ENGLISH
21 ޖެނުއަރީ 2026
އަލީ ލަތީފާއި އިކުލީލު އަދި ދެ ކުންފުނީގެ މައްޗަށް ދައުވާކޮށްފި، ޕީޖީން އެދެނީ ބޮޑު އަދަަބެއް ދޭން
21 ޖެނުއަރީ 2026
|
ޑރ.އަލީ ލަތީފު އަދި ޑރ.އިކްލީލު ޝަރީފު
ކޮވިޑް-19ގެ އާލަމީ ވަބާގައި ޕީސީއާރް ޓެސްޓު ހެދުމުގެ ހިދުމަތް ދިނުމަށްފަހު ލިބުނު އާމްދަނީ އޮަޅުވާލައިގެން ޓެކުހަށް މަކަަރު ހެދުމުގެ ތުހުމަތުގައި ދައުވާކޮށްދޭން މީރާއިން އެދުނު ޑރ.އަަލީ އަބްދުﷲ ލަތީފާއި، ޑރ.އިކްލީލު ޝަރީފާއި އެ ދެ ބޭފުޅުންގެ މަސްލަހަތު އޮންނަ ދެ ކުންފުންޏެއްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިން ކޯޓުގައި ދައުވާކޮށްފިއެވެ.
އިއްޔެ މީރާއިން މީޑިޔާއަށް މައުލޫމާތު ދިން ގޮތުގައި މި ދެ ބޭފުޅުންގެ މަސްލަހަތު އޮންނަ ދެ ކުންފުނި ކަމުގައިވާ ޕައިނިއާ މޯލްޑިވްސް އަދި އައިލެންޑް ހެލްތު ސޮލިއުޝަންސްއިންވަނީ ކޮވިޑް-19 ގެ ދުވަސްވަރު އެ ކުންފުނިތަކަށް ލިބުނު އާމްދަނީ އޮޅުވާލައި ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ މިންވަރަށްވުރެ ކުޑަ މިންވަރެއް ދެއްކުމަށް މަސައްކަތްކޮށްފައެވެ.
މި މައްސަލާގައި ދައުވާކޮށްދިނުމަށް މީރާއިން އެދުމުން ޕީޖީ އޮފީހުން ޑރ.އަލީ ލަތީފުގެ މއްޗަށް އުފުލާފައިވަނީ ޓެކްސް ދެއްކުމުން ގަސްތުގައި އެއްކިބާވުމުގެ ކުށުގެ ތިން ދއުވާއެކެވެ. އަދި ޓެކްސް ދެއްކުމުން ގަސްތުގައި އެއްކިބާވުމުގެ ފަސް ދައުވާއެއް އިކުލީލުގެ މައްޗަށް އުފުލާފައިވެއެވެ.
އަދި ޕައިނިއާ މޯލްޑިވްސްގެ މައްޗަށް ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށުގެ ދެ ދައުވާއެއް އުފުލާފައިވާއިރު، އައިލެން ހެލްތު ސޮލިއުޝަންސްގެ މައްޗަށް އުފުލާފައިވަނީ ގާނޫނުގ ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ އެއް ދައުވާއާއި، ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށުގެ ތިން ދަައުވާއެކެވެ.
އެ ދެ ކުންފުނީގެ މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރި އަލީ ފަޔާޒުގެ މައްޗަށް ޓެކްސް ދެއްކުމުން ގަސްތުގއި އެއްކިބާވުމުގެ ކުށުގެ ފަސް ދައުވާ ކުރިއެވެ. އެއީ ސައްހަ ނޫން މައުލޫމާތު ހިމެނޭ ޓެކްްސް ބަޔާންތަކެއް ތައްޔާރުކޮށް ހުށަހެޅުމުގެ ތުހުމަތުގައެވެ.
މި މައްސަލާގައި އަލީ ލަތީފާއި އިކުލީލުގެ މައްޗަށް ދައުވާކުރީ އެ ދެ ބޭފުޅުންނަކީ މި މައްސަލާގައި ތުހުމަތުވާ ޕައިނިއާސް މޯލްޑިވްސް އަދި އައިލެންޑް ހެލްތު ސޮލިއުޝަންސްގައި އެ ދެ މީހުންގެ މަސްލަހަތު އޮތް މިންވަރަށް ބަލައިގެންނެވެ. އައިލެންޑް ހެލްތު ސޮލިއުޝަންސްގައި ޑރ.އަލީ ލަތީފުގެ ހިއްސާ އޮވެއެވެ. އަދި ޕައިނިއާ މޯލްޑިވްސްއާއި އައިލެންޑް ސޮލިއުޝަންސްގެ މެޖޯރިޓީ ހިއްސާދާރަކީ ޑރ.އިކުލީލެވެ. މި ދެ ކުންފުނި ހިންގުމުގައިވެސް ލަތީފާއި އިކުލީލު އިސްކޮށް އުޅުއްވިކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ޕީޖީ އޮފީހުން ބުނެފައިވަނީ މި ދައުވާތައް ސާބިތުވާ ހާލަތުގައި މި މައްސަލާގައި ޝާމިލުވާ ހުރިހާ އެންމެންގެ މައްޗަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދުމަށް ގަސްތުކުރާ ކަމަށެވެ.
މީރާއިން ބުނި ގޮތުގައި، ޓެކްސް އަހަރު 2020، 2021 އަދި 2022 އަށް، އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އިން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އަދި ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓެކްސް އަހަރު 2020 އަދި 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 102.7 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނަފައިނުވާކަން ވަނީ ފާހަގަކުރެވިފަ އެވެ.
އަދި މި ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖުމުލަ 4.3 މިލިއަން ރުފިޔާ އަދި ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އަންގައިފައިވެ އެވެ.