ENGLISH
23 ޖެނުއަރީ 2026
ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ތިން ބިދޭސީން ހައްޔަރުކޮށްފި
23 ޖެނުއަރީ 2026
|
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން
ރާއްޖޭގައި ޤަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން އަންނަ ބިދޭސީން ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަނުގައި އިތުރު ތިން ބިދޭސީއަަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައިފާސްކުރުމަށް ޓާސްކްފޯސް އިން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކެފޭ އަދި ޓޭކްއަވޭގެ ހިދުމަތް ދެމުންދިޔަ ބައެއް ތަންތަން ބަލައި ފާސްކޮށްފައެވެ.
އަދި އެތަންތަނުން ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު އޮޕަރޭޝަނެއްދަނީ ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ވިޔަފާރިތަކުގައާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާ ފަރާތްތައް ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.
ބިދޭސީންގެ މަޢުލޫމަތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން އެއްލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ސަރުކާރުން މިހާރު ވަނީ އެއްކޮށްފައެވެ.
ޓާސްކްފޯސް އިން ކުރިއަށްގެންދާ މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ގުޅިގެންނެވެ.