ENGLISH

01 ފެބްރުއަރީ 2026

Advertisement

އެމްއެންޑީއެފް އިން "ފަޔަރ ޕްރިވެންޝަން ވީކް 2026" ފަށައިފި

01 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

އަމީނިއްޔާގައި ކުރިއަށްދިޔަ "ފަޔަރ ޕްރިވެންޝަން ވީކް 2026" ހަރަކާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޑީއެފް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ، ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން "ފަޔަރ ޕްރިވެންޝަން ވީކް 2026" ހަރަކާތްތައް ފަށައިފި އެވެ.

އަމީނިއްޔާ ސްކޫލުގައި އިއްޔެ "ފަޔަރ ޕްރިވެންޝަން ވީކް 2026" ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، އަލްފާޟިލާ ފާތިމަތު މިޒުނާ ޢަލީ އެވެ.

އެމްއެންޑީއެފް އިން ބުނީ، ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ކުރިއަށް ގެންދާ މި ހަރަކާތް، ޖެނުއަރީ 31 އިން ފެބްރުވަރީ 7 ވަނަ ދުވަހުގެ ނިޔަލަށް ހުރިހާ އޭރިއާއެއްގައި ކުރިއަށް ގެންދާނެ ކަމަށެެވެ. މިގޮތުން ގްރޭޓަރ މާލެ ސަރަޙައްދުގައި މި ހަރާކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި އަމީނިއްޔާ ސްކޫލު، މުޙްޔިއްދީން ސްކޫލް، ޞަލާޙުއްދީން ސްކޫލް، ރަސްފަންނު، ހުޅުމާލެ ރުއްގަނޑު އެކެއް، ހިޔާ ފުލެޓް ސަރަޙައްދު އަދި ރެހެންދި ސްކޫލް ހިމެނެ އެވެ.

މި ހަރަކާތުގައި  ކައްކާ ގޭހާ ބެހޭގޮތުން ހޭލުންތެރިކުރުވުމާއި، ކަރަންޓްގެ ހާދިސާތަކުން ދިމާވެދާނެ އަލިފާނުގެ ހާދިސާއަށް ހޭލުންތެރިކުރުވުމާއި، އަދި އަލިފާންނިވި ބޭނުންކުރާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ދިނުމާއި، އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނޭ ގޮތްތަކާބެހޭ ތަފާތު މަޢުލޫމާތު ޙިއްސާ ކުރުން ހިމެނޭކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

ސްކޫލުތަކުގެ ކުދިންނަށް އަމާޒުކޮށްގެން އިއްޔެ ހަވީރު އަމީނިއްޔާ ސްކޫލްގައި ބޭއްވި ސެޝަންއާއި، ބެލެނިވެރިންނަށް ހާއްސަކޮށްގެން އަމީނިއްޔާގައި ރޭގަ ބޭއްވި ސެޝަންގައި 920 ފަރާތަކުން ބައިވެރިވެފައިވާކަމަށް އެފްއާރުއެސްއިން ވަނީ ބުނެފަ އެވެ.

އަމީނިއްޔާ ސްކޫލުގައި އިއްޔެ ކުރިއަށް ގެންދިޔަ "ފަޔަރ ޕްރިވެންޝަން ވީކް 2026" ފެށުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޠާހިރާއި، އެފްއާރުއެސްގެ އިސް ބޭފުޅުންގެ އިތުރުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްބޭފުޅުންނާއި ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުން ވަނީ ބައިވެރިވެފަ އެވެ.

އެމްއެންޑީއެފް އިން ބުނީ، މި ހަރަކާތުގައި މަޢުލޫމާތު ހިއްސާކޮށްދެއްވާފައިވަނީ އެ އޭރިއާ ކޮމާންޑަށް ނިސްބަތްވާ ފަޔަރ ޑިޕާޓްމަންޓްގެ ފަޔަރ ފައިޓަރުން ކަމަށެވެ.

ގްރޭޓަރ މާލެ ސަރަޙައްދުގައި ހަރަކާތްތައް ރޭވިފައިވާ ގޮތް:

  • 01 ފެބްރުއަރީ (އާދިއްތަ) 22:15 - 20:15  (އަމީނިއްޔާ ސްކޫލް)
  • 03 ފެބްރުއަރީ (އަންގާރަ) 22:15 - 20:15  (އަމީނިއްޔާ ސްކޫލް)
  • 05 ފެބްރުއަރީ (ބުރާސްފަތި ) 18:15 - 16:15  (ޞަލާހުއްދީން ސްކޫލް)
  • 05 ފެބްރުއަރީ (ބުރާސްފަތި) 22:15 - 20:15  (ޞަލާހުއްދީން ސްކޫލް)
  • 05 ފެބްރުއަރީ (ބުރާސްފަތި) 18:00 - 16:00  (ތިލަފުށި)
  • 06 ފެބްރުއަރީ (ހުކުރު) 18:00 - 16:30  (ރަސްފަންނު)
  • 06 ފެބްރުއަރީ (ހުކުރު) 18:00 - 16:00  (ހުޅުމާލެ ރުއްގަނޑު 1)
  • 07 ފެބްރުއަރީ (ހޮނިހިރު) 18:00 - 16:30  (ހިޔާ ފްލެޓް ސަރަޙައްދު ފޭސް- 2)
  • 07 ފެބްރުއަރީ (ހޮނިހިރު) 18:15 - 16:15  (ރެހެންދި ސްކޫލް)
  • 07 ފެބްރުއަރީ (ހޮނިހިރު) 22:15 - 20:15  (ރެހެންދި ސްކޫލް)

މި ހަރާކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބު ކޫޕަން އިން ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމުތަކެއްވެސް އެފްއާރުއެސް އިން ވަނީ ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު