ENGLISH
21 ޖެނުއަރީ 2026
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި، 48 ގަޑިއިރުތެރޭ ފައިސާ ވެސް ދޫކުރާނެ
21 ޖެނުއަރީ 2026
|
މަސްވެރިންތަކެއް ކަންނެލި ކިރުވަނީ. މިފްކޯއިން ކަންނެލި ގަންނަން ފަށާފައިވާއިރު ގަވާއިދުން ފައިސާ ވެސް ދޫކުރާނެ. ފޮޓޯ: މަސްވެރިކަމާ ބެހޭ ވުޒާރާ
މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖުގައި މިފްކޯއިން ބުނީ، އިއްޔެއިން ފެށިގެން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައިވާ ކަމަށެވެ. މި ސައިޒުގެ ކަންނެލި މިފްކޯގެ ސެންޓަރުތަކަށް ގަންނަނީ ކިލޯއެއް 20ރ. ގެ މަގުންނެވެ.
މިފްކޯއިން ބުނީ އިއްޔެ، ކޫއްޑޫ ބަނދަރާއި، އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫއާއި ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް މި ސައިޒުގެ ކަންނެލި ގަނެފައިވާ ކަމަށެވެ.
ދިހަ ކިލޯ އާއި 15 ކިލޯގެ އިތުުރުން، 15 ކިލޯއިން މަތީގެ ކަންނެލި 25ރ. ގެ މަގުން މިފްކޯއިން ވަނީ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ގަންނަން ފަށާފައެވެ.
ކަޅުބިލަމަހެކޭ އެއްގޮތަށް މިފްކޯއަށް ކަންނެލި ކިރުވުމުން ވެސް ގަވާއިދުން ފައިސާ ދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން މިފްކޯއިން ބުނީ ކަންނެލި މަހަށް ވެސް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަމުންގެންދާ ކަމަށެވެ.
"މިއީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ކުރެވޭ މަސައްކަތުގެ ބައެއް. މިގޮތުން މި މުހިންމު ފިޔަވަޅުގެ ސަބަބުން ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބި، ކަންނެލި މަސްވެރިކަމަށް ކުރިއެރުންތަކެއް ލިބުގެންދާނެ ކަމަށް އަޅުގަނޑުމެން ދެކެން." މިފްކޯއިން އާއްމުކުރި މައުލޫމާތުގައި ބުނެފައިވެއެވެ.
މަސްވެރިންނަށް ގަވާއިދުން ފައިސާ ނުލިބުމުގެ މައްސަލަ ހައްލުކުރީ ވެސް މި ސަރުކާރުންނެވެ. އެގޮތުން މަސްވެރިން ކިރުވާ މަހަށް ގަވާއިދުން ފައިސާދެމުން ގެންދާތާ މިހާރު ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައެވެ. ހަމަ އެގޮތަށް ކަންނެލި ކިރުވާ އަދަދަށް ވެސް ސަރުކާރުން ގަވާއިދުން ފައިސާދެމުން ގެންދާނެއެވެ.
ކަންނެލި ގަތުމުގެ މަސައްކަތް އިންތިޒާމެއްގެ ތެރެއިން މިފްކޯއިން ފެށިއިރު، ކުރިއަށް އޮތްތަނުގައި، ކޯލްޑް ސްޓޯރޭޖާއި އައިސް ފޯރުކޮށްދިނުމުގެ ޚިދުމަތުގެ އިތުރުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް ވެސް ފެށުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.