ENGLISH

01 ފެބްރުއަރީ 2026

Advertisement

ބިލް ގޭޓްސްއާ ގުޅުންހުރި އެޕްސްޓީން އީމެއިލުތައް ޖަސްޓިސް ޑިޕާޓުމެންޓުން އާއްމުކޮށްފި

01 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ޖެފްރީ އެޕްސްޓީން އަދި ބިލް ގޭޓްސް، ފޮޓޯ: ގެޓީ އިމޭޖްސް

"ރަޝިޔާ އަންހެން ކުދިންތަކަކާއެކު" ބޭއްވި ޖިންސީ ގުޅުމެއްގެ ސަބަބުން ޖެހުނު ބައްޔެއް އޭނާގެ އަނބިމީހާ މެލިންޑާއަށް ސިއްރުކުރަން މައިކްރޯސޮފްޓުގެ މުއައްސިސް ބިލް ގޭޓްސް މަސައްކަތްކުރިކަމަށް ބާރު ލިބޭ އީމެއިލްތަކެއް ހިމެނޭ ފައިލުތަކެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓުމެންޓުން އާއްމުކޮށްފިއެވެ. 

ތިން މިލިއަން ސަފުހާގެ ފައިލްތަކުގެ ތެރޭގައި ހިމެނޭ އެޕްސްޓީން އޭނާގެ އަމިއްލަ އެކައުންޓަށް ފޮނުވި އީމެއިލެއްގައި ގޭޓްސް އޭނާއާ އޮތް ގުޅުން ނިމުމަކަށް ގެނައުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އެގޮތުން ގުޅުން ކަނޑައިލުމާއެކު ގޭޓްސްއަށް ޖިންސީ ގުޅުމުގެ ތެރެއިން ޖެހޭ ބައްޔެއް ޖެހުނުކަން އެނގޭ އީމެއިލުތަކާއި، ސިއްރިއްޔާތުގައި މެލިންޑާއަށް ބޭސް ދިނުމަށް އެންޓިބައޮޓިކްސް ހޯދައިދިނުމަށް އެދި ފޮނުވި މެއިލުތައް ޑިލީޓުކުރުމަށް އެދިފައިވާ ކަމަށް އެ އީމެއިލުގައި ތުހުމަތުކޮށްފައިވެއެވެ. 

އެ ލިޔުންތައް އާއްމުކުރިކަން ހުކުރުދުވަހު އިއުލާނުކުރެއްވީ އެމެރިކާގެ އެޓާނީ ޖެނެރަލްގެ ނައިބު ޓޮޑް ބްލާންޗްއެވެ. އެ ލިޔުންތައް އާއްމުކުރީ ގާނޫނުގައި އެޕްސްޓީނާ ގުޅުންހުރި ހުރިހާ ލިޔުމެއް އާއްމުކުރުން ލާޒިމުކުރި މުހުލަތުކަމުގައިވާ 19 ޑިސެންބަރު 2025 ވަނަ ދުވަސް ފަހަނައަޅައި ދިޔައިރުވެސް ޓުރަމްޕުގެ ސަރުކާރުން އެ ލިޔުންތައް އާއްމުނުކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށެވެ. 

އާއްމުކޮށްފައިވާ ލިޔުންތަކުން ރައީސް ޓްރަމްޕާއި އެޕްސްޓީނުގެ މެދުގައި އޮތް ގުޅުމާ ގުޅޭ އައު މައުލޫމާތުތަކެއް ފެންމަތިނުވި ނަމަވެސް ބާރުގަދަ ވަރަށް ގިނަ ބޭފުޅުންނާއި އެޕްސްޓީނުގެ މެދުގައި އޮތް ގުޅުމާ ގުޅޭ އައު މައުލޫމާތުތައް އާއްމުވެފައިވެއެވެ. 

އެގޮތުން އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަނާއި، އެމެރިކާއަށް އިނގިރޭސިވިލާތުން ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު ލޯޑް ޕީޓާ މަންޑެލްސަން އަދި ޓެސްލާގެ ސީއީއޯ ބިލިއަނަރު އީލަން މަސްކާއި ގޭޓްސް ފަދަ ބޭފުޅުންނާ އެޕްސްޓީނާ ދެމެދުގައި އޮތް ގުޅުން ހާމަވެފައިވެއެވެ. 

އެޕްސްޓީނުގެ އެހެން އީމެއިލެއްގައިވާ ގޮތުން ބިލް ގޭޓްސްގެ ދިފާއުގައި އަހުލާގީ ގޮތުން ނުރަނގަޅު އެތައް ކަމެއްގައި ބައިވެރިވާން އޭނާއަށް މަޖުބޫރުވިއެވެ. އޭގެ ތެރޭގައި ބިލްއަށް ޑްރަގްސް ހޯދައިދިނުމާއި، ރަޝިޔާ އަންހެން ކުދިންތަކަކާ އޭނާއާމެދު އޮތް ޖިންސީ ގުޅުމެއްގެ އަސަރުތަކާ ކުރިމަތިލުމުގައި އެހީވުމާއި، މީހުންނާ އިދިގެން އުޅޭ އަންހެނުންނާ ގޭޓްސްގެ މެދުގައި ނަހަމަ ގުޅުންތައް ބޭއްވުމަށް އެހީތެރިވުން ހިމެނެއެވެ. 

ބިލް ގޭޓްސްގެ ތަރުޖަމާނަކުވަނީ މި މެއިލުތަކުގައި ހިމެނޭ ހުރިހާ ވާހަކައެއް ދޮގުކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެ ލިޔުންތަކުން ފެންނަނީ ގޭޓްސް އެޕްސްޓީނާ ބޭއްވި ގުޅުން ކަނޑައިލުމުން އެކަމާ ހިތްހަމަނުޖެހިގެން ގޭޓްސް ގޮޅިއަކަށް ފައްތައި އޭނާގެ ޝަހުސު ކަތިލުމަށް ގިނަ މަސައްކަތްތަކެއް އެޕްސްޓީން ކޮށްފައިވާކަން އެކަންޏެވެ. 

އެޕްސްޓީން ފައިލުތައް އާއްމުނުކުރަން ޓުރަމްޕުގެ ސަރުކާރުން މަސައްކަތްކުރި ނަމަވެސް މައި ދެ ޕާޓީން ކުރިމަތިވި ފިއްތުންތަކާއެކު ސަރުކާރުންވަނީ އެ ފައިލުތަކުން ބައެއް އާއްމުކޮށްފައެވެ. އެމެރިކާގެ ރައީސް ޓުރަމްޕަށް ތާއީދުކުރާ ކަނާތު ފިޔައިގެ ސިޔާސީ ހަރަކާތްތެރިންގެ ފަރާތުންވެސް މި ފައިލުތައް އާއްމުކުރަން ފިއްތުންތައް އޭނާއަށް ކުރިމަތިވިއެވެ. 

ބްލަންޗެ ވިދާޅުވި ގޮތުގައި އެޕްސްޓީން ފައިލުތައް އާއްމުކުރިއިރު އެޕްސްޓީނާ ގާތް ގުޅުމެއް އޮތް އޭނާގެ ކަނާތު އަތުގެ ގޮތުގައި ސިފަކުރެވޭ ގިލޭން މެކްސްވެލް ފިޔަވައި އެއްވެސް އަންހެނެއްގެ ފޮޓޯ ނުވަތަ ވީޑިޔޯ އާއްމުކޮށްފައިނުވާނެއެވެ. އަދި އެ މީހެއްގެ ފޮޓޯ އުނިކޮށްގެން ނޫނީ އަންހެނެއްގެ ސޫރަ ސިއްރުކުރެވެން ނެތް ހާލަތުގައި މެނުވީ ފިރިހެނެއްގެ ސޫރަ ސިއްރުކޮށްފައިނުވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

މި ފައިލުތައް އާއްމުކުރުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީން ތުހުމަތުކުރި ގޮތުގައި ޓުރަމްޕުގެ ސަރުކާރުން އާއްމުކުރީ ހުރިހާ ލިޔުމެއް ނޫނެވެ. އެ ޕާޓީން ދެކޭ ގޮތުގައި ހަ މިލިއަން ސޮފުހާގެ ލިޔުންތައް އެޕްސްޓީން ފައިލުގައި ހިމެނޭނެއެވެ. އާއްމުކޮށްފައިވަނީ އޭގެ ދެބައިކުޅަ އެއްބައެވެ. 

މިހާރު އާއްމުކޮށްފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި އެޕްސްޓީނުގެ ޕްރައިވެޓް އައިލެންޑަށް ދިއުމަށް އެޕްސްޓީން އީލަން މަސްކަށް ދައުވަތު ދިނެވެ. އަދި ފަހުން މަސްކު އަމިއްލައަށް އެ ރަށަށް ދިއުމަށް އެެދުނެވެ. ނަމަވެސް އެ މެއިލުތަކުން އޭނާ އެ ރަށަށް ދިޔަކަން އެނގެން ނެތެވެ. 

މަސްކުގެ އަހު ކިމްބަލްއާއި އެޕްސްޓީނުގެ މެދުގައި ޖެނިފާ ކިޔާ އަންހެން ކުއްޖަކާ ގުޅޭ ގޮތުން ވާހަކަދެކެވިފައިވާ އީމެއިލުތަކެއްވެސް މި ލިޔުންތަކުގެ ތެރޭގައި ހިމެނެއެވެ. އެ އީމެއިލުގައި ކިމްބެލްވަނީ އޭނާއަށް ޖެނިފާ ތައާރަފުކޮށްދިނީތީ ޝުކުރު އަދާކޮށްފައެވެ. 

އޭގެ އިތުރަށް އެމެރިކާގެ ކޮމާސް ސެކްރެޓަރީ ހަވަޑް ލުޓްނިކްއާއި އެޕްސްޓީނުގެ އެސިސްޓެންޓާ ދެމެދުގައި އެޕްސްޓީނުގެ ޕްރައިވެޓް އައިލެންޑުގައި، ދެ މީހުން އެކީ މެންދުރު ކެއުން އިންތިޒާމުކުރުމާމެދު މަޝްވަރާކުރެވިފައިވާ އީމެއިލުތަކެއްވެސް އެޕްސްޓީނު ފައިލުތަކުގައި ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު