ENGLISH
24 ޖެނުއަރީ 2026
ސިޓީ ކައުންސިލުގެ ހުރިހާ މަސައްކަތެއް ކުރަނީ ޕީއެންސީން، ކްރެޑިޓް ނަގަނީ އެމްޑީޕީން: އަރީޝް
24 ޖެނުއަރީ 2026
|
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ބޮޑު ޚަރަބު ޕްރޮގްރާމްގައި ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމް
ރައްޔިތުންނަށް ފައިދާ ވާނެ ގޮތަށް މާލޭ ސިޓީ ކައުންސިލުގެ ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަނީ ކޮންގްރެސް ޕާޓީގެ ކައުންސިލަރުން ކަމަށާއި އެހެންނަމަވެސް ފެނިގެންދަނީ ޕީއެންސީ މެޖޯރިޓީން ކުރާ މަސައްކަތްތަކުގެ ކްރެޑިޓް އެމްޑީޕީގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ނަގަމުންދާތަން ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
އަރީޝް މިފަދައިން ވިދާޅުވީ "އެމްއެމްޓީވީ"ގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ރެޔާއި ދުވާލު ކަންކަން ތަރުތީބުކޮށްގެން އަމަލީ މަސައްކަތްތައް ކުރަމުން އަންނަނީ ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލުންކަމަށާއި އެހެންނަމަވެސް ކޮންމެ ކަމެއް ވެސް ނިމުމާއެކު އެކަމުގެ ކްރެޑިޓް ނަގާތަން ފެނިގެންދަނީ އެމްޑީޕީގެ މިހާރުގެ މޭޔަރު، އާދަމް އާޒިމް ކަމަށް އަރީޝް ވިދާޅުވިއެވެ.
ގަލޮޅު ސިޓީ ޕާކުގެ މަސައްކަތުން މިސާލު ނަންގަވައި އަރީޝް ވިދާޅުވީ ގަލޮޅު ސިޓީ ޕާކު އަލުން ތަރައްގީކުރުމުގެ މަސައްކަތްތަކަކީ މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރަށް ހޮވުނު ޕީއެންސީގެ މެމްބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި މަސައްކަތެއްކަމަށެވެ.
އެ ޕާކު ހުޅުވުމަށް މޭޔަރާއެކު ހުރިހާ ކައުންސިލަރުން ބައިވެރިވާން އެދޭކަން ތަކުރާރުކޮށް މޭޔަރު އާޒިމްއާ ހިއްސާ ކުރެވިފައި ވާނެކަމަށާއި އެހެންނަމަވެސް ޕާކު ހުޅުވުމުގެ ރަސްމިއްޔާތަށް ޕީއެންސީގެ އެއްވެސް ކައުންސިލަރަކަށް ދައުވަތު ނުދެއްވާކަމަށް އަރީޝް ވިދާޅުވިއެވެ.
"ތިބޭފުޅުންނަށް ފެނިގެންދާނެ މިފަހުން އޭރުގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމުގައި ހުންނެވި ނަރީޝް އޭރުގެ މަސައްކަތްތައް ހިއްސާކުރައްވައި ވީޑިއޯތައް އާއްމުކުރަމުންދާ މަންޒަރު. މިއީ އިދިކޮޅު މެމްބަރުންނާއި އަޅުގަނޑުމެން އެކުވެގެން ގުޅިގެން ކުރިއަށް ގެންދިޔަ ބުރަ މަސައްކަތެއް. ގިނިކަންޏާ ޕީއެންސީގެ މެމްބަރަކަށް އަންގާވެސް ނުލާ ކުޑަ ކުދިންކޮޅެއް ގޮވައިގެން ގޮސް ހުޅުވާލާފައި ދިޔައީ. މިއީ ދެރަވަރު ކަންކަން. ކައުންސިލަރުންނަށް އޭގެ ކްރެޑިޓް ލިބެންޖެހޭނެ" - މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް
އަރީޝް ވިދާޅުވީ ސިޓީ ޕާކުގެ ހުރިހާ މަސައްކަތްތަކެއް ކުރީ ކައުންސިލަރުން ކަމަށްވީއިރު އެބޭފުޅުންނަށް ކްރެޑިޓެއް ނުލިބި މޭޔަރު އާޒިމް ކްރެޑިޓް ނެންގެވުމުން ހިތާމަކުރައްވާކަމަށެވެ.
ސިޓީ ކައުންސިލުގެ ހުރިހާ މަސައްކަތެއް ކުރަނީ ޕީއެންސީންކަމަށް ވިޔަސް ކްރެޑިޓް ނަގަނީ އެމްޑީޕީން ކަމަށް އަރީޝް ވިދާޅުވިއިރު، ރަނގަޅަށް ބޭނުން ނުކުރެވި އޮތް ސިޓީ ޕާކުގައި އައު ޕާކެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމައި ރައްޔިތުންގެ ޚިޔާލު މިކަމަށް ހޯދުމަށް މޭޔަރުކަމުގައި އޭރު ހުންނެވި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންނާއެކު ދެ ބައްދަލުވުމެއް ބޭއްވެވިއެވެ.
މި ބައްދަލުވުންތަކުން ރައްޔިތުންގެ މަޝްވަރާ ހޯއްދަވައި ސިޓީ ޕާކުގެ ކުރެހުން އެކުލަވާލީ ގަލޮޅު ރައްޔިތުންގެ ފުރިހަމަ ތާއީދާއެކުގައެވެ.
އަލަށް ހުޅުވުނު މި ސިޓީ ޕާކަކީ ތަފާތު ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ.
ގަލޮޅު ސިޓީ ޕާކު ހުޅުވިގެންދިޔައީ ތުރީ-އޮން-ތުރީ ބާސްކެޓް ބޯޅަ ކޯޓަކާއި، އެކި އުމުރުފުރައިގެ މީހުންނަށް ކަސްރަތު ކުރެވޭނެ ސަރަހައްދަކާއި، ހިތްހަމަޖައްސާލުމަށް މަޑުކޮށްލާނެ ޖާގައިގެ އިތުރަށް ކުޑަކުދިން ކުޅުމަށް ޚާއްޞަ ސަރަޙައްދަކާއި އެކި ކަހަލަ އިވެންޓުތައް ބޭއްވޭނެ ޖާގައާއެކުގައެވެ.
މިއީ ސިޓީ ކައުންސިލުގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ ޕާކެކެވެ.