ENGLISH
01 ފެބްރުއަރީ 2026
ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނުގައި ބައިވެރިވާ ދެ ވަނަ ބެޗުގެ ތަމްރީނުތައް ފަށަައިފި
01 ފެބްރުއަރީ 2026
|
ވަތަނީ ޚިދުމަތުގެ ދަރިވަރުން މުދައްރިބުންނާއެކު. ފޮޓޯ؛ދިފާއީ ވުޒާރާ
ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ވަތަނީ ޚިދުމަތް) ގެ ދެވަނަ ބުރަށް ހޮވުނު 350 ދަރިވަރުން ތަމްރީނުތައް ފަށައިފިއެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގެ ތަމްރީނުތައް ރަސްމީކޮށް ފައްޓަވައިދެއްވީ އެކަމަށްޓަކައި ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.
އިއްޔެ އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް ހިންގާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 286 ފިރިހެން، އަދި 64 އަންހެން ދަރިވަރުން ހިމެނޭހެން ޖުމުލަ 350 ދަރިވަރުން ބައިވެރިވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ އަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު ދެއްވި އިފުތިތާޙީ ތަޤްރީރުގައި ވިދާޅުވި، އިންސާނުން ބިނާކުރުމާއި ޤައުމުގެ ސިނކުޑިތައް ބިނާކުރުމުގެ ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބެވެ. އަދި، އެއީ ޒުވާނުން ތަރައްޤީކޮށް، ޒުވާނުން ބާރުވެރިކޮށް، ޤައުމަށް ފައިދާހުރި މަސައްކަތްތަކުގައި އިސްނަގައި ހަރަކާތްތެރިވާނެ ބަޔަކަށް ދިވެހި ޒުވާނުން ހެދުމަށާއި، ޒުވާނުންނަށް ބޭނުންވާނޭ މަސައްކަތުގެ އަޚުލާޤާއި ސުލޫކާއި ހުނަރު އަށަގެންނެވުމުގެ ސިޔާސަތެކެވެ.
މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަޢުލީމާއި، ލީޑަރޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެވޭނެއެވެ. ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީނުތައް ހިމެނޭ އިރު، އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ޙަރަކާތްތައް ކުރިއަށް ގެންދެވޭނެއެވެ. ހަމައެއާއެކު، ފަސްޓް އެއިޑާއި ފަޔަރ ފައިޓިންގ އަދި ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ޙަރަކާތްތައް ދަސްކޮށްދެވޭނެއެވެ. އަދި އަސްކަރީ ތަމްރީނުގެ ޙަރަކާތް ތަޢާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވެއެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރާ ދަރިވަރުންނަށް، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް ސެޓިފިކެޓާއި، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް އެއިޑް ސެޓިފިކެޓާއި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމު ފުރިހަމަކުރިކަމުގެ ސެޓިފިކެޓް ދެވޭނެއެވެ.