ENGLISH

23 ޖެނުއަރީ 2026

Advertisement

ނާޒިމު ވިދާޅުވެދެއްވީ ސަރުކާރުގެ ސިއްހީ ސިޔާސަތާއެކު ނިޒާމަށް އަންނަމުންދާ ބޮޑު ހެޔޮ ބަދަލު

23 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ހެލްތު މިނިސްޓަރ އަަބްދުﷲ ނާޒިމް އިބްރާހީމް، ފޮޓޯ: ސްނެޕް ޝޮޓް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލައްވާފައިވާ ސިއްހީ ސިޔާސަތު ތަންފީޒުކޮށް ނިމުމުން ރާއްޖޭގެ ސިއްހީ ނިޒާމު މުޅިން އައު ހަރުފަތަކަށް ވާސިލުވާނެ ކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ނާޒިމު މިފަދައިން ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ވުޒާރާތަކުން ތަންފީޒުކުރަމުންދާ ކަންކަމާ ގުޅޭ އަދާހަމަ މައުލޫމާތު ގެނެސްދެއްވުމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ކުރިއަށްގެންދަވާ "ތަރުޖަަމާނާއެކު" ޕޮޑްކާސްޓުގެ ހަވަނަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ސިއްހީ ނިޒާމު ތަރުތީބުކޮށްފައިވަނީ ފަށަލަތަކަކަށް ބަހާލަައިގެން ކޮންމެ ފަށަަލަައެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ލިބޭނެ ހިދުމަތްތައް ކަނޑައަޅައި، އެތަންތަނުގައި އެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މައްޗަށެވެ. އެގޮތުން އާބަން ސެންޓަރުތަކުން ލިބޭނެ ހިދުމަތްތަކާއި ސަރަހައްދީ ހޮސްޕިޓާތަކުން ލިބޭނެ ހިދުމަތްތައް ސަރުކާރުން ކަނޑައަޅާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

ނާޒިމު ވިދާޅުވީ ރައީސް އާބަން މަރުކަޒުތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ހުރިހާ ރަށެއްގަައި ސީޓީ ސްކޭން ފަދަ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މި އަހަރު ތެރޭގައި ކުރެވިގެންދާނެއެވެ. އެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާއިރު، އެއަށްވުރެ މަތީ ފަންތީގެ ހިދުމަތެއް ކަމުގައިވާ އެމްއާރްއައި ސްކޭން ހެއްދުމުގެ ހިދުމަތް ހުރިހާ ސަރަހައްދީ ހޮސްޕިޓަލުތަކެއްގައި ގާއިމުކުރުމުގެ މަސައްކަތްވެސް ކުރެވެމުންދާކަން ނާޒިމު ފާހަގަކުރެއްވިއެވެ. 

"ސަރުކާރުގެ އެބައޮތް އާބަން ސެންޓަރުތަކެއް ތަރައްގީކުރުމުގެ ސިޔާސަތެއް. އެ ސިޔާސަތު ތަންފީޒުކުރުމުގައި ހެލްތު ސެކްޓާވެސް މިދަނީ އެ ސިޔާސަތާ ގުޅިލާމެހިގެން. އެގޮތުން ހުރިހާ އާބަން ސެންޓަރސްގައި ސީޓީ ސްކޭން ފަދަ ހިދުމަތްތައް ލިބޭނެކަމަށް ރައީސްވަނީ ނިންމަވާފައި. އެ މަސައްކަތް މިހާރު  ފަށަައިގަނެގެން މިއުޅެނީ. މިއަހަރުގެ މެދު ތެރެއަށްދާއިރު އެ މަސައްކަތް ތަންފީޒުކުރަން ފެށިގެންދާނެ،" ނާޒިމު ވިދާޅުވިއެވެ. 

ސަރަހައްދީ ހޮސްޕިޓާތަކަށް ބަލާއިރު މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލާއި ރ.އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރްއައި ހިދުމތް ގާއިމުކުރެވިފައިވާއިރު، ލ.ގަމާއި، ތިނަދޫއާއި ފުވައްމުލަކު ހޮސްޕިޓަލުގައި އެމްއާރްއައި މެޝިން ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަން ނާޒިމު ފާހަގަކުރެއްވިއެވެ. 

ނާޒިމު އިތުރަށް ވިދާޅުވި ސަރުކާރު ވެރިކަމާ ހަވާލުވެ ސިއްހީ ދާއިރާގެ ސިޔާސަތު އެކުލަވައިލާ ތަންފީޒުކުރަން ބެލިއިރު، އުމްރާނީ ވަސީލަތްތައް ބާވެފައި ހުރުމާއި، އައު ހިދުމަތްތައް ތައާރަފުކުރަން ބޭނުންވާ ޖާގަ އެތަންތަނުގައި ނެތުމުގެ ދަތިކަން ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމަށެވެ.  އެ މައްސަލަތައް ހައްލުކުރުމަށް މިނިސްޓްރީން އަންނަނީ ފަސް ބިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާގެ އުމްރާނީ ތަރައްގީގެ މަސައްކަތް ކުރަމުން ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

"ގާތްގަނޑަކަށް އޯވާ ފައިވް ބިލިއަންގެ އިންފްރަސްޓްރަކްޗާ ޕްރޮޖެކްޓުތައް ހެލްތު މިނިސްޓްރީން އެބަ ހިންގަން. ދެންމެ ތިޔަ ފާހަގަކުރެއްވި ފަދައިން އެކި މަރުހަލާތަކުގައި 30 އަށްވުރެ ގިނަ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ. 20 އަށްވުރެ ގިނަަ އައު ހެލްތު ސެންޓަރުގެ މަސައްކަތް، އަދި 90 އަށްވުރެ ގިނަ ހެލްތު ސެންޓަރ އެކްސްޕޭންޑް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އިތުރަށް 22 ޕްރޮޖެކްޓެއް މި އަހަރު ކުރީ ކޮޅުގައި ފެށިގެންދާނެ،" ނާޒިމު ވިދާޅުވިއެވެ. 

އުމްރާނީ ތަރައްގީގެ އިތުރަށް ސިއްހީ ދާއިރާއަށް އެންމެ ބޭނުންވަނީ އިންސާނީ ވަސީލަތް ތަރައްގީކޮށް އިތުރުކުރުންކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ މި ދައުރުގައި މީގެ ކުރީގެ އެއްވެސް ވެރިކަމެއްގައި ސިއްހީ ދާއިރާއަށް ހިދުމަތްތެރިން އިތުރުނުކުރާ މިންވަރަށް ހިދުމަތްތެރިން އިތުރުކުރެވިފައިވާ ކަމަށެވެ. 

އެގޮތުން އަތޮޅު ތެރޭގެ ސިއްހީ ހިދުމަތްދޭ ތަންތަނަށް 700 އަށްވުރެ ގިނަ ހިދުމަތްތެރިން ވަޒީފާއަށް ނެރެވިފައިވާ ކަމަށާއި، މާލޭގައި 1،000 އަށްވުރެ ގިނަ މީހުން ސިއްހީ ދާއިރާގެ ހިދުމަތަށް ނެރެވިފައިވާ ކަމަށް ނާޒިމު ވިދާޅުވިއެވެ.  ނާޒިމު ވިދާޅުވި ގޮތުގައި ސިއްހީ ހިދުމަތްތެރިން މަސައްކަތަށް ނެރުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އެ ދާއިރާގެ ހިދުމަތްތެރިން މަދުވުމާ ގުޅިގެން ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި ރަށްރަށުގެ ރައްޔިތުން ރައީސާ ހިއްސާކުރި ޝަކުވާތަކަށް ރިއާޔަތްކުރެވިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު