ENGLISH
24 ޖެނުއަރީ 2026
އެމްޑީޕީން ފުނޑާލި ބޮޑު ކަންނެލީގެ މަސްވެރި ސިނާއަތް ކޮޅަށްޖެހީ މި ސަރުކާރުން: ޝުޖާއު
24 ޖެނުއަރީ 2026
|
ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުން ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ސިނާއަތް ހިމެނޭހެން ފުނޑާލި މަސްވެރިކަމުގެ ސިނާއަތް ކޮޅަށްޖަހައި ތަރައްގީކުރަމުންދަނީ މި ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްެރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވަނީ ބޮޑު ކަންނެލި މަސްވެރިން ހިމެނޭގޮތަށް އެމްޑީޕީ ސަރުކާރުން ފުނޑާލާފައިވާ މަސްވެރި ސިނާއަތް އަނބުރާ ކޮޅަށް ޖަހައި، ދިވެހި މަސްވެރިން ހެއްވާލަ ދެއްވާނެ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުކަމަށް ވިދާޅުވެފައެވެ.
ދަރަނިވެރި ނުވެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމުގެ މަސައްކަތް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވަނީ މިގޮތަށް އެމްޑީޕީގެ ވެރިކަމުގައި ފުނޑާލާފައިވާ ދާއިރާތައް އާރާސްތުކުރުމާއި އެކުގައިކަމަށް ޝުޖާއު ވިދާޅުވިއެވެ.
ވަކިވަކި ސިނާއަތް ތަރައްގީކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އެންމެ އުފާވާނެ އެއް ސިނާއަތަކީ ދިވެހި މަސްވެރި ސިނާއަތްކަން ފާހަގަކޮށް އެކަމަށްޓަަކައި ޝުޖާއު ވަނީ ރައީސް ޑރ. މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.
އެމްޑީޕީން ފުނޑާލި ބޮޑު ކަންނެލީގެ މަސްވެރި ސިނާއަތް ކޮޅަށްޖެހީ މި ސަރުކާރުން ކަމަށް ޝުޖާއު ވިދާޅުވިއިރު މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ވަނީ ގަންނަން ފަށާފައެވެ. މި ސައިޒުގެ ކަންނެލި މިފްކޯގެ ސެންޓަރުތަކަށް ގަންނަނީ ކިލޯއެއް 20 ރުފިޔާގެ މަގުންނެވެ.
އަދި ދިހަ ކިލޯ އާއި 15 ކިލޯގެ އިތުުރުން، 15 ކިލޯއިން މަތީގެ ކަންނެލި 25 ރުފިޔާގެ މަގުން މިފްކޯއިން ވަނީ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ގަންނަން ފަށާފައެވެ.
ކަޅުބިލަމަހެކޭ އެއްގޮތަށް މިފްކޯއަށް ކަންނެލި ކިރުވުމުން ވެސް ގަވާއިދުން ފައިސާ ދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން މިފްކޯއިން ބުނީ ކަންނެލި މަހަށް ވެސް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންގެންދާ ކަމަށެވެ.
މިކަމުގެ ސަބަބުން ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބި، ކަންނެލި މަސްވެރިކަމަށް ކުރިއެރުންތަކެއް ލިބުގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނައިރު އިއްޔެ އެކަނިވެސް 19 ދޯންޏަކަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މީގެތެރެއިން، ކަޅުބިލަމަސް ކިރުވި 10 ދޯންޏަކަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 6 ދޯންޏަކަށް 47،000އަށް ވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ. މީގެ އިތުރުން 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 3 ދޯންޏަކަށް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ޖަމާކޮށްދީފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި، 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭނެ އިންތިޒާމު ރައީސް ހަމަޖެއްސެވިއެވެ.