ENGLISH
24 ޖެނުއަރީ 2026
މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލް ނެރުއްވީ ބާރު ދުވެލީގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާތީ: ރައީސް
24 ޖެނުއަރީ 2026
|
ކޮންގްރެސް ޕާޓީން ބޭއްވި ހާއްސަ އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ. އެމްއެމް
މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވުމަށް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލް ނެރުއްވީ، މާލޭގެ ކުރިއެރުމާއި ތަރައްޤީ އެންމެ ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައި ޖަގަހާގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭގެ މޭޔަރުކަމަށް މޭޖަރ ޖެނެރަލް ރިޓަޔަރޑް މޫސާ ޢަލީ ޖަލީލް ނިކުންނެވުމަށް އެމަނިކުފާނު އެދިވަޑައިގަތީ، ސަރުކާރުން މާލޭގެ ރައްޔިތުންނަށްޓަކައި ފަށާފައިވާ މަސައްކަަތްތަކާއި އެމަނިކުފާނު ވެވަޑައިގެންފައިވާ އެންމެހާ ވަޢުދުތައް ވަރަށް ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށް އެއްބާރުލުންދީ، އަމާނަތްތެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވާނެ މޭޔަރަކު ބޭނުންފުޅު ވާތީކަމަށެވެ. އަދި ޤައުމީވަންތަ އިޚްލާސްތެރި ބޭފުޅަކަށް އެ ފުރުޞަތު ދެއްވުމަށް ބޭނުންފުޅުވީކަމަށް ވިދާޅުވެ ރައީސް ވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުން ޤަބޫލުފުޅުކުރެއްވީތީ މޫސާ ޢަލީ ޖަލީލަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް މާލޭގެ ގޭގެއަށް ވަޑައިގަންނަވާނެކަމަށްވެސް ވިދާޅުވެފައެވެ. މާލޭގެ މޭޔަރުކަމުގައި އެމަނިކުފާނު ހުންނެވިއިިރު މާލޭގެ ގޭގެއަށް ވަރަށް ގިނައިން ވަޑައިގެންފައިވާނެކަން ފާހަގަކުރައްވަމުން ރައީސް ވަނީ ރައްޔިތުންނާ ގާތް ގުޅުމެއް ދެމެހެއްޓެވީތީ، ރައްޔިތުން ހާލަތު ވަރަށް ބޮޑަށް އެނގިވަޑައިގަންނަވާކަމަށްވެސް ވިދާޅުވެފައެވެ.
ރައްޔިތުންނަށް އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަންކަމަށް ތަކުރާރުކުރައްވަމުން ރައީސް ވަނީ އެ މައްސަލަ ޙައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅު ތަފްސީލްކުރައްވާފައެވެ. އެގޮތުން ކުރީ ސަރުކާރުގައި ދޭން ނިންމި ފްލެޓްތަކާއި ގޯތިތައް ހަވާލުކޮށް ނިމިފައިވާކަމަށް ރައީސް ވިދާޅުވިިއެވެ. އަދި ފުށިދިއްގަރުފަޅު ހިއްކައި، ރަސްމާލެ ތަރައްޤީގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާކަމަށާއި، އޭޕްރީލް މަހުގެ ތެރޭގައި ނިމޭއިރު އެތަނުން ދޫކުރުމަށް ޕްލޭންކޮށްފައިވާ ގޯތިތައް ކަނޑައަޅައި ނިންމާ ވަގުތީ ލިސްޓު އާންމުކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިދިޔަ ސަރުކާރުން ކަނޑުފަޅުން ދިން ގޯތިތައް ހިއްކާ ނިންމާ ޙަވާލުކުރުން އެދަނީ ހަލުވިކަމާއެކު ކުރިއަށް. ހުޅުމާލޭ ތިންވަނަ ފިޔަވަހި މިހާރު އެއޮތީ ހިއްކާ ނިމިފައި މިހާރު. ގިރާވަރުފަޅު، ގުޅީފަޅުން ގޯތިދިނުން ނިމި ގޯތިތައް ހަވާލުކުރުން ދަނީ ކުރިއަށް. ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެ ދެ ޑްރެޖަރު މިހާރު އެއޮތީ އެތާ ކައިރީގައި." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މިއިން ކޮންމެ ކަމަކަށް އިޚްލާސްތެރި އަމާނަތްތެރި މޭޔަރާއި ކައުންސިލް ޓީމެއް ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ފަރާތްތަކަކީވެސް ސަރުކާރުކާރަށް އެއްބާރުލުން ދޭނެ ބަޔަކަށް ވާނެޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވަނީ މި ނިމުނު ފަސް އަހަރު އަންހެނުންގެ ކޮމިޓީގެ އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެކަން ބަދަލުކޮށް، އެ ކޮމިޓީގެ ރައީސާއަކީ ފުލްޓައިމް ބޭފުޅަކަށް ހަދައި، ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ ބަޔަކަށް ހެދުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު މާލޭގެ އަންހެނުންގެ ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާއިޝަތު އަލައިކާ އަދުނާނަކީ އެ މަޤާމަށް އެންމެ ޤާބިލް ބޭފުޅާކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަލައިކާ އެ މަޤާމަށް ވާދަކުރައްވަނީވެސް އެމަނިކުފާނުގެ އެދިވަޑައިގަތުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މޭލޭގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ގެންިދއުމަށް ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގެންނެވިއެވެ. މި ސަރުކާރަކީ ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންގެ ވިންދާ އިޙްސާސްތައް ގާތުން ދެނެގަންނަނާނެ ސަރުކާރެެއްކަމަށާއި،ރައްޔިތުންނާއިި ސަރުކާރާ ދެމެދަށް އިދިކީލަ ވިސްނުންތައް ވެއްދުމުގެ ފުރުޞަތު ނުދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ސިޔާސީ ޖަގަޑާހަދައި ހުރަސްތައް އެޅުނަށް ނުދިނުމަށް އެދިވަޑައިގަތެވެ. ޤައުމަށް މިހާރު ހަމަޖެހުން ގެނެވިފައިވާތީ، ރައްޔިތުންނާ ސަރުކާރަށް ހުރަސް އަޅައި ޤައުމު ހަލަބޮލިކުރާނެ އެއްވެސް ބަޔަކަށް ޖާގަ ނުދީ، ސަރުކާރާއެކު އެއްބާރުލުންދޭނެ ކެނޑިޑޭޓުން ބަލައިގަނެ އިންތިޚާބުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންނެވިއެވެ.