށްކަމަށް ބުނެ އެކަން ހުއްޓުވައިދިނުމަށް އެދި އޭސީސީ އަށް މައްސަލައެއް ހުށަހަޅާފައެެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ނ. ވިހަފަރުގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މި މަޝްރޫއު ހުއްޓުވައިދިނުމަށް އެދި ސަލީމް ހުށަހެޅުއްވީ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ގާނޫނާއި ޚިލާފަށްކަމަށް ވިދާޅުވެއެވެ.
އެގޮތުން މި މަޝްރޫއު ފެށިއިރު ގާނޫނު އަސާސީ އާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނު ބުނާ އެއްވެސް ލިޔެކިޔުމެއް އެންވަޔަރަންމަންޓަލް ރެޖިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އަށް ހުށަހަޅާފައި ނުވާ ކަމަށް މައްސަލައިގައި ވެއެވެ.
ވުމާއެކު، މަޝްރޫއު ހުއްޓުވައިދިނުމަށް ސަލީމް ވަނީ އެދިފައެވެ.
މީގެ ކުރިންވެސް ފަތުރުވެރިކަމާއި މަސްވެރިކަމަށް އަސަރުކުރާކަމަށް ވިދާޅުވެ، ސަލީމް ވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް މާލެ ސަރަހައްދުގައި ސަރުކާރުން ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫއުތައް ހުއްޓުވައިދިނުމަށް އެދި ވެސް އޭސީސިއަށް މައްސަލައެއް ހުށަހަޅާފައެެވެ.
މި ސަރުކާރު ވެރިކަމަށް އައިފަހުން ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުވަން އިދިކޮޅު ފަރާތްތަކުން އަންނަނީ ފުލުފުލުގައި އޭސީސީއަށް މައްސަލަތައް ހުށަހަޅަމުންނެވެ.
ވިހަފަރުގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ސަރުކާރުން ފެށި މަސައްކަތް ހުއްޓުވަން އިދިކޮޅު ފަރާތްތަކުން އޭސީސީއަށް މައްސަލަ ހުށަހެޅިއިރު، ފާއިތުވި އަހަރުގެ ޖުލައި މަހު ނ. އަތޮޅަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނ. ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ވިހަފަރުގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ޖަނަވަރީ މަހު ފެށިގެންދާނެކަން އިއުލާނުކުރައްވާފައެވެ.
ހޮޅުދޫ، ވެލިދޫ، ފޮއްދޫ ހިމެނޭ ސަރަހައްދަކީ އަތޮޅުގެ އެހެން ސަރަހައްދުތަކާ ވަކިން އޮންނަ ސަރަހައްދެއްކަން ފާހަގަކުރައްވަމުން އެ ސަރަހައްދަށް ޑޮމެސްޓިކް އެއާޕޯޓެއް ބޭނުންވާތީ، އަދި ސަރުކާރުން އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވާ މިންގަނޑުވެސް އެ ސަރަހައްދުގައި އެއާޕޯޓެއް ގާއިމުކުރަންޖެހޭތީ، ވެލިދޫ ކައިރީ އޮންނަ ވިހަފަރުގައި އެއާޕޯޓު ތަރައްގީކުރަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ބިން ހިއްކުމުގެ މި މަޝްރޫއުގެ ދަށުން 42 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި ބިން ހިއްކަނީ 1.6 މީޓަރު އުސްމިނުގައެވެ. މި ބިން ހިއްކައި އެތަނުގައި ތަރައްގީކުރާ އެއާޕޯޓުގައި 1،800 މީޓަރުގެ ދިގު ރަންވޭއަކާއި ޓާމިނަލާއި، އޭޕްރަންގެ އިތުރަށް އެއާޕޯޓު ހިންގުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރާނެއެވެ.
އެއާޕޯޓުގެ މަސައްކަތް އެކީ ނިންމަން ކަނޑައަޅާފައިވަނީ ދެ އަހަރުގެ ތެރޭގައެވެ.
ވިހަފަރު ބިން ހިއްކުމުގެ މަޝްރޫއަކީ އެ ސަރަހައްދުގެ ތަރައްގީއާ ގުޅިފައިވާ މުހިންމު މަޝްރޫއެކެވެ.