ENGLISH

01 ފެބްރުއަރީ 2026

Advertisement

ތިލަފުށީގައި ބިދޭސީއަކު މަރުވެފައި އޮއްވާފެނުން: ހާދިސާ ހިނގަން މެދުވެރިވީ ގޮތް ފުލުހުން ހާމަކޮށްފި

01 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ ޚިދުމަތް --

ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މުހިންމު މައުލޫމާތަކެއް ފުލުހުން މިއަދު ހާމަކޮށްފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އަމީން މިއާ ނިޔާވުމަށް މެދުވެރިވެފައިވަނީ ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައި ކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި މީހާ ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކޮށްފައިވަނީ ސްރީލަންކާގެ ރައްޔިތެކެވެ. އެއީ 32 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން، ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުންދާނެ ކަމަށެވެ.

މައްސަލައާ ގުޅޭ ޚަބަރުތައް ގެނެސްދޭއިރު، ރަސްމީ އިދާރާތަކުން ހާމަކުރާ ތަހުގީގީ ހޯދުންތަކަށް އިސްކަންދިނުމަށް އިލްތިމާސްކޮށް ފުލުހުން ވަނީ  އާންމުންގެ މެދުގައި ކުށްހީ އުފެދޭ ފަދަ ނުވަތަ ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ ގޮތްގޮތަށް މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ވެސް އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު