ENGLISH

23 ޖެނުއަރީ 2026

Advertisement

ދެކުނުގެ ވައިގެ ދަތުރުފަތުރުގެ ވިއުގައާއެކު އައްޑޫ އަދި ހުވަދޫގެ ޓޫރިޒަމް ކުރިއަރާނެ: އަމީން

23 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ދަތުރުފަތުރާއި އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނު ވާހަކަދައްކަވަނީ، ފޮޓޯ: އެމްއެމްޓީވީ

ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ ގޮތަށް ގާއިމުކުރާ ވައިގެ ދަތުރުފަތުރު ނިޒާމު ހަރުދަނާ ދެމެހެއްޓެނެވި ގޮތުގައި ކުރިއަށްގެންދެވިއްޖެނަމަ ދެކުނުގެ އަތޮޅުތަކުގެ ފަތުރުވެރިކަން ކުރިއަރާނެ ކަމުގައި ދަަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށްް ނ.ވެލިދޫއާއި މާލެއާ ދެމެދުގައި ސީޕްލޭން ދަތުރުތައް ފެށުމަށް މިއަދު ވެލިދޫގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އަމީނު ވިދާޅުވީ، ސީޕްލޭން ހިދުމަތް ރަށްރަށަށް ފުޅާކުރެއްވުމަކީ ކަނޑު ދަތުރުފަތުރުގެ ވިއުގައިގެ އިތުރަށް ވައިގެ އުދުހުންތަކުގެ ވިއުގައިން ރަށްތައް ގުޅައިލެއްވުމަށް ރައީސް ގެންގުޅުއްވާ ތަސައްވުރުގެ މުހިއްމު ބައެއް ކަމަަށެވެ. 

މިހާރުވެސް ބ.އަތޮޅުގެ ދެ ރަށަކަށް މޯލްޑިވިއަންއިން ސީޕްލޭން ދަތުރުތައް ކުރަމުންދަކަން ފާހަގަކުރައްވަމުން އަމީނު ވިދާޅުވީ މިހާރު ސަރުކާރާއި ގައުމީ އެއާލައިން ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަންނަ ފެބްރުއަރީ މަހު އއ.ތޮއްޑޫއާއި މާލެއާ ދެމެދުގައި ސީޕްލޭން ދަތުރުތައް ފެށިގެންދާނެ ކަމަށެވެ. 

ސީޕްލޭން ހިދުމަތް ފުޅާކުރުމަކީ އެކަމުގެ ފަހަތުގައި ބޮޑެތި ހަރަދުތަކެއް ހިމެނޭ، އަދި ރާއްޖޭގެ އާބާދީއަށް ބަލާއިރު ވަރަށް ބޮޑު ހޭދައެއް ހިނގާ ކަމެއް ކަމުގައި ފާހަގަކުރައްވައި އަމީނު ވިދާޅުވީ އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރުމާއި، ވިޔަފާރިއާއި އިގުތިސާދު ކުރިއަރުވައި، ލޯކަލް ޓޫރިޒަމް އިތުރަށް ތަރައްގީކުރުމަށް ދަތުރުފަތުރުގެ ނިޒާމު ތަރައްގީކުރަންޖެހޭ ކަމަށެވެ. 

"ރާއްޖޭގެ އާބާދީގެ ނިސްބަތަށް ބަލާފައި  މިފަދަ އޮޕަރޭޝަނެއް ހިންގުމަކީ ހަރަދު ބޮޑު މަސައްކަތެއް. އެހެންނަމަވެސް ތަރައްގީގެ ގޮތުންނާއި ލޯކަލް ޓޫރިޒަމް ތަރައްގީކުރުމުގެ ގޮތުންނާއި އުމްރާނީ ގޮތުން ކުރަންޖެހޭ ބައެއް ކަންކަން ކުރުމުގައިވެސް ދަތުރުފަތުރުގެ ނިޒާމަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމުގައިވާތީ، ކަނޑުގެ މަގުން އޮންނަ ވިއުގައިގެ އިތުރަށް ވައިގެ މަގުން ވިއުގަ އިތުރުކުރެއްވުމަކީވެސް ރައީސްގެ ޕޮލިސީގެ ދަށުން ވަރަށް އިސްކަންދެއްވައިގެން ކުރައްވާ މަސައްކަތްޕުޅަކަށްވާތީ މިކަންކަން ކުރެވިގެންމިދަނީ،" އަމީނު ވިދާޅިވިއެވެ. 

ވައިގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީ ގަމަކީ މަރުކަޒެއް ކަމުގައި  ބަލައިގެން އައްޑޫއާއި ހުވަދު އަތޮޅުގެ ހަތަރު ބައި ގުޅައިލުމުގެ މަސައްކަތް އަންނަ މަހު ފެށިގެންދާނެކަން ފާހަގަކުރައްވަމުން އަމީނު ވިދާޅުވީ މި މަސައްކަތުގެ ތެރެއިން އައްޑޫއާއި ހުވަދޫގެ ފަތުރުވެރިކަން ތަރައްގީކުރުމުގެ މަސައްކަތްތަކަށް ހެޔޮ ބަދަލެއް އަންނާނެކަން ޔަގީން ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވައިގެ އުދުހުންތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކަައި ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ މަސައްކަަތް ސަރުކާރުން އިސްނަގައިގެން ކުރަމުންދާކަމަށް އަމީނު ވިދާޅުވިއެވެ. އަދި އެ މަސައްކަތްތަކުގެ ސަބަބުން ޓާމިނަލުން ފަސިންޖަރުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު