ENGLISH
21 ޖެނުއަރީ 2026
ޣައްޒާ ހިންގާ ބޯޑަށް ހަނގުރާމައިގެ އެންމެ ބޮޑު މުޖުރިމު ނަތަންޔާހޫ!
21 ޖެނުއަރީ 2026
|
އެމެރިކާގެ ރައީސް ޓްރަމްޕް އަދި އަނިޔާވެރި ޔަހޫދީ ބޮޑު ވަޒީރު ނަތަންޔާހޫ// ފޮޓޯ؛އަލްޖަޒީރާ
ވަގުތީގޮތުން ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ހިންގާނެ ސުލްހައިގެ ބޯޑުގައި ހަނގުރާމައިގެ އެންމެ ބޮޑު މުޖުރިމުކަމަށްވާ ޣައިރު ގާނޫނީ ސަހުޔޫނީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމަނަން އެމެރިކާއިން ނިންމައިފިއެވެ.
ބޯޑުގައި ބައިވެރިވާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ދައުވަތު ނަތަންޔާހޫ ގަބޫލުކުރިކަން އޭނާގެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަތަންޔާހޫގެ އިތުރުން ބޯޑުގައި ބައިވެރިވުމަށް ޔޫއޭއީގެ ރައީސް، ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަހުޔާނަށް ދިން ދައުވަތު އެމަނިކުފާނު ވެސް ވަނީ ގަބޫލުކުރައްވާފައެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް އިސްވެ އުފައްދަވާފައިވާ 11 މެމްބަރުންގެ މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވަނީ ވެސް އެމަނިކުފާނެވެ.
ޓްރަމްޕްގެ އިތުރުން ދެން ބޯޑުގައި ހިމެނިވަޑައިގަންނަވާނީ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ އަދި ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރގެ އިތުރުން ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އެވެ. މީގެ އިތުރުން އެޕޯލޯ ގްލޯބަލް މެނޭޖްމަންޓްގެ ސީއީއޯ މާކް ރޯވަން، ވޯލްޑް ބޭންކްގެ ރައީސް އަޖޭ ބަންގާ އަދި އެމެރިކާގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ރޮބަޓް ގޭބްރިއަލް ވެސް މި ބޯޑުގައި ހިމެނެއެވެ.
ތުރުކީވިލާތުގެ ހާރިޖީ ވަޒީރު ހާކާން ފިދާން އާއި މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް އދ. އިން ކަނޑައަޅާފައިވާ ހާއްސަ މަންދޫބު، ސީޣްރީދް ކާޖް އެ ބޯޑުގައި ހިމަނަން އެމެރިކާއިން މީގެ ކުރިން ވަނީ ހުށަހަޅައިފައެވެ. އަދި މީގެ ކުރިން އެމެރިކާއިން ހުށައެޅި ލިސްޓުގައި ގަތަރުގެ ޑިޕްލޮމެޓް އަލީ އައްޘަވާދީ ވެސް ހިމެނިވަޑައިގަންނަވައެވެ.
ނަމަވެސް ޣައްޒާ ހިންގުމުގައި ތުރުކީވިލާތާއި ގަތަރުގެ އެއްވެސް ދައުރެއް އޮވެގެން ނުވާނެކަމަށް ބުނެ ސަހުޔޫނީން ވަކާލާތުކުރަމުން އަނާތީ ހާކާން ފިދާންއާއި އަލީ އައްޘަވާދީ ބޯޑުގައި ހިމެނިދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.
ހޯމަ ދުވަހު ސަހުޔޫނީންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން ނަތަންޔާހޫ ވަނީ ތުރުކީ އަދި ގަތަރުގެ އެއްވެސް މީހަކަށް ޣައްޒާގެ ބިމަށް ނުވަދެވޭނެކަމަށް ބުނެފައެވެ. އަދި އެ ދެ ގައުމުގެ ވެރިން ބޯޑުގައި ހިމަނައިފިނަމަ ބޯޑު ގަބޫލުނުކުރާނެކަން އެމެރިކާ ސަރުކާރަށް އެންގުމަށް ސަހުޔޫނީންގެ ހާރިޖީ ވަޒީރު ގިޑިއަން ސާރަށް އަމުރުކޮށްފައިވާކަމަށް ނަތަންޔާހޫ ވަނީ ބުނެފައެވެ.
މިހާތަނަށް ބޯޑަށް އައްޔަނުކުރެވިގެން ދިޔަ ބޭފުޅުންގެ ތެރޭގައި ފަލަސްތީނަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ހިމެނިފައެއް ނުވެއެވެ.
އެމެރިކާގެ މި ރޭވުމާ މެދު ފަލަސްތީނުގެ ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. ސަބަބަކީ އެމެރިކާއިން މެދުވެރިއެއްގެ ރޯލު އަދާކޮސް މީގެ ކުރިން އެކުލަވާލި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފަށް މިހާރުވެސް ޔަހޫދީން އަންނަނީ ޣައްޒާއަށް ހަމަލާތައް ދެމުންކަމަށް ވާތީއެވެ.
މި އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ޣައްޒާއިން ޔަހޫދީ ސިފައިން އެއްކޮށް ފައިބަން ޖެހޭނެއެވެ. އަދި ރަފަހު ބޯޑަރު ހުޅުވާލުމާއި، ޣައްޒާގެ ރަށްބޭރުގައި ފުނިޖެހިފައިވާ އެހީގެ ގާފިލާތައް ޣައްޒާއަށް ވަނުމަށް ހުރަސް ނޭޅުން ހިމެނެއެވެ.
ޣައްޒާ ހިންގާ ބޯޑަކީ 2023 ވަނަ އަހަރު ހަނގުރާމަ މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހަމާސްގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކަމަށް ބުނެ އެމެރިކާއިން އިސްވެ އުފައްދާ ބޯޑެކެވެ. ޣައްޒާ އަލުން އާބާދުކުރުމުގެ މަސައްކަތްތައް ވެސް މި ބޯޑާ ވަނީ މަތިކުރެވިފައެވެ.