ENGLISH

21 ޖެނުއަރީ 2026

Advertisement

ދިރާސީ އައު އަހަރު: އަލަަށް ގުރޭޑު އެކަކަށް 4،790 ދަރިވަރުން، އަތޮޅުތަކުން މާލެއަށް 1،500 ދަރިވަރުން

21 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ކުރިއަށް އޮތް ދިރާސީ އައު އަހަރު ސަރުކާރު ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވަނުމަށް 4،790 ދަރިވަރުން އަދި އަތޮޅު ތެރެއިން މާލޭގެ ސުކޫލުތަކަށް ވަނުމަށް 1،500 އެއްހައި ދަރިވަރުން އެދިފައިވާކަމަށް ތައުލީމީ ވުޒާރާއިން ބުނެފިއެވެ. 

އެ ވުޒާރާއިން ހާމަކުރި ގޮތުގައި މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އަލަށް ސަރުކާރު ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވަނުމަށް 4،790 ދަރިވަރުންް އެދިފައިވެއެވެ. ކޮންމެ އަހަރަކުވެސް ދިރާސީ އަހަރަށް ތައްޔާރުވުމުގެ މަސައްކަތްތަކުގެ ތެރެއިން އަލަށް ގްރޭޑް އެކަކަށް ވަންނަ ދަރިވަރުންގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ދިރާސީ އަހަރު ފެށުމުގެ ކުރިން ކުރިއަށްގެންދެއެވެ. 

މި ދަރިވަރުންގެ ތެރެއިން 3،042 ދަރިވަރުންނަކީ އަތޮޅު ތެރޭގެ ސްކޫލުތަކަށް ވަނުމަށް އެދި ހުށަހަޅާފައިވާ ދަރިވަރުންނެވެ. މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑު އެކަކަށް ވަނުމަށް އެދި 1،748 ދަރިވަރުން ހުށަހަޅާފައިވާކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

އަދި އަތޮޅުތަކުން މާލޭގެ ސްކޫލުތަކަށް ބަދަލުވުމަށް މިހާތަނަށް 1،530 ދަރިވަރުން ހުށަހަޅާފައިވާއިރު، މާލޭގެ ސްކޫލުތަކުން ހުޅުމާލޭގެ ސްކޫލުތަކަށް ބަދަލުވިމަށް 836 ދަރިވަރުން ހުޅަހަޅާފައިވާކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ. 

ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާއީލު ޝަފީއު ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވާ ގޮތުން ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ މައިގަނޑު މަސައްކަތްތައް މިހާރުވަނީ ނިމިފައެވެ. އެގޮތުން ޓީޗަރުން ހަމަކުރުމާއި ފޮތްތައް ހަމަކުރުމުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާކަަމަށް ވަޒީރު ވިދާޅުވިއެވެ. 

ސަރުކާރުން އަންނަނީ ތައުލީމީ ދާއިރާގެ ބިނާރު އައުކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލޭ ސަރަހައްދުގައި އައު ސްކޫލުތައް އެޅުމުގެ އިތުރަށް އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގެ ސްކޫލުތަކަށް ކްލާސް ރޫމުތަކާއި ލެބޯޓަރީތަކާއި ލައިބްރަރީތައް އިތުރުކޮށްދިނުމާއި ބައެއް ރަށްރަށުގައި އައު ސްކޫލު އިމާރާތްތައް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު