ENGLISH
23 ޖެނުއަރީ 2026
ސީޕްލޭން ދަތުރުތައް ފުޅާކުރުމަކީ ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރެވުމުގެ ތަސައްވުރެގެ ބައެއް: އިޔާސް
23 ޖެނުއަރީ 2026
|
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް އިޔާސް، ފޮޓޯ: އެމްއެމްޓީވީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަސައްވުރަކީ ހަރުދަނާ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ އަތޮޅުތަކާއި ރަަށްތައް ގުޅަައިލާ، ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގެ ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދެއްވުންކަމަށް އައިލެންޑް އޭވިއޭޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް އިޔާސް ވިދާޅުވެއްޖެއެވެ.
ނ.ވެލިދޫއާއި މާލެއާ ދެމެދުގައި ސީޕްލޭން ދަތުރުތައް ފެށުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި އިޔާސް ވިދާޅުވީ ވެލިދޫއަށް ޝެޑިއުލްކޮށްގެން ސީޕްލޭން ދަތުރުތައް ފެށުމަކީ އެ ރަށަށް އަދި އެ ރަށް ކައިރީ އޮންނަ ފޮއްދޫއަށް ތާރީހީ ދުވަހެއް ކަމަށާއި، އެއީ އެ ދެ ރަށުގެ ރައްޔިތުން އެދިއެދި ތިބި ކަމެއް ހަގީގަތަކަށްވުން ކަމަށެވެ.
އިޔާސް އިތުރަށް ވިދާޅުވީ ރައީސް ޑރ.މުޢިއްޒުގެ ތަސައްވުރަކީ ދުރު ރާސްތާގެ ތަސައްވުރެއްކަމަށާއި، އެތަސައްވުރުގެ އެއް ބަަޔަކީ ދަތުރުފަތުރުގެ ހަރުދަނާ ނިޒާމަކުން ރަށްތައް ގުޅުވައިލާ ރައްޔިތުންނަށް ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދެއްވުން ކަމަށެވެ.
އަދި 2026 ވަނަ އަހަރު ޖަނަވަރީ މަހުގައި ސީޕްލޭން ޕްލެޓުފޯމެއް ވެލިދޫގައި ގާއިމުކުރައްވައި، ޝެޑިއުލްކޮށްގެން ސީޕްލޭން ދަަތުރުތައް އެ ރަށަށް ފައްޓަވާނެކަން ރައީސް ނިމުނު އަހަރު ޖުލައި މަހު އެ ރަށަށް ކުރެއްވި ޒިޔާރަތުގައި އިއުލާނުކުރެއްވިކަން ފާހަގަކުރައްވަމުން އިޔާސް ވިދާޅުވީ، ސަރުކާރުގެ އެހީތެރިކަމާއެކު އެ ވައުދުފުޅު ފުއްދައިދިނުމަކީ ގައުމީ އެއާލައިނަށް ލިބުނު ފަހުރެއް ކަމަށެވެ.
އިޔާސް ވިދާޅުވި ގޮތުގައި ސީޕްލޭން ހިދުމަތް ފެށުމާއެކު އެ ރަށު ރައްޔިތުން ކުރަންޖެހޭ ދަތުރުތަކުގެ ވަގުތު ކުރުވެ، އަސާސީ ހިދުމަތްތަކަށް ވާސިލުވުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި ދަތުރުތަކަކީ ކޮންމެ ވަގުތެއްގައިވެސް ދަތުރުކުރެވޭނެ އަމާން މަގަަކަށް ވެގެންދާނެ ކަމުގައި ވިދާޅުވިއެވެ.
މި ހިދުމަތް ފޯރުކޮށްދެނީ ވިޔަފާރި އުސޫލަށްވުރެ ބޮޑަށް ރައްޔިތުންނަށް ލުއި ފަސޭހަ ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައިކަން ފާހަގަކުރައްވަމުން އިޔާސް ވިދާޅުވީ ޓިކެޓުގެ އަގުތައް ހުންނާނީ އަތް ފޯރާ ފަށުގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރަށު ފަތުރުވެރިކަން އިތުރަށް ފުޅާކުރެވިގެންދާނެ ކަމުގައިވެސް އިޔާސް ވިދާޅުވިއެވެ.
"މިއީ ކޮންމެ ވަގުތެއްގައިވެސް ދަތުރުކުރެވޭނެ އަމާން މަގެއް ކަމުގައި ވެގެންދާނެ. މި ހިދުމަތުގެ ސަބަބުން މި ސަރަހައްދުގެ ލޯކަލް ޓޫރިޒަމަށް އިތުރު ދަޮރުތައް ހުޅުވި، ރައްޔިތުންގެ އަސާސީ ބޭނުންތަކަށާއި ވިޔަފާރިއާއި އެހެނިހެން ބޭނުންތަކަށް ކުރާ ދަތުރުތަކަށް ލުއެއް ލިބިގެންދާނެ،" އިޔާސް ވިދާޅުވިއެވެ.
"މި ދަތުރުތަކުގެ އަގުތައް ހުންނާނީ އަތްފޯރާ ފަށުގައިކަން ފާހަގަކުރަން. އެއީ މިއީ ބޮޑަށް ވިޔަފާރި އުސޫލަށްވުރެ އެ ރައްޔިތުންނަށް ލުޔެއް ލިބޭނެ ގޮތަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކަނޑައަޅާފައިވާ އަގުތަކެއް،"
އަލަށް ފެށި ނ.ވެލިދޫއާއި މާލެއާ ދެމެދުގައި ކުރާ ސީޕްލޭން ދަތުރުތަކުގެ އަގަކީ ދިވެހިންނަށް 999 ރުފިޔާއެވެ. އަދި ފަތުުރުވެރިންނަށް ކަނޑައަޅާފައިވާ އަގަކީ 93 ޑޮލަރެވެ.
މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ އެހެން ހިސާބުތަކާއި ވެލިދޫއާއި ފޮއްދޫގެ ގުޅުން އިތުރަށް ބަދަހިކުރެވި، އެ ރަށްރަށުގެ ލޯކަލް ޓޫރިޒަމް ފުޅާކުރެވި އެހެނިހެން ވިޔަފާރިތައްވެސް އިތުރަށް ތަރައްގީކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޯލްޑިވިއަން އަންނަނީ ބ.ފުޅަދޫއާއި ބ.ކަމަދޫއާއި މާލެއާ ދެމެދުގައި ސީޕްލޭން ދަތުރުތައް ކުރަމުންނެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އއ.ތޮއްޑޫއާއި މާލެއާ ދެމެދުގައި ސީޕްލޭން ޝެޑިއުލް ދަތުރުތައް ފެށުމަށް ގައުމީ އެއާލައިނުން އަންނަނީ ތައްޔާރުވަމުންނެވެ.