ENGLISH

01 ފެބްރުއަރީ 2026

Advertisement

މިއަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 70 ޑޮލަރު އޭޓީއެމް ބަހައްޓާނެ: ޒަމީރު

01 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ކުޑަހުވަދޫގައި ގާއިމުކުރި ބީއެމްއެލްގެ އައު ބްރާންޗު ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛ބީއެމްއެލް

މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 70 ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ ސަރުކާރުގެ އަމާޒެއްކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ދ. ކުޑަހުވަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ހުޅުވި ބްރާންޗް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ކުޑަހުވަދޫގައި ހުޅުވުނު އައު ބްރާންޗަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ބޭންކިން ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ މުހިންމު ހިއްސާއެއް ކަމަށެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް ނިމިފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި ބޭންކުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ރޭވިފައިވާ ކަންކަމުގެ ތަފްސީލު ދެއްވިއެވެ.

ޚިދުމަތްތައް ފުޅާކުރުމަށް ރޭވިފައިވާ މަޝްރޫޢުތަކަށް ބަލާއިރު، 2026 ވަނަ އަހަރަކީ މުހިންމު އަހަރެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 70 ޑޮލަރު އޭޓީއެމް ބެހެއްޓުމަށާއި، އަންނަ މާރިޗު މަހުގެ ނިޔަލަށް އިތުރު 12 ބްރާންޗެއް ހުޅުވުމަށް ނިންމާފައިވާކަން ހާމަކުރެއްވިއެވެ.

ބޭންކުން އަބަދުވެސް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމަމުންދާކަން ފާހަގަކުރައްވައި، މި މަޝްރޫޢުތައް ވެސް ވަގުތަށް ނިމޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ބޭންކުގެ މާލީ ހިސާބުތަކަށް ބައްލަވައިލައްވަމުން ވަޒީރު ވިދާޅުވީ، 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބޭންކަށް 828 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އަދި މުޅި އަހަރަށް ބަލާއިރު، ޓެކުހަށް ކެނޑުމުގެ ކުރިން 3.2 ބިލިއަން ރުފިޔާގެ ފައިދާއެއް ބޭންކުން ހޯދާފައިވާކަން ފާހަގަކުރެއްވިއެވެ. ސަރުކާރަކީ ބޭންކުގެ މައި ހިއްސާދާރުކަމަށް ވުމާއެކު، ބޭންކުގެ މި ކާމިޔާބީއަކީ ހަރުދަނާ މާލީ މެނޭޖްމަންޓެއްގެ ނަތީޖާ ކަމަށާއި، މިއީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުޑަހުވަދޫގައި އަލަށް ބިނާކުރެވުނު ބޭންކުގެ ބްރާންޗަކީ ކުރިން އެ ރަށުގައި ހުރި ބްރާންޗުގެ ބަދަލުގައި، ކުޑަހުވަދޫއާއި ކައިރި ރަށްތަކުގެ ރައްޔިތުންނަށް މިހާރަށްވުރެ ފުރިހަމަ ޚިދުމަތެއް ދިނުމަށް ހުޅުވުނު ތަނެކެވެ. މި ބްރާންޗުން މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން، ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ ބޭންކިން ޚިދުމަތްތައް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ފޯރުކޮށްދޭނެއެވެ. އަދި މިއީ ކަރުދާސް ބޭނުންކުރުން މަދުކޮށް، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި އަވަސް އަދި ލުއިފަސޭހަ ޚިދުމަތްތަކެއް ދޭނެ ބްރާންޗެކެވެ.

ކިޔުންތެރިންގެ ހިޔާލު