ENGLISH
22 ޖެނުއަރީ 2026
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ނޭޕާލް ބަލިކޮށް، ރާއްޖޭން ލީގު ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް
22 ޖެނުއަރީ 2026
|
ނޭޕާލް ކޮޅަށް ލަނޑުޖެހުމަށްފަހު ރާއްޖޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ސާފް
ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގައި މިއަދު ކުޅުނު މެޗުގައި ނޭޕާލް 2-1 އިން ބަލިކޮށް، ރާއްޖޭން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
މި މުބާރާތުގައި ރާއްޖޭން ކުޅުނު ހަތަރު މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ބަންގްލަދޭޝް އަތުން މޮޅުވީ 6-1 އިންނެވެ. އެއަށްފަހު، އިންޑިއާ 5-0 އިން ބަލިކުރިއިރު، މިއަދުގެ މެޗުގައި ނޭޕާލް އަތުން ވަނީ މޮޅުވެފައެވެ.
މި ނަތީޖާއާއެކު، ލީގުގެ އެއްވަނައިގައި ރާއްޖެ އުޅެނީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އުޅޭ ބަންގްލަދޭޝްގެ އިތުރުން ތިންވަނައިގައި އޮތް ޕާކިސްތާނަށް މިއަދަދަށް މެޗު ކުޅެގެން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ބަންގްލަދޭޝް އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. އެ ދެ ޓީމު ބައްދަލުކުރާ މެޗު އެއްވަރުވެއްޖެނަމަ، ބާކީ ދެ މެޗު އޮއްވާ ރާއްޖެ އަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.
ބެންކޮކްގެ ނޮންތަބުރީ އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވަރަށް އެއްވަރުގެ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ހާފު ނިންމާލީ ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ރާއްޖޭން ލީޑުނެގީ ނޭޕާލްގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އަހުމަދު ހަމީދު (އައްމަޑޭ) ހުސްކޮށްލާފަ ދިން ބޯޅައެއްގެ އެހީގައި ޢަބްދުﷲ ޝާފިޢު (ޝާއްޕެ) އެވެ.
ރާއްޖޭން ލީޑުނެގިތާ މިނެޓެއްގެ ތެރޭގައި، ނޭޕާލުން އެއްވަރުކުރީ ބިކްރާންތު ނާސިންގެ ގޯލުންނެވެ. މިއީ އެ ޓީމުން ނެގި ކޯނަރެއްގެ އެހީގައި އޭރިޔާތެރެއިން ފޮނުވާލި ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އޭގެފަހުން، މެޗުގެ 33 ވަނަ މިނެޓުގައި ރާއްޖޭގެ ޝާއްޕެ އަށް ހުސްކޮށް ލިބުނު ފުރުޞަތެއްގައި ގޯލަށް ބޯޅަ ފޮނުވާލަން އުޅެނިކޮށް ނޭޕާލްގެ އަމިތު ލާމާ ކުރި ފައުލަކަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ. މި ހިލޭޖެހުމުގައި ރާއްޖެ އަށް އަލުން ލީޑުނަގައިދިނީ މުބާރާތުގައި މޮޅު ކުޅުމެއްދައްކަމުން އަންނަ ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން، މުޙައްމަދު އިމްރާން (އިންމި) އެވެ. މިއީ މި މުބާރާތުގައި ކުޅުނު ހަތަރު މެޗުގައި އޭނާ ޖެހި ހަތްވަނަ ލަނޑެވެ.
މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ވާދަކުރެއެވެ. އެއީ، ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން އަދި ސްރީ ލަންކާއެވެ.
މި މުބާރާތުގައި ރާއްޖޭން ދެން ކުޅޭ މެޗުގައި މި މަހުގެ 24 ވާ ހޮނިހިރު ދުވަހު ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ.