ENGLISH

02 ފެބްރުއަރީ 2026

Advertisement

ޖަނަވަރީ މަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

01 ފެބްރުއަރީ 2026

|

މުޙައްމަދު އަދުހަމް

މިއަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި ރާއްޖެ އަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމިދިޔަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 224،788 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ އޭގެކުރީ އަހަރުގެ އެ މުއްދަތުގައި އައި 214،863 ފަތުރުވެރިންނާ އަޅާބަލާއިރު، 4.6 އިންސައްތައިގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ނިމިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ މިއަދަދަކީ ރެކޯޑު އަދަދެކެވެ. މީގެކުރީން، އެއްމަސްދުވަހުގެ ތެރޭގައި ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައެވެ. މިދިޔަ މަހު ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ، 224،455 އެވެ.

މި ތާރީޚީ ރެކޯޑާ ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވީ، ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެ، މިއަހަރު ފެށިގެންދިޔައީ ވަރަށް އުއްމީދީ އަހަރެއްގެ ގޮތުގައި ކަމަށެވެ. އަދި، މިކަމުން ދޭހަކޮށްދެނީ އެންމެން ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރެވިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުން ހޯދައިދެވިގެންދާނެކަން ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ އައުމުން ދޭހަކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު މި ސިނާޢަތް ކުރިއަރުވައި، މި ސިނާޢަތުން އޭގެ މަންފާ އެންމެހާ ރައްޔިތުންނަށް ލިބޭނެ މަގުފަހިކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ސަބަބުން ކަންކަން ހާސިލްވަމުންދާ މަންޒަރު،" ޠާރީޤު ވިދާޅުވިއެވެ.

މީގެއިތުރުން، އެއް ދުވަހެއްގައި މިހާތަނަށް އެންމެ ގިނައިން ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ވެސް ނިމިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެގޮތުން، މިދިޔަ މަހުގެ 11 ވަނަ ދުވަހު 9،596 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖަނަވަރީ މަހުގެ ނިޔަލަށް އެވްރެޖުކޮށް ކޮންމެ ދުވަހަކު 7،251 ފަތުރުވެރިން އައިސްފައިވެއެވެ.

މި މުއްދަތުގައި ރާއްޖެ އަށް އައި ފަތުރުވެރިންގެ ތެރެއިން 221،994 ފަތުރުވެރިން އައިސްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. އެ އެއަރޕޯޓަށް 786 ފަތުރުވެރިން އައިއިރު، ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް 709 ފަތުރުވެރިން އައިސްފައިވެއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް 631 ފަތުރުވެރިން އައިއިރު، އދ. މާމިގިލީގައި ހިންގާ ވިލާ އިންޓަރނޭޝަނަލް އެއަރޕޯޓަށް 411 ފަތުރުވެރިން އަދި ދ. ކުޑަހުވަދޫ އެއަރޕޯޓަށް 258 ފަތުރުވެރިން އައިސްފައިވެއެވެ.

ޖަނަވަރީ މަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 68.4 އިންސައްތަ ނުވަތަ 153،824 ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. ގެސްޓްހައުސްތަކަށް އައީ ޖުމްލަ ފަތުރުވެރިންގެ 26.6 އިންސައްތައެވެ. އެއީ، 59،813 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައި ހޮޓާތަކަށް 6،008 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އަދި، ސަފާރީ އުޅަނދުތަކަށް އައީ 4،942 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިޔާއިންނެވެ. އެ ގައުމުން އައީ 29،370 ފަތުރުވެރިންނެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި އިޓަލީން 23،171 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ ޗައިނާ އިންނެވެ. އެ ގައުމުން އައީ 22،676 ފަތުރުވެރިންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް އަހަރުން އަހަރަށް ކުރިއެރުން ލިބެމުންއަންނައިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން، މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު