ENGLISH

23 ޖެނުއަރީ 2026

Advertisement

އުކުޅަހަށް ފޮނުވި 1000 ކިލޯވޮޓުގެ އައު ޖަނެރޭޓަރު ބޭނުންކުރަން ފަށައިފި

23 ޖެނުއަރީ 2026

|

އައިމިނަތު ޝަފާ

އއ. އުކުޅަހަށް ފޮނުވި 1000 ކިލޯވޮޓުގެ އައު ޖަނަރޭޓަރު ބޭނުންކުރަން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ އަތޮޅުތެރޭ އިންޖީނުގެތަކުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރު ކުރުމަށާއި، ޕީކް ސީޒަނަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 1000 ކިލޯވޮޓުގެ އައު ޖަނެރޭޓަރު ސެޓެއް އުކުޅަހަށް ގެންގޮސް ކޮމިޝަންކޮށް މިހާރު ބޭނުން ކުރަމުން އަންނަ ކަމަށެވެ. 

އައު ޖަނަރޭޓަރާއެކު އުކުޅަހުގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ 2564 ކިލޯވޮޓަށް އިތުރުވެފައިވާ ކަމަށް ވެސް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

މި އަހަރުގެ ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ރަށްތަކަށް އިންޖީނު ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުން އަންނައިރު، މާލޭ ސަރަޙައްދުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށްގެންދާ ޕީކް ހޭންޑްލިންއަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަޙައްދުގައި 2MVA ގެ 15 ޖެންސެޓު ބެހެއްޓުމުގެ މަސައްކަތް ވެސް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.

ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ މިންވަރު މައްޗަށް ދިއުމުގެ ސަބަބުން ކަރަންޓު އުފެއްދޭ މިންވަރަށްވުރެ ކަރަންޓު ބޭނުންވާ މިންވަރު އިތުރުވެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ކުޑަކުރުމަށް ސްޓެލްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު