ENGLISH
01 ފެބްރުއަރީ 2026
ބޮޑުތަކުރުފާނު މަގު ދެވަނަ ފިޔަވަހި: ސަބް-ބޭސްގެ މަސައްކަތާއި ތާރު އެޅުމުގެ ތައްޔާރީތައް މި ހަފްތާ ފަށަނީ
01 ފެބްރުއަރީ 2026
|
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކުގެ 82 އިންސައްތަ ފުރިހަމަކޮށްފައިވާ ކަމަށާއި، މަގުގެ ސަބް-ބޭސް އެޅުމުގެ މަސައްކަތާއި ތާރު އެޅުމަށް ވާންޖެހޭ ތައްޔާރީތައް މި ހަފުތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ، ބިން ހިއްކުމާއި، ޝީޓް ޕައިލް ކުރުމާއި، ޕެނަލް ހަރުކުރުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ފެން ހިންދާ ކެޗްޕިޓްތައް ބެހެއްޓުމާއި، ކޭބަލް ޖަންކްޝަންތައް ހެދުމުގެ އިތުރުން، ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ.
އަދި އެއްގަމުތޮށީގެ ކެޕިންގުގެ އެންމެ ފަހުގެ ކޮންކްރީޓް މަސައްކަތްތައް މިއަދުގެ ނިޔަލަށް ނިންމުމަށް ތާވަލުކުރެވިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މަގުގެ ކާބް ސްޓޯން ޖެހުމާއި، ސެޓްލްމަންޓް ޓޭންކް ހެދުމާއި، ފެނާއި ކޭބަލް ޓްރެންޗްތަކުގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ވެސް އެމްޓީސީސީ އިން ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން މާލޭ ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، އެއްގަމު ތޮށި ހަ މީޓަރަށް ބޭރަށް ޖައްސައި މަގު ފުޅާކުރާނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
މި މަސައްކަތުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
އެމްޓީސީސީގެ އަމާޒަކީ ރޯދަމަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.