ENGLISH

01 ފެބްރުއަރީ 2026

Advertisement

ކާޑެއްދޫ އެއާޕޯޓުގެ މަސައްކަތް ނުހުއްޓި ކުރިއަށްދޭ: ސަޢުދުﷲ

01 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ރޭގެ ޖަލްސާގައި މެމްބަރު ސައުދުﷲ ވާހަކަދައްވަނީ.

ގދ. ކާޑެއްދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވާކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތައް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީ ދޮގުކުރައްވައިފިއެވެ. 

ކޮންގްރެސް ޕާޓީ ތިނަދޫ ސިޓީގެ ކެމްޕެއިން ލޯންޗް ކުރަން ރޭ ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ސައުދުﷲ ވިދާޅުވީ ތިނަދޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތަކާ ގުޅޭގޮތުން އިދިިކޮޅު ފަރާތްތަކުން ކުރަމުން އަންނަ ސުވާލުތަކަށް ތަކުރާރުކޮށް ޖަވާބު ދެއްވާފައިވާނޭކަމަށެވެ. 

އެގޮތުން ކާޑެއްދޫ އެއާޕޯޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ކާނޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރަށް ކުރިއަށް ގެންދަވާ ކަމަށެވެ. އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"ކާނޑެއްދޫ އެއާޕޯޓަކީ ވަކި ބަޔަކާ އެއްކޮށް ކޮށްފައިވާ އެގްރީމެންޓެއްގެ ދަށުން ހިނގާ ކަމަކަށް ވާތީ އަދި ކޯޓްތަކުގެ ތެރެއިން ހަވާލު ކުރެވިފައިވާ ތަނަކަށް ވީމާ ދެފަރާތުން ވާހަކަ ދައްކައިގެން ކުރިއަށް ގެންދެވެން އަންނަނީ. ވާހަކަ ދެއްކުމުގެ މަރުހަލާގައި ސަރުކާރުން އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދަނީ. ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރުމަށް ކުންފުނިތަކާ ވާހަކަ ދައްކައި، ކުރަން ޖެހޭ ކަންކަންކޮށް ސަރުކާރުން ވަރަށް ބާރަށް އެކަންކަން ކުރިއަށް އެބަ ގެންދަވާ. ވަރަށް ކައިރި މުސްތަގުބަލެއްގައި ވަރަށް އަވަހަށް އެއާޕޯޓްގެ މަސައްކަތް ފެނިގެން ދިޔުން އަޅުގަނޑުގެވެސް އުންމީދަކީ." - ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީ

މީގެ އިތުރަށް ތިނަދޫގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތްތައްވެސް މިހާރު ފެށިގެން ކުރިއަށްދާކަމަށް މެންބަރު ވިދާޅުވިއެވެ. 

ހޮސްޕިޓަލުގެ ހިދުމަތް ނިމޭއިރު ޓާޝަރީ ހޮސްޕިޓަލަކުން ލިބޭނެ ހުރިހާ ހިދުމަތެއް ލިބޭނެކަންވެސް ސައުދުﷲ ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިމުގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން ކުރަމުންދާ މަަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މެންބަރު ވިދާޅުވީ، މިހާރު ސަރުކާރުން ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކާއި އެހެނިހެން ތަރައްގީގެ މަސައްކަތްތަކާއެކު ރަށުގެ ހާލަތު ބަދަލުވެގެންދާނެކަމަށެވެ. ތިނަދޫގައި އަޅަން ރައީސް ޑރ. މުއިއްޒު ވައުދުވެވަޑައިގެންފައިވާ ހައުސިން ޔުނިޓްގެ ތެރެއިން 50 ޔުނިޓްގެ މަސައްކަތް މި މަހު ފެށިގެންދާނެ ކަމުގެ ޔަގީންކަން ސައުދުﷲ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫތަކަށް އެމްޑީޕީން އެކި ސިފަސިފައިގައި ފާޑުކިޔަމުން އަންނަކަމަށް ވިދާޅުވެ ކުރިއަށް އޮތް އިންތިހާބުގައި އެމްޑީޕީއަށް ފުރުސަތު ދީފިނަމަ ތިނަދޫ، ތަރައްގީގެ މަގުން ކައްސާލައި، އެތައް ތަނެއް ފަހަތަށް ދާނޭކަމަށް ސައުދުﷲ ވިދާޅުވިއެވެ.

މީގެ އަހަރުތަކެއް ކުރިން ތިނަދޫ ސަރައްހައްދީ ގޮތުން ބަލާނަމަ އެންމެ ތަރައްގީ އެއް ރަށްކަން ފާހަގަކުރައްވައި ވޭތުވެ ދިޔަ އަހަރުތަކުގައި ހިންގުންތެރިކަން ދަށްވުމުގެ ސަބަބުން ރަށުގެ ތަރައްޤީ ދަށަށް ގޮސްފައިވާކަމަށް ވިދާޅުވިއެވެ. ވުމާއެކު، ތިނަދޫގައި ކުރަން ފަށާފައިވާ މަސައްކަތްތައް ރައްޔިތުންނަށް ފައިދާވާނެގޮތަށް ނިންމުމަށް އެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މުހައްމަދު އަޖީބާއެކު ދެން ތިއްބެވި ކައުންސިލަރުން ހޮއްވަވާ ދެއްވުމަށް ސައުދުﷲ ވަނީ ތިނަދޫ ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު