ENGLISH
23 ޖެނުއަރީ 2026
އިއާދަކުރަނަވި ހަކަތައާ ދިމާލަށް ކުރާ ދަތުރު؛ 100 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު ގާއިމުކޮށްފި
23 ޖެނުއަރީ 2026
|
ސޯލާ ނިޒާމު ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގައި އުފައްދާ ހަކަތައިގެ ތެރެއިން 33 އިންސައްތަ އިއާދަކުރަނަވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ހަކަތައަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވާފައިވާ އަމާޒަށް ވާސިލުވުމުގެ މަސައްކަތްތަކުގެ ތެރެއިން 100 އަށްވުރެ ގިނަ ރަށުގައި ސޯލާ ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމު ގާއިމުކޮށްފިއެވެ.
ރައީސް ޑރ.މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މުޅި ރާއްޖޭގައި އިއާދަކުރަނަވި ހަކަތައިން އުފައްދަނީ 53 މެގަވޮޓުގެ ކަރަންޓެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން މިހާރު އިއާދަކުރަނަވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ ނިސްބަތްވަނީ 110 މެގަވޮޓުގެ ކަރަންޓަށް އިތުރުކުރެވިފައެވެ.
ކަރަންޓު އުފެއްދުމުގައި ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރަށްރަށުގެ ކަރަންޓު ވިއުގައިގެ ހަމަޖެހުން ނުވަތަ ސްޓެބިލިޓީ ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 101 ރަށެއްގައި ސޯލާ ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމުވަނީ ގާއިމުކޮށް ނިމިފައެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މި ނިޒާމުގެ ސަބަބުން ރަށްރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމުގައި ޑީސަލް ބޭނުންކުރާ މިންވަރު މަދުކުރެވި ރާއްޖެއިން ކޮންމެ އަހަރަކު ޑީސަލަށް ކުރާ ހަރަދު ކުޑަކުރެވި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރެވިގެންދާނެ ކަމަށެވެ.
ކޮންމެ އަހަރަކު ޑީސަލް އެތެރެކުރުމަށް 250 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދިވެހި ދައުލަތުން ހަރަދުކުރެއެވެ. ޑީސަލް އެތެރެކުރުމަށްފަހު ޑީސަލް ސްޓެލްކޯއާއި ފެނަކަ ފަދަ ކުންފުނިތަކަށް ފޯރުކޮށްދެނީ ގަންނަ އަގަށްވުރެ ދެބައިކުޅަ އެއްބައި ހެޔޮ އަގުގައެވެ. އެހެންކަމުން ކޮންމެ އަހަރަކުވެސް ކަރަންޓު އަގުހެޔޮކުރުމުގެ ސަބްސިޑީގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން ހަރަދުކުރެއެވެ.
މި ސިޔާސަތުގެ ދަށުން ޑީސަލް އެތެރެކުރުމަށް ކުރާ ހަރަދު ކުޑަކުރެވިގެންދާއިރު، ރާއްޖޭގެ ދިހަ އަތޮޅެއްގެ 23 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ބެހެއްޓުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
މި ހުރިހާ މަސައްކަތްތަކެއްގެ ނަތީޖާއަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި އަމާޒާ އެއްގޮތަށް 2028 ވަނަ އަހަރުގެ ކުރިން ރާއްޖެއިން އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނަވި ހަކަތައިން އުފެއްދުމާ ހަމައަށް ވާސިލުވުމަށް މަގުފަހިވުމެވެ.