ENGLISH
23 ޖެނުއަރީ 2026
ވައުދުފުޅު ފުއްދައި، މޯލްޑިވިއަންއިން ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށައިފި
23 ޖެނުއަރީ 2026
|
ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ނ.ވެލިދޫއާއި މާލެއާ ދޭތެރޭ ސީޕްލޭން ދަތުރުތައް މިހާރުވަނީ ފަށާފައި، ފޮޓޯ: އެމްއެމްޓީވީ
ރިޔާސީ އިންތިހާބުގައި ނ.ވެލިދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް، އެ ރަށަށް ގައުމީ އެއާލައިނުން ސީ ޕްލޭން ދަތުރުތައް މިއަދު ފަށައިފިއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންއިން ވެލިދޫއަށް ސީ ޕްލޭން ދަތުރުތައް ފެށުމަށްޓަކައި މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދާއި ދަތުރުފަތުރާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ބައިވެރިވެވަޑައިގަތެވެ.
އަދި މޯލްޑިވިއަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް އިޔާސްއާއި ކުންފުނީގެ އެހެނިހެން ވެރިންވެސް މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ސީ ޕްލޭން ދަތުރުތައް ވެލިދޫއަށް ފެށީ އެކަމަށްޓަކައި އެ ރަށުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހުއެވެ. އެގޮތުން ވެލިދޫގައި ސީޕްލޭން ޕްލެޓްފޯމެއް ގާއިމުކޮށް، ރަށު ކައުންސިލު އިދާރާގައި ޗެކިންވުމަށާއި ފަސިންޖަރުން މަޑުކުރުމަށް ހާއްސަ ލައުންޖެއް ގާއިމުކޮށްފައިވެއެވެ.
ފުރަތަމަ ފުލަައިޓަށް މިއަދު މެންދުރު 1.40 ގައި ޗެކްއިން ފެށިއިރު 2.40 ގައި ފުރަތަމަ ފުލައިޓު އެ ރަށުން ފުރިއެވެ. އެ ފުލައިޓުގައި ވެލިދޫން ފުރައިގެން މާލެއަށް 15 މީހަކު ދަތުރުކުރިއެވެ. އެމީހުންގެ ތެރޭގައި ދިވެހިންގެ އިތުރަށް ފަތުރުވެރިންވެސް ހިމެނެއެވެ.
ހަފުތާއަކު ދެ ދުވަހު ވެލިދޫއާއި މާލޭގެ މެދުގައި ސީޕްލޭން ދަތުރުތައް ބާއްވާނެއެވެ. އެއީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހާއި ހުކުރު ދުވަހުއެވެ. އަދި މި ދަތުރުތަކަށް ހާއްސަ ފެއާއެއް ގައުމީ އެއާލައިންއިން ތައާރަފުކޮށްފައިވެއެވެ. މި ދަތުރުތަކުގެ ޓިކެޓު ދިވެހިންނަށް ވިއްކަނީ 999 ރުފިޔާއަށެވެ.
ރައީސް މިދިޔަ އަހަރުގެ ޖުލައި މަހު ވެލިދޫއަށް ކުރެއްވި ދަތުރުފުޅުގައި މި އަހަރުގެ ޖަނަވީ މަހުގައި އެ އަރަށުގައި ސީ ޕްލޭން ޕްލެޓުފޯމު ގާއިމުކޮށް، ވެލިދޫއާއި މާލެއާ ދެމެދުގައި ސީޕްލޭން ދަތުރުތައް ފަށާނެ ކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތަށް އެމަނިކުފާނު ދެއްވި މުހުލަތުގެ ތެރޭގައި ވެލިދޫގެ ސީޕްލޭން ދަތުރުތައް ފެށިފައިވާއިރު، މި ދަތުރުތައް ކުރިއަށްގެންދާނީ އެ އަތޮޅު ވިހަފަރުގައި ގާއިމުކުރާ އެއާޕޯޓުގެ މަސައްކަތް ނިމެންދެނެވެ. އެ މަސައްކަތް ނިމުމަށްފަހުވެސް މި ދަތުރުތައް ކުރިއަށްގެންދަން ރައްޔިތުން ބޭނުންވާނަމަ އެ ދަތުރުތައް ކުރިއަށްގެންދަވާނެ ކަމުގައި ރައީސްް ވިދާޅުވިއެވެ.