ENGLISH
01 ފެބްރުއަރީ 2026
މިއީ ސިޔާސީ ވާދަވެރިކަމަށް ވުރެ ބޮޑަށް ރަށަށް ވިސްނަންވީ ވަގުތު: ފަލާހު
01 ފެބްރުއަރީ 2026
|
ރޭގެ ޖަލްސާގައި ފަލާހު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ޕީއެންސީ
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވާއިރު މި ދަނޑިވަޅަކީ ސިޔާސީ ވާދަވެރިކަމަށް ވުރެ ބޮޑަށް ރަށަށް ވިސްނަންވީ ވަގުތުކަމަށް ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ލޯކަލް ކައުންސިލު އިންތިހާބުގައި އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިފަދައިން ވިދާޅުވީ އަންނަ އޭޕްރީލުމަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ތިނަދޫ ސިޓީގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ތިނަދޫ ސިޓީއާ މެދު އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވާ އުއްމީދު ވަރަށް ފޮނިކަމަށް ވިދާޅުވެ، ރައީސްގެ ތަސައްވުރާ އެއްގޮތަށް ތިނަދޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި ކޮންގްރެސް ޕާޓީގެ ޓިކެޓުގައި އެ ސިޓީގެ ކައުންސިލަށް ކުރިމަތިލައްވާ ކެންޑިޑޭޓުން ހޮއްވަވާ ދެއްވުމަށް ފަލާހު އެދިވަޑައިގެންނެވިއެވެ.
ތިނަދޫ ރައްޔިތުންނަށް ވިސްނުންތެރި، ކިޔަވައިގެން ތިބި ބަޔަކަށް ވީއިރު ތަރައްގީއަށް އިސްކަންދެއްވާނެކަމާއި މެދަކު ޝައްކު ނުކުރައްވާކަމަށް ފަލާހު ވިދާޅުވިއެވެ.
ރައީސް މުއިއްޒަކީ ތިނަދޫ ސިޓީ އިގްތިސާދީ ހަބަކަށް ހައްދަވައިދެއްވާނޭ ފަދަ ވެރިއެއްކަމަށް ވިދާޅުވެ، ފުރުސަތުގެ ބޭނުން ހިފުމަށް ފަލާހު ގޮވާލެއްވިއެވެ.
"ތިނަދޫ ސިޓީގައި މައްސަލަތަކެއް އެބަހުރި. އެކަންކަމަށް ހައްލު ލިބޭނީ ޕީއެންސީގެ ކައުންސިލަރުން ހޮވައިގެން. މިއީ ސިޔާސީ ވާދަވެރިކަން އުފައްދަންވީ ވަގުތެއް ނޫން. އެއަށްވުރެ ރަށަށް އިސްކަންދޭންވީ ވަގުތު. ރަށަށް ފަހިގޮތް ހޯދުމަށް ޕީއެންސީ ކައުންސިލެއް ހޮވައިދިިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. " - ކޮންގްރެސް ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު
ފަލާހުގެ ވާހަކަފުޅު ނިންމަވާލެއްވީ ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓުން ހޮވުމަށް ޕާޓީގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން ދެއްވަވަމުންނެވެ.