ENGLISH
25 ޖެނުއަރީ 2026
ރޭ އެކަނިވެސް 4000އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފި
25 ޖެނުއަރީ 2026
|
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބެހުން | ފޮޓޯ: ސިޓީތަކާބެހޭ ވުޒާރާ
ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބީސީއަށް މަސްދަޅު ކޭސް ދޫކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ރޭ އެކަނިވެސް 4000އަށްވުރެ ގިނަ މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ. އަންނަ ރަމަޟާންމަހަށް ސަރުކާރުން ކޮންމެ ގޭބީސީއަށް ދިނުމަށް ނިންމާފައިވާ މަސްދަޅު ކޭސް ދޫކުރަން ފެށީ ރޭގައެވެ.
އެ ވުޒާރާއިން ބުނީ، ރޭ 08:30 އިން 11:00އާއި ހަމައަށް މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަން ފެށުމައެކު ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އެގޮތުން ރޭ އެކަނިވެސް 4196 މަސްދަޅު ކޭސް ދޫކޮށްފައިވާކަމަށް ސިޓީތަކާއި އާންމު ޚިދުމަތްތަކާބެހޭ ވުޒާރާއިން ބުންޏެވެ.
މަސްދަޅު ކޭސް ދޫކުރުމަށް ޚާއްޞަ ޕޯޓަލެއް މެދުވެރިކޮށް ޓޯކަން ނެގުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ކޮންމެ ރެއަކު 300 ޓޯކަން ދޫކުރުމަށް ވަނީ ނިންމާފައެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރަނީ މިފްކޯ މައި މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލް، ގަލޮޅު ދަނޑު އަދި ހެންވޭރު ދަނޑުގައެވެ.
ހުޅުމާލޭ ފޭސް 1ގައި މަސްދަޅު ކޭސް ދޫކުރާނީ ޢުމްރު ޒާހިރު ޢިމާރާތުންނާއި، ޕޮލްކޯ ޓަވަރުންނާއި މުޙައްމަދު ޤާސިމް ޕްރީ ސްކޫލުންނެވެ. އަދި ހުޅުމާލެ ފޭސް 2އިން މަސްދަޅު ކޭސް ދޫކުރާނީ ކާމިލްދީދީ ޕްރީ ސްކޫލުންނާއި، ހިޔާ ޓަވަރު 10ގެ އިތުރުން އެމްޕީއެލް ޓަވަރު ޕީ އިންނެވެ. މީގެއިތުރުން ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ވެމްކޯ ސައިޓުންނެވެ.
ރޭ އެންމެ ގިނައިން މަސްދަޅު ކޭސް ދޫކޮށްފައިވަނީ ގަލޮޅު ދަނޑުންނެވެ. އެތަނުގައި 4 ސެޓަޕް ޤާއިމްކޮށްފައިވާއިރު،783 މަސްދަޅު ކޭސް ދޫކޮށްފައިވެއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މިފަހަރު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރަން ވަނީ ނިންމާފައެވެ. އެއީ ކޮންމެ ގޭބީސީއަކަށް އެއް މަސްދަޅު ކޭހުގެ ރޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީއާއި މާލެ ސަރަޙައްދުގެ 61،755 ގޭބިސީއެވެ.
މި ސަރުކާރު އައިފަހުން ކޮންމެ އަހަރަކުވެސް ރަމަޟާންމަހު ރައްޔިތުންނަށް އަންނަނީ ރޯދަ ހަދިޔާ ދެމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރީ މަސްދަޅު ކޭހެވެ. މިއަހަރުގެ ރަމަޟާންމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވަނީ ސަރުކާރަށް އެއް އަހަރު ފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައެވެ.