ENGLISH
01 ފެބްރުއަރީ 2026
ގެމަނަފުށީ ނަރުދަމާ ނިޒާމު ޤާއިކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި
01 ފެބްރުއަރީ 2026
|
ގއ. ގެމަނަފުށީ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރުން. --ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ގއ. ގެމަނަފުށީ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު އެވެ.
ގެމަނަފުށީގެ ނަރުދަމާ ނިޒާމުގެ މަސައްކަތްކުރުމަށް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ 180 ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމާ ގޮތަށް 17،675،432.34ރ. (ސަތާރަ މިލިއަން ހަ ލައްކަ ހަތްދިހަ ފަސް ހާސް ހަތަރު ސަތޭކަ ތިރީސް ދެ ރުފިޔާ، ތިރީސް ހަތަރު ލާރި) އަށެވެ.
މި މަޝްރޫޢުގެ ދަށުން، ގެމަނަފުށީގައި ކުރިން ޤާއިމުކުރުމަށް މަސައްކަތް ފަށާފައިވާ ނަރުދަމާ ނިޒާމުގެ ބާކީ ހުރި މަސައްކަތްތައް ނިންމައި، މި ނިޒާމު ޓެސްޓްކޮށް ކަމިޝަންކުރުން ހިމެނެއެވެ.
އެގޮތުން، މި މަޝްރޫޢުގެ ދަށުން، ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، ރަށުގައި މީހުން އާބާދުވެފައިވާ ހުރިހާ ސަރަހައްދެއްގައި ނަރުދަމާ ހޮޅި އެޅުމާއި، ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ގޭބިސީތަކާއި ނަރުދަމާ ނިޒާމު ގުޅުވުމަށްޓަކައި ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގެ ތެރޭގައި ކެޗްޕިޓް ބެހެއްޓުމުގެ މަސައްކަތްކުރުން ހިމެނެއެވެ.
ސަރުކާރުން އަންނަނީ ކުރީ ސަރުކާރުގައި ފެށި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތައް ނިންމުމުގެ އިތުރަށް، އެ މަސައްކަތް ފެށިފައި ނެތް ރަށްރަށުގައި މަސައްކަތް ފަށަމުންނެވެ. އަދި އާބާދީއަށް އައި ބަދަލުތަކާއެކު ނަރުދަމާގެ ނިޒާމު އައުކޮށް އިތުރަށް ތަރައްގީކުރަންޖެހޭ ރަށްރަށުގައި ސަރުކާރުން ދަނީ އެ މަސައްކަތްވެސް ކުރަމުންނެވެ.