ENGLISH
23 ޖެނުއަރީ 2026
19 އަތޮޅެއްގައި ޕަބްލިކް ވޯކްސް ޔުނިޓުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ލަސްވެގެން މާޗު މަހު ފަށަނީ
23 ޖެނުއަރީ 2026
|
ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޔޫސުފް ޢަބްދުލްޣަފޫރު ބޮޑު ޚަބަރު ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަނީ//
ޕަބްލިސް ވޯކްސްގެ ހިދުމަތް ނުދޭ އަތޮޅުތަކަށް އެ ހިދުމަތްް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 19 އަތޮޅެއްގައި ޕަބްލިސް ވޯކްސް ޔުނިޓުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެންމެ ލަސްވެގެން އަންނަ މާޗުމަހުގެ ތެރޭގައި ފެށިގެންދާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
"އެމްއެމް"ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޔޫސުފް ޢަބްދުލްޣަފޫރު ވިދާޅުވީ ޕަބްލިކް ވޯކްސްއަށް ބޭނުންވާ މެޝިނަރީސްއާއި، ޕަބްލިކް ވޯކްސް ޔުނިޓުގެ މެޝިނަރީޒް ގެނައުމުގެ މަސައްކަތް މާލީ ވުޒާރާއާ ގުޅިގެން ކުރިއަށް ދާކަމަށެވެ. ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކަންކަން ދާނަމަ ފެބުރުއަރީމަހުގެ ފަހުކޮޅު ނުވަތަ މާޗުމަހުގެ ކުރީކޮޅު މި ޔުނިޓުތަކަށް ބޭނުންވާ ސާމާނު ހަމަކުރެވި އަމަލީ މަސައްކަތްތައް ފެށިގެންދާނެކަމަށް ސްޓޭޓް މިނިސްޓަރު ވިދަޅުވިއެވެ.
""ސަމާނު ހޯދުމަށް ވަރަށް ބޮޑު ހަރަދެއް ކުރަންޖެހޭ. މިއިން ކޮންމެ ޔުނިޓަކަށް 15 އާއި 20 އާ ދެމެދުގެ އަދަދަކަށް ވެހިކަލް އެބަ ބޭނުންވޭ. ތަކެތި ގެނެސް އެންމެ ލަސްވެގެން މާޗުމަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ. އަދި މިހާރު އަޅުގަނޑުމެން މިދަނީ ޔުނިޓުތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުން. މި މަސައްކަތަށް 500އާއި 600 އާ ދެމެދުގެ އަދަދަކަށް މުވައްޒަފުން ބޭނުންވޭ". " - ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޔޫސުފް ޢަބްދުލްޣަފޫރު
މި 19 ޔުނިޓާއެކު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ ހިދުމަތް ފެށިގެން ދިޔައީކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސްގެ އެއް މަރުކަޒު ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަމެކެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސް ހިދުމަތް ދިނުމަށްޓަކައި އެންމެ މަދުވެގެން، އެއް ޔުނިޓް ގާއިމުކުުރުމުގެ އިތުރުން، ރާއްޖޭގެ އުތުރު އަދި ދެކުނުގެ ސަރަހައްދު ހިމެނޭ ގޮތަށް، ހުރިހާ ވަސީލަތަކާއެކު އެއްތަނުން އަނެއް ތަނަށް އުފުލައި، ބަދަލު ކުރެވޭ މޯބައިލް ޕަބްލިކް ވޯކްސް ޔުނިޓްގެ ދެ ޔުނިޓް އުފައްދަން ސަރުކާރުން ވަނީ ނިންމާފައެވެ.
ޢުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާއިރު މަގުތަކާއި ބަނދަރުތައް ބެލެހެއްޓުމުގެ އިތުރުން އެ ތަންތަނުގެ މެއިންޓަނަންސް މަސައްކަތަކީ މުހިންމު ކަމަކަށް ވާއިރު މެއިންޓެނަންސް މަސައްކަތްތަކާއި ރަށްރަށުގައި ހުންނަ ކުދިކުދި މަސައްކަތްތައް ކުރުމުގައި ޕަބްލިކް ވޯކްސް ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމަށް ސަރުކާރުން ބުނެއެވެ.
ޕަބްލިކް ވޯކްސް ނިޒާމު ގާއިމުކުރެވުމުން ކުރިއަށް އޮތް ތަނުގައި ރަށްރަށުގައި ހުންނަ އިންފްރާސްޓްރަކްޗާ ތަންތަން ބެލެހެއްޓުމަށް ކުރަންޖެހޭ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.