ENGLISH
01 ފެބްރުއަރީ 2026
އެމް.އޭ.ސީ.އެލް އިން ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް އިފްތިތާހުކޮށްފި
01 ފެބްރުއަރީ 2026
|
އެމް.އޭ.ސީ.އެލް އިން ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗު މިއަދު ވަނީ ފަށާފައި. ފޮޓޯ؛އެމްއޭސީއެލް
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން، އެއަރޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށާއި ފަންނީ މިންގަނޑުތައް ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވުނު މި އިފްތިތާހީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް އެވެ. މި ރަސްމިއްޔާތުގައި ހެޑް އޮފް އެސްޓޭޓް ސެކިއުރިޓީ ސަރވިސްގެ ޑިޕާޓްމަންޓް، ޖެނެރަލް މެނޭޖަރ ޙަސަން އަޝީތުގެ އިތުރުން އެޑިޕާޓްމަންޓުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޭސީއެލްގެ ސެކިއުރިޓީ އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން. ފޮޓޯ؛އެމްއޭސީއެލް
އެމްއޭސީއެލްއިން ބުނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް އިންކަމަށެވެ.
ފަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، އެމް.އޭ.ސީ.އެލްގެ އެސްޓޭޓް ސެކިއުރިޓީ ސަރވިސް (އީ.އެސް.އެސް) ގެ 28 އޮފިސަރުން ބައިވެރިވާކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އަމަލީ ތަމްރީނުތަކާއި، ތިއަރީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ޕްރޮގްރާމްގައި ކިޔަވައިދެވޭ ބައިތަކުގެ ތެރޭގައި ގާނޫނީ އޮނިގަނޑުތަކާއި، ފަންނީ އަޚްލާގާއި، ޕެޓްރޯލް ކުރުމުގެ އުކުޅުތަކާއި، ހެކި ދެނެގަތުމާއި، އަމިއްލަ ނަފްސުގެ ދިފާއާއި، ޖިސްމާނީ ދުޅަހެޔޮކަން އަދި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން ހިމެނެއެވެ.