ENGLISH
01 ފެބްރުއަރީ 2026
ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ މަސައްކަތް ނިންމާލައިފި
01 ފެބްރުއަރީ 2026
|
ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުން -- ފޮޓޯ: އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާ
ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން ނިންމާލައިފިއެވެ.
މިއީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން އަށް ގެނެވުނު ބަދަލާއެކު، ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން އައު ލޮޓު ނަންބަރު ކަނޑައެޅުމަށް ކުރިއަށްގެންދިޔަ ގުރުއަތުލުމެކެވެ.
ހޮނިހިރު ދުވަހުގެ ހެނދުނު ފެށި މި މަސައްކަތް ނިންމާލާފައިވަނީ 14 ގަޑިއިރު ފަހުން ރޭ މެންދަމު 2:00 ގައެވެ. ޕްލޮޓް ކަނޑައެޅުމުގެ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ސޯޝަލް ސެންޓަރުގައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ވަނީ ގިރާވަރުފަޅުން 1250 އަކަފޫޓުގެ 2605 ގޯއްޗާއި، 1650 އަކަފޫޓުގެ 1213 ގޯއްޗާއި، 2050 އަކަފޫޓުގެ 253 ގޯތީގެ އިތުރުން 2450 އަކަފޫޓުގެ 1 ގޯތި ދޫކޮށްފައެވެ.
އިމާރާތްކުރުމާބެހޭ ވުޒާރާއިން ބުނީ ގިރާވަރު ފަޅުން ގޯތިލިބޭ ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެ ފަރާތްތަކުގެ ހާޒިރުގައި ކަމަށެވެ. އަދި ގުރުއަތުލައި، ޕްލޮޓް ކަނޑައެޅެމުންދިޔަ މިންވަރަކުން އެފަރާތަކަށް ލިބުނު ޕްލޮޓް ނަންބަރު އެސް.އެމް.އެސް ގެ ޒަރިއްޔާއިން ވަގުތުން ފޮނުވާފައިވާކަމަށްވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
ގޯތިތަކުގެ ރަޖިސްޓްރީ އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާގުޅޭ މަޢުލޫމާތު ފަހުގެ ތާރީހެއްގައި ހިއްސާކުރާނެ ކަމަށާއި، ބިން ހިއްކާ ނިމުމުން، ގޯތި ލިބިފައިވާ ފަރާތްތަކާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އިމާރާތްކުރުމާއިބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، އަލަށް އެކުލަވާލި ޕްލޭންގައި 4072 ގޯތި ހިމެނެއެވެ. މީގެ ތެރޭގައި ކުރިން އުނިވި 610 ގޯތި ހިމެނެއެވެ. އަދި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއަށް 113 ހެކްޓަރު އިތުރުކޮށް ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.