ENGLISH
05 ފެބްރުއަރީ 2026
މޭޔަރުކަމަށް ވާދަކުރައްވާ އަޖީބުގެ އަމާޒު ހުރީ "ތިނަދޫ" ބްރޭންޑަކަށް ހެދުމަށް
01 ފެބްރުއަރީ 2026
|
ކޮންގްރެސް ޕާޓީގެ ފަރާތުން ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މުހައްމަދު އަޖީބް ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ޕީއެންސީ
އެންމެ މަޤްބޫލު
ތިނަދޫ ސިޓީގެ އިގްތިސާދު ކުރިއަރުވަން އެންމެ ބޮޑު ތަސައްވުރަކީ "ތިނަދޫ" ބްރޭންޑަކަށް ހެދުންކަމަށް ކޮންގްރެސް ޕާޓީގެ ފަރާތުން ތިނަދޫ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މުހައްމަދު އަޖީބް ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީ ތިނަދޫ ސިޓީގެ ކެމްޕެއިން ލޯންޗް ކުރަން ރޭ ބޭއްވި އިވެންޓްގައި ވާހަކަފުޅުދައްކަވަމުން އަޖީބްވަނީ ތިނަދޫއަށް އެކަށައަޅުއްވާފައިވާ އޭނާގެ ތަސައްވުރު ރައްޔިތުންނާ ހިއްސާކުރައްވާފައެެވެ.
ބޮޑެތި އިގްތިސާދީ މަޝްރޫއުތައް ތިނަދުއަށް ވުރެ ކުދި ރަށްތަކުގައި އެ ރަށްތަކުގެ ކައުންސިލުތަކުން އިސް ނަގައިގެން ކުރިއަށް ގެންދާއިރު ތިނަދޫ ސިޓީ ކައުންސިލަށް މިކަންކަން ނުވާންވީ ކީއްވެގެންތޯ ސުވާލު އުފައްދަވައި އަޖީބު ވަނީ ތިނަދޫގައި މިހާރު އޮތް ކައުންސިލު ބަދަލުކުރަންޖެހެނީ މި ސަބަބާހުރެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އިގްތިސާދީ ގޮތުން "ތިނަދޫ" ބްރޭންޑަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދެއްވާނެކަމަށް އަޖީބު ވިދާޅުވިއެވެ.
"އިގްތިސާދީ ގޮތުން އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކީ "ތިނަދޫ" ބްރޭންޑަކަށް ހެދުން. އެ މަސައްކަތް ކުރެވޭނެ. އެއީ ޝައްކެއް އޮތް ކަމެއް ނޫން. އެގޮތުން ތިނަދޫ ސިޓީ ކައިރީގައި އޮތް ކަފެނާއަކީ ފަތުރުވެރިކަމަށް ފައްކާވެފައި އިތް ތަނެއް. ފަތުރުވެރިކަމާ ބެހޭ ވުޒާރާ ގުޅިގެން ނަމަވެސް އެތަނަށް ކޮންމެވެސް އިންވެސްޓުމަންޓެއް ގެނެސް ކަފެނާގައި ފަތުރުވެރިކަން ފުޅާކުރުމަކީ ވަރަށް ބޮޑަށް އެދޭކަމެއް." - ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މުހައްމަދު އަޖީބް
ކަފެނާ ތަރައްގީކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ ތިނަދޫ ސިޓީއަށް މަންފާވުން ކަމަށް އަޖީބު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ތިނަދޫގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ފުރުސަތު ފަހިވެގެންދިއުމާއި، ތިނަދުއަށް ބޭނުންވާ ވިޔަފާރީގެ ކަންކަން ކުރެވޭ ގޮތްވާނެ ކަމަށް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ވެސް ތަކުރާރުކޮށް އަޖީބު ވިދާޅުވީ ތިނަދޫ ސިޓީގެ ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރައްވާނެކަމަށެވެ.
މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން އަޖީބު ވިދާޅުވީ ތިނަދޫ މަސްވެރިން ބާނާ މަސް ކިރުވުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަމަށާއި އެކަން ހައްލުކޮށް ތިނަދުއަށް ބާނާ މަހުން އެ ސިޓީއަށް ހާއްސަ ޕްރޮޑަކްޓުތަކެއް ތައާރަފުކުރެވިއްޖެނަމަ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނަ މިންވަރު އިތުރުކޮށް ފުދުންތެރި ބަޔަކަށް އެ ސިޓީގެ ރައްޔިތުން ހެދޭނެކަމަށެވެ.
މިކަމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައްވެސް އެ ސިޓީއަށް ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.
ވަކި ދުވަސްވަރާ ދިމާކޮށް ކައުންސިލުތަކުގެ އިސްނެގުމާއެކު އެކި ރަށްރަށުގައި ބާޒާރުތައް ހުޅުވިގެންދާކަން ފާހަގަކުރައްވައި މިއީ ކުދި ވިޔަފާރިތަކަށް ލިބިގެންދާ ރަށުގެ ފުރުސަތެއްކަން އަޖީބު ފާހަގަކުރެއްވިއެވެ. ކައުންސިލުގެ ދައުރުގައި ދަނޑުވެރިންނާއި ކުދި ވިޔަފާރިތަކަށް ވެސް ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް އަޖީބު ވިދާޅުވިއެވެ.
އަޖީބު ވިދާޅުވީ ޗުއްޓީ ހޭދަކުރުމަށް ވެސް މިހާރު ފެނިގެންދަނީ ތިނަދޫ ދޫކޮށް އެހެން ރަށްރަށަށް ދާތަން ކަމަށާއި އެކަން ބަދަލުކޮށް ތިނަދޫ ސިޓީގައި ވަސީލަތްތައް ގާއިމުކޮށް ޗުއްޓީ ހޭދަކޮށްލަން ވެސް އެހެން ރަށްރަށުގެ މީހުން ތިނަދޫ ސިޓީއަށް އަންނަ ވަރުގެ ތަނަކަށް ތިނަދޫ ސިޓީ ހައްދަވާދެއްވާނެކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ތިނަދޫ ސިޓީއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމާއި، ފްލެޓުތަކުގެ ބޭރުގައި ހިތްފަސޭހަ މައިޒާންތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ތަރައްގީއަކީ ހަމައެކަނި ކޮންކްރީޓް ނޫންކަމަށާއި އަހުލާގު ރަނގަޅު ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތްތަކަށް ވެސް ސަރުކާރާ ގުޅިގެން އެއްބާރުލުން ދެއްވާނެކަމަށް އަޖީބު ވިދާޅުވިއެވެ.