ENGLISH

25 ޖެނުއަރީ 2026

Advertisement

ރޯދަ ހަދިޔާ ދޫކުރަން ފަށައިފި، މިރޭ އެކަނިވެސް 5،000އެއްހާ ނަންބަރު ނަގައިފި

24 ޖެނުއަރީ 2026

|

އަޙުމަދު ޙަމީދު

ރޯދަ ހަދިޔާ ދޫކުރަން ފެށުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށްއޮތް ރަމަޟާންމަހު ގޭބީސީތަކަށް މަސްދަޅު ކޭސް ދޫކުރަން ފަށައިފި އެވެ.

ކުރީ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ސަރުކާރުން ބަހާނީ 48 ދަޅުގެ މަސްދަޅު ކޭސް، ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއްގެ މަގުންނެވެ. 

މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. އެގޮތުން މިރޭ 8:30 އިން ފެށިގެން ދަނީ ރޯދަ ހަދިޔާ ދޫކުރަމުންނެވެ.

ސިޓީސްތަކާއި ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވި ގޮތުގައި ރޯދަ ހަދިޔާ ހޯދުމަށް މާލޭގައި މިރޭގެ މިވަގުތާ ހަމައަށް އައިއިރު 4805 ގޭބިސީން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނަގާފައިވެ އެވެ. މިއީ ހަމައެކަނި މިރެއަށް ނަންބަރު ނަގާފައިވާ އަދަދެވެ.

‏އަދި ވިދާޅުވީ އަތޮޅުތަކަަށް މަސްދަޅު ކޭސް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. މިހަފުތާ ނިމުމުގެ ކުރިން ހުރިހާ އަތޮޅަކަށް މަސްދަޅު ކޭސް ފޮނުވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

‏”ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ،” ވަޒީރު ވިދާޅުވި އެވެ.

މަސްދަޅު ބެހުމުގެ މަސައްކަތް މާލެ ސަރަޙައްދުން 15 މަރުކަޒެއްގައި ކުރިއަށްދާނެއެވެ. އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.

މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:

މާލެ؛

  • މިފްކޯ މަރުކަޒު
  • ސޯޝަލް ސެންޓަރު
  • އެމްޓީސީސީ ސޯވިލު
  • ހެންވޭރު ބޯޅަދަނޑު
  • ގަލޮޅު ދަނޑު (1)
  • ގަލޮޅު ދަނޑު (2)
  • ގަލޮޅު ދަނޑު (3)
  • ގަލޮޅު ދަނޑު (4)

ހުޅުމާލެ- ފޭސް 1؛

  • ޢުމަރު ޒާހިރު ބިލްޑިން
  • ޕޮލްކޯ ޓަވަރ ތިރި
  • މުޙައްމަދު ޤާސިމް ޕްރީ ސްކޫލް

ހުޅުމާލެ ފޭސް 2؛

  • ކާމިލުދީދީ ސްކޫލް
  • ހިޔާޓަވަރު 10
  • އެމްޕީއެލް ޓަވަރު ޕީ

ވިލިމާލެ؛

  • ވެމްކޯ ސައިޓް

ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް، އެމްޕީއެލް، ވެމްކޯ، އެމްޑަބުލިޔުއެސްއީ އަދި މިފްކޯ ޙަރަކާތްތެރިވާނެއެވެ. މަރުކަޒުތައް ޤާއިމުކުރުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، މިފްކޯ، އެޗްޑީސީ އަދި ވެމްކޯ ޝާމިލުވެއެވެ.

މަސްދަޅުކޭސް ލިބުމުގައި މައްސަލައެއް ދިމާވެގެން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުން ވެއްޖެނަމަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖަކުން ހުށަހެޅުއްވޭނެއެވެ. މިކަމަށް ޚާއްޞަކުރެވިފައިވާ ނަންބަރަކީ 7741446 އެވެ.

ކިޔުންތެރިންގެ ހިޔާލު