ENGLISH
24 ޖެނުއަރީ 2026
ސަރުކާރަށް ޖެއްސުން ކުރާނެކަމަށް ފާޅުގައި ބުނަމުން އަންނަ ބަޔަކަށް ވޯޓު ނުދީ: މުޙައްމަދު އިސްމާއީލް
24 ޖެނުއަރީ 2026
|
މެމްބަރު މުޙައްމަދު އިސްމާއީލް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބިއްޖެނަމަ ސަރުކާރަށް ޖެއްސުން ކުރާނެކަމަށް ފާޅުގައި ބުނަމުން އަންނައިރު، އެފަދަ ބަޔަކަށް ވޯޓު ނުދިނުމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް ގޮވާލައްްވައިފިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ޕާޓީތަކުން ފަށާފައިވާއިރު ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ސަބަބުތައް ދައްކަވައި ކުރެއްވި އެކްސް ޕޯސްޓެއްގައި މެމްބަރު ވިދާޅުވީ ރައްޔިތުން ބޭނުންވާ މަގައް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާއެކު ތަރައްގީގެ އެންމެހާ މަޝްރޫއުތައް ހިންގުމަށް ގާނޫނީގޮތުން ބޮޑެތި ބާރުތަކެއް ކައުންސިލްތަކައް ލިބިފައިވާކަމަށެވެ.
މާޒީއަށް ބަލާއިރު ސަރުކާރާ އިދިކީލި ފިކުރުގެ ކައުންސިލަރުން ކައުންސިލްތަކައް ހޮވުމުން ވެގެންދިޔަ ގޮތް ރައްޔިތުންނަށް އޮޅިފައި ނުވާނެކަމަށް މެމްބަރު ވިދާޅުވިއެވެ.
އެގޮތުން ޑިމޮކުރަސީގެ ހަޔާތުގައި ފާއިތުވެދިޔަ ވެރިކަންތަކުގައި އިދިކީލި ވިސްނުމުގެ ނުވަތަ ވެރިކަންކުރާ ޕާޓީއާ ދެކޮޅު ކައުންސިލްތަކުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމައްވުރެ އިސްކަން ދީފައިހުރީ އޭރަކު އޮންނަ ސަރުކާރަކަށް ކަނޑައެޅިގެން ސިއްރާ ފާޅުގައި ޖެއްސުންކޮށް އެ ކައުންސިލެއްގެ މެޖޯރިޓީ އޮންނަ ޕާޓީން އަންގާ ގޮތައް ކަންކަން ނިންމަންކަމަށް ވިދާޅުވިއެވެ.
މެމެްބަރު ވިދާޅުވީ މިކަން މި ބީދައިން ކޮށް، ސަރުކާރަށް ޖެއްސުން ކުރާނެކަމަށް، ފާޅުގައި ބުނަމުން އަންނަ ބިރުވެރި ރަނގަބީލުގެ އަޑުފައްގަނޑު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ވަމުންދާ ތައްޔާރީތަކާއެކު ވެސް ގަދަވެ ގުގުމަމުންދާކަމަށެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންގެ ބާރުވެރިކަން ދަމަހައްޓައި، ރަށުގެ ތަރައްގީ ހަލުއިކުރަން ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ހޮވާދެއްވުމަށް މެމްބަރު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
ސަރުކާރަށް ޖެއްސުން ކުރާނެކަމަށް ފާޅުގައި ބުނަމުން އަންނަ ބަޔަކަށް ވޯޓު ނުދިނުމަށާއި ތަރައްގީއަށްޓަކައި ސަރުކާރު ހިންގާ ޕާޓީއަށް ވޯޓު ދިނުމަށް މެމްބަރު ގޮވާލެއްވިއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްކަމަށް ބުނެ ބައެއް ކައުންސިލްތަކުން މަސައްކަތް ކުރަމުން އަންނާތީ ރައްޔިތުން އަންނަނީ އިދިކޮޅު ފަރާތްތަކަށް ފާޑުކިޔަމުންނެވެ.