ENGLISH

25 ޖެނުއަރީ 2026

Advertisement

ރޯދަމަހާއި ޕީކް ސީޒަނަށް ކަރަންޓު ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށައިފި

25 ޖެނުއަރީ 2026

|

އަބްދުﷲ މުއާޒު

ވ. ތިނަދޫގައި 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ބޭޏުންކުރަން ފެށުން

ކުރިއަށް އޮތް ރަމަޟާންމަހާއި ޕީކް ސީޒަނަށް ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ރަމަޟާން މަހަކީ އާންމު  ަސްމަހަށްވުރެ ކަރަންޓު ބޭނުންކުރުން އިތުރުމަހެކެވެ. އަދި ކުރިއަށް އޮތް ހޫނު ދުވަސްތަކުގައިވެސް ކަރަންޓު ބޭނުންކުރާ މިންވަރު އިތުވާނެއެވެ. ވުމާއެކު ސްޓެލްކޯއިން މިހާރު ވަނީ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ރަމަޟާން މަހާއި ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބައެއް ރަށްރަށަށް ޖަނަރޭޓަރު ސެޓު ގެންގޮސް އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

އެގޮތުން ވ. ތިނަދޫއަށް 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންގޮސް ކޮމިޝަންކޮށް ޚިދުމަތް ދޭން ފަށާފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ.މި ޖަނަރޭޓަރާއެކު ތިނަދޫގެ ޖުމްލަ ޖަނަރޭޝަން ކެޕޭސިޓީ 1539 ކިލޯވޮޓަށް ވަނީ އިތުރުވެފައެވެ.

މީގެއިތުރުން  އއ. މަތިވެރިއަށް 600 ކިލޯވޮޓްގެ އައު ޖަނަރޭޓަރުސެޓެއް ގެންގޮސް މިހާރުދަނީ ބޭނުންކުރަމުންނެވެ. މި އައު ޖަނަރޭޓަރު ސެޓާއެކު މަތިވެރީގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ވަނީ 1650 ކިލޯވޮޓަށް އިތުރުވެފައެވެ. އަދި އެއަތޮޅު އުކުޅަހަށް 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރުސެޓެއް ގެންގޮސް ކޮމިޝަންކޮށް މިހާރު ދަނީ ބޭނުން ކުރަމުންނެވެ. މިއާއެކު އުކުޅަހުގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ވަނީ 2564 ކިލޯވޮޓަށް އިތުރުވެފައެވެ. އެއަތޮޅު ތޮއްޑޫގައި 1000 ކިލޯވޮޓްގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައި މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައެވެ. އެއާއެކު ތޮއްޑޫގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ވަނީ 3592 ކިލޯވޮޓަށް އިތުރުވެފައިކަމަށް ސްޓެލްކޯއިން ބުންޏެވެ.

މާލެ އަތޮޅު ގުރައިދޫގައި 1000 ކިލޯވޮޓްގެ އައު ޖަނަރޭޓަރު ސެޓެއް ބަހައްޓައި މިހާރު ޚިދުމަތްދޭން ފަށާފައިވާއިރު، އެރަށުގެ ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ ވަނީ 2960 ކިލޯވޮޓަށް އިތުރުވެފައެވެ.

ސްޓެލްކޯއިން ބުނީ މާލެ ސަރަހައްދުގައިވެސް އިތުރު ޖަނަރޭޓަރު ސެޓު ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން މާލެ ސަރަޙައްދުގައި އިތުރު 15 ޖަނަރޭޓަރު ސެޓު ބެހެއްޓުމަށް އެކުންފުނިން ވަނީ ނިންމާފައެވެ. ސްޓެލްކޯއިން ވަނީ ވިލިމާލޭގައި އިތުރު 1200 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ބަހައްޓައި ބޭނުންކުރަން ފަށާފައެވެ.

މިއަހަރު ކަރަންޓަށް އޮންނަ ޑިމާންޑު އެންމެ ބޮޑުވާ ދުވަސްވަރު ހުއްޓުމެއް ނެތި ހިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ރަށްރަށަށް އައު ޖަނަރޭޓަރު ސެޓު ފޮނުވުމުގެ މަސައްކަތް ޑިސެންބަރު މަހުން ފެށިގެން އަންނަނީ ކުރަމުންނެވެ.

ކޮންމެ އަހަރަކުވެސް މާޗު މަހުން ފެށިގެން ޖޫން މަހާ ހަމައަށް ރާއްޖޭގައި ހޫނުގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެއެވެ. އަދި މި ދުވަސްވަރާ ރޯދަމަސް ދިމާވުމުން ކަރަންޓު ބޭނުންކުރާ މިންވަރު އެ މަހު އިތުރުވެ، ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު