ENGLISH
01 ފެބްރުއަރީ 2026
އިންތިޚާބަށް 2،900 އަށްވުރެ ގިނަ ކެންޑިޑެސީ ބަލައިގެންފި
01 ފެބްރުއަރީ 2026
|
ކެންޑިޑޭޓުންގެ އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުން ގަޑި މިއަދަށް ހަމަވާނެ. ފޮޓޯ؛އީސީ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރަން މިހާތަނަށް ފޯމު ހުށަހެޅި 2,900 އަށްވުރެ ގިނަ މީހުންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ޖެނުއަރީ 17ގައެވެ. މި މުއްދަތު މިއަދު ހަވީރު 5:30 އަށް ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރޭ 8:00 ގެ ނިޔަލަށް އެ ކޮމިޝަންގެ މައި ޕޯޓަލް މެދުވެރިކޮށް 3،498 ފޯމު ވަނީ ހުށަހަޅާފައެވެ. އެއީ ލޯކަލް ކައުންސިލްތަކަށް ހުށަހެޅި 1،914 ފޯމާއި އަންހެނުންގެ ކޮމިޓީތަކަށް ހުށަހެޅި 1،584 ފޯމެވެ. މި ފޯމުތަކުގެ ތެރެއިން މިހާތަނަށް ކޮމިޝަނުން ބަލައިގެންފައިވަނީ ޖުމްލަ 2،961 ފޯމެވެ. އެއީ ކައުންސިލްތަކުގައި ވާދަކުރަން ފޯމު ހުށަހެޅި 1،596 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީތަކުގައި ވާދަކުރަން ހުށަހެޅި 1،365 ކެންޑިޑޭޓުންގެ ފޯމެވެ.
އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި ސިޔާސީ ޕާޓީތަކުން ކައުންސިލްތަކުގައި ވާދަކުރުމަށް 1،385 ފޯމު ހުށަހަޅާފައިވާއިރު އަމިއްލަގޮތުން ވާދަކުރަން ހުށަހަޅާފައިވަނީ 529 ފޯމެވެ. މީގެ ތެރެއިން 306 ކެންޑިޑެސީއެއް ގަބޫލުނުކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ވާދަކުރަން ސިޔާސީ ޕާޓީތަކުން 1،231 ފޯމު ހުށަހަޅާފައިވާއިރު އަމިއްލަގޮތުން ވާދަކުރުމަށް 353 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން 205 ކެންޑިޑެސީ ގަބޫލުނުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ޕޯޓަލުން ފޯމު ހުށަހަޅާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ގަބޫލުނުކުރާ މައިގަނޑު ސަބަބުތަކަކީ ކުށާއި ދަރަނީގެ ރެކޯޑު އުމުރަށް ހުށަހަޅާފައި ނެތުމާއި، ކުށެއް ނުވަތަ ދަރަންޏެއް އޮތްނަމަ އެކަމުގެ ތަފްސީލު ހުށަހަޅާފައި ނެތުމާއި ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކޮށް، ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑު ބައެއް ފަރާތްތަކުން ހުށަނާޅާ އޮތުމެވެ. ފޯމު ހުށަހަޅާއިރު މިކަންކަމަށް ސަމާލުކަން ދިނުމަށް ކޮމިޝަނުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
މިފަހަރުގެ އިންތިޚާބުގައި 225 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރާނެއެވެ. ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާ އެކު އެއީ 1356 ކެންޑިޑޭޓުންނެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
އިލެކްޝަންސް އިން އާއްމުކޮށްފައިވާ މަޢުލޫމާތުގައި ވާގޮތުން، މިއަހަރުގެ އިންތިޚާބުގައި 294،937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.