ENGLISH
24 ޖެނުއަރީ 2026
ވަތަނީ ހިދުމަތުގެ ދެވަނަ ބުރަށް 350 ދަރިވަރުން ފުރައިފި
24 ޖެނުއަރީ 2026
|
ދިވެހި ވަތަނީ ޚިދުމަތުގެ ފުރަތަމަ ބުރުގެ ބައިވެރީން -- ފޮޓޯ: އެމްއެންޑީއެފް
ދިވެހިރާއްޖޭގެ ނޭޝަނަލް ސަރވިސް (ދިވެހި ވަތަނީ ޚިދުމަތް)ގެ ދެވަނަ ބުރަށް ހޮވުނު 350 ދަރިވަރުން ތަމްރީނުތަކަށް މިއަދު މާފިލާފުއްޓަށް ފުރައިފިއެވެ.
ދިފާއީ ވުޒާރާއިން ބުނީ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ ބުރުގައި 112 ރަށަކުން 286 ފިރިހެން، އަދި 64 އަންހެން، ދަރިވަރުން ހިމެނޭހެން ޖުމްލަ 350 ދަރިވަރުން ބައިވެރިވާކަމަށެވެ.
ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރާނީ މާފިލަފުށީގައި ހުންނަ އެމް.އެން.ޑީ.އެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައެވެ. ވުޒާރާއިން ބުނީ ބައިވެރިން އެ ރަށުގައި ތިން މަސް ދުވަހުގެ ތަމްރީނުތައް ފުރިހަމަ ކުރާނެ ކަމަށެވެ.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސް ނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފަށަން ނިންމި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ އަސާސީ ތަމްރީނުތައް މިހާރު ވަނީ ނިންމާލާފައެވެ. އެގޮތުން ވަތަނީ ހިދުމަތުގެ ފުރަތަމަ ޕްރޮގްރާމުގެ އިބްތިދާއީ ތަމްރީނުތައް ފެށީ ސެޕްޓެންބަރު 27، 2025 ވަނަަ ދުވަހުއެވެ. އެ ތަމްރީނުތައް ނިންމައިލީ 28 ޑިސެންބަރު 2025 ވަނަ ދުވަހުއެވެ. އެ ތަމްރީނުގައި 108 ރަށަކުން 350 ޒުވާނުން ބަައިވެރިވިއެވެ. އެއީ 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުންނެވެ. އެއިން 344 ދަރިވަރުންވަނީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެފައެވެ.
އެ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވި ދަރިވަރުންގެ ތެރެއިން 66 ދަރިވަރަކުވަނީ އެ ޕްރޮގުރާމުގެ ފަންނީ ތަމްރީނުގައި ބައިވެރިވާން ނިންމާފައެވެ. އެއީ 38 ރަށަކަަށް ނިސްބަތްވާ 15 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ.
ގައުމީ ހިދުމަތުގެ ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގެ ތެރޭގައި ދިވެހި، ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، ލީޑަރޝިޕާއި، ފަސްޓްއެއިޑާއި، ފަޔަރފައިޓިންގ އާއި، ލޭންގުއޭޖް ޕްރޮފިޝެންސީ އާއި، ހަށިހެޔޮކަމާއި، ފެތުމާއި، މޫދަށް އަހުލުވެރިވުމާއި، ހެލްތުކަމާއި، ކުޅިވަރާއި، ކަސްރަތާއި، އަދި ކޭމްޕިންގ އާއި، ފީލްޑް އެކްޓިވިޓީތައް ހިމެނެއެވެ.
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ފުރިހަމަކުރުމުން ޙާޞިލުކުރެވޭނެ ސަނަދުތައް:
*ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް (ތަމްރީން ފުރިހަމަކުރާ ހުރިހާ ދަރިވަރުން).
*ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް (ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށްވެސް ސެޓްފިކެޓް 3 އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް ކޯހުގައި އެންރޯލްވެވޭނެއެވެ. އަދި ކޯހުގެ މުޤައްރަރުގައި ކަނޑައަޅާފައިވާ ހުރިހާ މިންގަނޑުތަކެއް ހާސިލްކޮށް ފާސްވާ ދަރިވަރުންނަށް ކޯހުގެ ސަނަދު ދެވޭނެއެވެ.).
*ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ (ކޯހުގެ ފަޔަރ ފައިޓިންގ މޮޑިއުލް އިން ފާސްވާ ދަރިވަރުން).
*ބޭސިކް ފަސްޓް އެއިޑް ސެޓްފިކެޓް (ކޯހުގެ ފަސްޓް އެއިޑް ކޮމްޕޯނަންޓުން އިން ފާސްވާ ދަރިވަރުން).
*ޕިއަރ އެޑިއުކޭޝަން "އެކުއެކީ" ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ދަރިވަރުން ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަކުރިކަމުގެ ސެޓްފިކެޓް.
ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ސްކޫލު މަރުހަލާ ނިންމުމަށްފަހު މަތީ ތައުލީމާއި މަސައްކަަތުގެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް މަސައްކަތްތެރިކަން ދަސްކޮށްދީ، ރަނގަޅު އަހުލާގުގެ މައްޗަށް ހާނުވައި، ދީނީ އަގީދާ ވަރުގަދަ ހުނަރުވެރި ހީވާގި ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރުމަށް ހިންގާ ޕްރޮގުރާމެކެވެ.
ދެކުނު ކޮރެއާއާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި ވަތަނީ ހިދުމަތުގެ ޕްރޮގުރާމުތައް ވަރަށް ކާމިޔާބުކަމާއެކު ހިންގައި، އެ ޕްރޮގުރާމުތަކުގެ ތެރެއިން ރަނގަޅު ނަތީޖާތަކެއް ހާސިލުކޮށްފައިވާއިރު، މިއީ ރާއްޖޭގައި މިފަދަ ޕްރޮގުރާމެއް ޒުވާނުންނަށް ހާއްސަކުރެވިގެން ހިންގާ ފުރަތަމަ ފަހަރެވެ.