ENGLISH
21 ޖެނުއަރީ 2026
ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސް، ނިމޭނެ ކަމުގައި ބެލެވެނީ އަންނަ އަހަރު
21 ޖެނުއަރީ 2026
|
ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ތެރެއިން؛ އަންދާޒާކުރި ވަރަށްވުރެ މަސައްކަތް ލަސްކަމަށް ވަޒީރު ވިދާޅުވި
މާލެއާއި ވިލިމާލެއާއި ގުޅިފަޅު އަދި ތިލަފުށި ގުޅުވައިލުމަށް ތަރައްގީކުރަމުންދާ ބޮޑު ބުރިޖުގެ މަސައްކަތް ހިނގަމުންދަނީ އުންމީދުކުރި ދުވެއްޔަށްވުރެ ލަސްކޮށްކަމަށާއި މިހާރު އެ މަސައްކަތް ނިމޭނެކަމަށް ބެލެވެނީ އަންނަ އަހަރު ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މުއްތަލިބު ވިދާޅުވީ އިންޑިޔާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މި މަޝްރޫއުގެ މަސައްކަތް ލަސްވުމުގައި އެކި ސަބަބުތައް މެދުވެރިވެފައި އެބަހުރި ކަމަށެވެ.
އެގޮތުން ކޮންޓްރެކްޓަރަށް ކުރިމަތިވި ދަތިތަކުގެ ތެރެއިން އެއްކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ އިތުރު ފައިސާ ދިނުމަކާ ނުލައި ކުރީ ސަރުކާރުން ކޮންޓްރެކްޓަށް 30 މަހުގެ މުއްދަތެއް އިތުރުކުރުމެވެ. އަދި އެކަމުގެ ސަބަބުން ކޮންޓްރެކްޓަރު އަތުން އިތުރު 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ހަރަދެއް އެ ކުންފުނީގެ އަތުން ހިނގާނެ ކަމަށް ކުންފުނިން ބުނެފައިވާ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
ނަމަވެސް މުއްދަތު އިތުރުކުރަންޖެހުނީ އެއްވެސް ހާލެއްގަައި ދައުލަތުން ޒިންމާވާންޖެހޭ ސަބަބެއް މެދުވެރިގެން ނޫން ކަމަށާއި، ކޮންޓްރެކްޓަރުގެ ޕާފޯމެންސް ދަށްވުމުގެ ސަބަބުން މެދުވެރިވާ ލަސްވުމަށް ސަރުކާރުން ޒިންމާ ނަގަންނުޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިހާރު މަސައްކަތް ކުރިއަށްދިޔަ ނަމަވެސް އިތުރަށް ދުވެލި ހަލުއިކުރުމަށް އިންޑިޔާ ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ވިލިމާލެއާއި މާލެއާ ގުޅައިލުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދުގެ ސެގްމެންޓުތައް ގުޅައިލަމުންދާކަން މުއްތަލިބު ފާހަގަކުރެއްވިއެވެ.
މިހާރު އޮތް ގޮތުން ވިއްޔާ މި އަހަރު ނިމޭއިރަށް ގާތްގަނޑަކަށް ވިލިމާލެއާ ހަމައަށް ގުޅާލެވޭނެ ކަމަށް ބަލަނީ. ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ މިހާރު ގުޅިފަޅު ވެސް އާބާދުވަމުން އަންނާތިއްޔާ އެއްކޮށް އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާ އެކީ މަސައްކަތްކޮށްގެން ވީހާ ވެސް އަވަހަކަށް ކުރަން،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިހާރު މަސައްކަތް ކުރިއަށްދާ ދުވެއްޔަށް ބަލާއިރު ކުރިން އަންދާޒާކުރި ގޮތަށް މި އަހަރުގެ ނިޔަލަށް ބުރިޖުގެ މަސައްކަަތްް ނުނިމޭނެއެވެ. އޭނާ ވިދާޅުވީ މިހާރު މަސައްކަތް ދާ ދުވެއްޔަށް ބަލާއިރު މުޅި ބުރިޖުގެ މަސައްކަތް ނިމޭނީ 2027 ވަނަ އަހަރު ކަމަށެވެ.
މި ބުރިޖު އަޅަނީ 500 މިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ. އެއިން 100 މިލިއަން ޑޮލަރަކީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 400 މިލިއަން ޑޮލަރަކީ އިންޑިޔާގެ އެގްޒިމް ބޭންކުން ހަމަޖައްސައިދީފައިވާ ލައިން އޮފް ކްރެޑިޓުގެ ދަށުން ހަމަޖެހުނު ފައިސާއެވެ. މަސައްކަތުގެ ކޮންޓްރެކްޓަރަކީ އިންޑިޔާގެ އެފްކޮންސް ކުންފުންޏެވެ.