ENGLISH

25 ޖެނުއަރީ 2026

Advertisement

ވައުފު ފުއްދެވުން ބާރު ދުވެލީގައި؛ ހިޔާގެ އަށް ޓަވަރުގައި އައު ލިފްޓު ބަހައްޓައި ހިދުމަތް ފަށައިފި

25 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ހިޔާ ފުލެޓުތައް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުތަކުގައި އައު ލިފްޓު ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން އަށް ޓަވަރުގައި ލިފްޓު ބަހައްޓައި ހިދުމަތް ދޭން ފަށައިފިއެވެ. 

ހިޔާ ޓަވަރުތަކުގައި ލިފްޓުގެ ޖާގަ ކުޑަވުމުގެ ޝަކުވާއަށް ހައްލެއް ހޯދައިދެއްވުމަށް ދެ ލިފްޓު ކޮންމެ ޓަވަރެއްގަައި ހަރުކޮށްދެއްވުމަށް ރައީސް ޑރ.މުޢިއްޒު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގަތެވެ. ވެރިކަމާ ހަވާލުވެވަޑައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކުރެއްވިއެވެ. 

މިއަދު އެޗްޑީސީން ބުނެފައިވަނީ ހިޔާ އެއްވަނަ ޓަވަރުން ފެށިގެން އަށްވަނަ ޓަވަރާ ހަމައަށް ހުރިހާ ޓަވަރެއްގައި ދެ ލިފްޓު ހަރުކޮށް ނިންމާލާފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ބުނި ގޮތުގައި މިހާރު އެ ޓަވަރުތަކުގައި އަލަށް ބެހެއްޓި ފުލެޓުތަކުން އާއްމުންނަށް ހިދުމަތް ދޭންވަނީ ފަށާފައެވެ. 

އަލަށް ހިޔާ ޓަވަރުތަކުގައި ގާއިމުކުރި ލިފްޓުތަކަކީ ކުރިން އެ ޓަވަރުތަކުގައި ގާއިމުކުރި ލިފްޓުތަކަށްވުރެ ޖާގަ ތަނަވަސް ލިފްޓުތަކެއްކަން އާއްމުން އަންނަނީ ފާހަގަކުރަމުންނެވެ. މިއާއެކު ކުރިން ލިފްޓުތައް ކައިރީ ކިއުގައި ޖެހިގެން ތިބެންޖެހޭ ޖެހުން މިހާރުވަނީ ނިމުމަކަށް އައިސްފައެވެ. 

އަށް ޓަވަރުގައި ގާއިމުކުރި ލިފްޓުތަކުގެ ހިދުުމަތް ފަށާފައިވާއިރު، ޓަވަރު 9، 10، 11، 12 އަދި 13 ގައި ލިފްޓު ބެހެއްޓުމުގެ މަސައްކަތް ނިމިފައިވާކަމަށާއި، އަދި މިހާރު ކުރަމުންދަނީ އެ ލިފްޓުތައް ބޭނުންކުރަން ފެށުމުގެ ކުރިން ނިންމަންޖެހޭ ފަހުގެ ތައްޔާރީތައް ނިންމުމުގެ މަސައްކަތްކަމަށް އެޗްޑީސީން ބުނެއެވެ. 

ޓަވަރު 14، 15 އަދި 16 ގައި ލިފްޓު ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު އެ ތިން ޓަވަރުގެ އައު ލިފްޓުތައް ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ 89 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ. 

މިހާރު ގާއިމުކުރެވޭ ލިފްޓުތަކަކީ ކުއްލި ހާލަތުގައި ސްޓްރެޗަރުގައި ބަލިމީހުން ބޭލުމަށް ބޭނުންކުރެވޭ މިންވަރުގެ ޖާގަ ހުންނަ ބޮޑެތި ލިފްޓުތަކެވެ. މިއާއެކު ކުއްލި ހާލަތުގައި ބަލިމީހުން ޓަވަރުތަކުގެ މަތީ ފަންގިފިލާތަކުން ބޭލުމުގައި ކުރިން ކުރިމަތިވި މައްސަލަތައް ކުރިމަތިނުވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު