ENGLISH

03 އޭޕްރީލު 2026

Advertisement

އިންތިހާބީ ހައްޤު އަދާކުރުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށް އޭސީސީން ގޮވާލައިފި

03 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ވޯޓު ގުނުމުގެ ތެރެއިން. ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިހާބާއި ގުޅިގެން، އިންތިހާބީ ހައްޤު އަދާކުރުމުގައި ނަޒާހަތްތެރިކަން އިސްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފިއެވެ.

އޭސީސީން މިކަން ހާމަކޮށްފައިވަނީ، މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އެބަޔާނުގައި ވަނީ، އިންތިހާބާ ގުޅިގެން ހިންގާ ރިޝްވަތުގެ އަމަލުތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތަކާއި، މީޑިއާގެ ވަސީލަތްތަކުން ފާހަގަކުރާ އަދި އެހެނިހެން ގޮތްގޮތުން ކޮމިޝަނުގެ ސަމާލުކަމަށް އަންނަ ޝަކުވާތަކާ ގުޅޭ މައްސަލަތައް، އެ ކޮމިޝަނުން ތަހުގީގުކުރަމުން ގެންދާކަމަށެވެ.

ކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކަކީ ޖިނާއީ މައްސަލަތަކެއް ކަމުން އެމައްސަލަތައް ތަހުގީގުކުރުމުގައި އެ ކޮމިޝަނުން ތަބާވަނީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުން އެކަށައަޅާފައިވާ މިންގަނޑުތަކަށް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

އިންތިހާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، ކެމްޕޭނު ކުރުމުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ދިނުމާއި ހިފުން ފަދަ ކަންކަމުން ދުރުހެލިވުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭސީސީން ފާހަގަކުރައްވާފައިވެއެވެ.

އެގޮތުން، ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް ފަރާތަކަށް ރިޝްވަތު ހުށަނޭޅުމަށާއި، ވޯޓު ދިނުމުގެ ޤާނޫނީ ހައްޤު ހެޔޮ ގޮތުގައި ބޭނުންކޮށް ވޯޓުދިނުމުގެ ޒިންމާ އަދާކުރުމުގައި އެއްވެސް ފަރާތަކުން ހުށައަޅާ ރިޝްވަތެއްގައި ނުހިފުމަށް ވެސް އޭސީސީގެ އެބަޔާނުގައި އެދިފައިވެއެވެ. އަދި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ ހައްޤުގެ ބޭނުން ފުރިހަމައަށް ހިފުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު